ސްވަންސީ އަތުން ބަލިވެ ލެސްޓާއިން ރެލިގޭޝަންއާ ޕޮައިންޓަކާ ގާތަށް

އިނގިރޭސި ލީގްގައި ރޭ ސްވެންސް އާއި ލެސްޓާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

ސްވަންސީ ސިޓީ އަތުން 2-0ގެ ނަތީޖާ އަކުން ބަލިވެ އިނގިރޭސި ޕްރިމިއާ ލީގްގެ އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީން ރެލިގޭޝަނަށް ވެއްޓުމަށް އެއް ޕޮއިންޓާ ގާތަށް ޖެހިލައިފި އެވެ.

ރޭގެ މެޗުން ބަލިވި ލެސްޓާ އޮތީ ކުޅުނު 25 މެޗުން 21 ޕޮއިންޓް ލިބި ތާވަލުގެ ފުލުން ހަތަރު ވަނައިގަ އެވެ. އެންމެ ފުލުގައި އޮތް ސަންޑަލޭންޑަށް 19 ޕޮއިންޓް ލިބޭ އިރު 19 ވަނާގައި އޮތް ކްރިސްޓަލް ޕެލަސް އޮތީ ގޯލުގެ ތަފާތުން ކުރި ލިބިގެންނެވެ. އަށާރަ ވަނައިގައި އޮތް ހަލް ސިޓީ އޮތީ ލެސްޓާ އަށް ވުރެން އެއް ޕޮއިންޓް މަދުން ލިބިގެންނެވެ. ރެލިގޭޝަންގައި ވާދަކުރުން ޖެހޭނީ ފުލުގައި އޮންނަ ތިން ޓީމެވެ.

ލެސްޓާއިން ލީގުގައި މިއަހަރު ކުޅުނު އެއްވެސް މެޗަކުން މޮޅުވެފައިނުވާ އިރު ރޭގެ މެޗަށް އެޓީމިން ނިކުތީ މަދުވެގެން ޕޮއިންޓެއް ހޯދާށެވެ. މެޗު ފެށިގެން ލެސްޓާ އިން ރަނގަޅަށް ކުޅުނު ނަމަވެސް 36 ވަނަ މިނެޓްގައި ސްވަންސީގެ އިނގިރޭސި ޑިފެންޑަރު އެލްފީ މައުސޮން ވަނީ އެޓީމަށް ލީޑް ނަގައިދީފައެވެ. އަދި ދެވަނަ ގޯލު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ކާމިޔާބްކުރީ މާޓިން އޮލްސޮން އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން މިދިޔަ ސީޒަނުގެ ލީގް ލެސްޓާއަށް ކާމިޔާބުކޮށްދިން ކޯޗު ކުލައުޑިއޯ ރަނިއެރީ ބުނީ އެ މެޗުން މޮޅުވުމަށް ލެސްޓާއިން ވަރަށް ރަނގަޅަށް ތައްޔާރުވި ކަމަށާއި މެޗު ފެށިގެން ލެސްޓާއިން ރަނގަޅަށް ކުޅުނު ކަމަށެވެ.

"އަހަރެމުން ވަރަށް ރަނގަޅަށް ފެށީ ވެސް. ނަމަވެސް ސްވެންސީ އިން ގޯލަށް އަމާޒްކޮށް ފޮނުވާލި ދެ ބޯޅަ ވެސް ގޯލަަށް ވަނުމުން އަލުން އަނބުރާ ކުޅުމުގެ ތެރެއަށް އައުމަށް އުނދަގޫތަކެއް ކުރިމަތިވި،" ރަނިއެރީ ބުންޏެވެ.

ރަނިއެރީ ބުނީ ލެސްޓާގެ ވިސްނުން ހުރީ ޕްރިމިއާ ލީގްގައި ދެމި ތިބުމަށް ކަމަށާއި އެފްއޭ ކަޕާއި ޗެމްޕިއަންސް ލީގަކީ އަދި ތަފާތު ދެ މުބާރާތެއް ކަމަށެވެ.

comment ކޮމެންޓް