އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާނީ އަމިއްލަގޮތުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިއަދު ސަން އަށް ވިދާޅުވީ، ޕީޕީއެމްގެ ޓިކެޓު ހޯދުމަށް އެއްވެސް މަސައްކަތެއް ދެން ނުކުރާނެ ކަމަށާއި ސަބަބަކީ ޑިމޮކްރެޓިކް އުސޫލުތަކާ ދުރަށް އެޕާޓީ ގޮސްފައިވާތީ ކަމަށެވެ.
"އަޅުގަނޑު މިހާރު ނިންމައިފިން އަމިއްލަގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރަން،" އުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އަމިއްލަގޮތުން އިންތިޚާބުގައި ވާދަކުރެއްވިޔަސް ކޯލިޝަނެއް ހެދުމަށް މަސައްކަތް ކުރާނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަނި އިންތިޚާބުގައި ވާދަކުރައްވަން ދޫކޮށްނުލާނެ ކަމަށެވެ.
ކޯލިޝަނެއްގެ ތެރެއިން މަސައްކަތްކުރާއިރު، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އޭނާ ކުރިމަތިލުމަށް ކޯލިޝަންގެ ބައިވެރިން ލަފާދީފިނަމަ އެގޮތަށް އަމަލުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު މިހާރު އަމިއްލަގޮތުން ވާދަކުރަން ނިންމިޔަސް، ކޯލިޝަނެއްގެ ތެރެއިން އަޅުގަނޑު މަސައްކަތްކުރާއިރު، ކޯލިޝަންގެ ބައިވެރިން ލަފާދީފާނެ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ކުރިމަތިލާން. އެހެންވެއްޖެއްޔާ އަޅުގަނޑު ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ނުކުންނާނީ،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ޖަލަށްނުލައިފިނަމަ، ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި އޭނާގެ ނަން އޮންނާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށްދޭ ކަމަށެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ލަންޑަނަށް ވަޑައިގެން އުމަރު ވަނީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދާ ބައްދަލުކުރައްވައި ރިޔާސީ އިންތިޚާބާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.