ޖޯން ސޭފަޓް އަދިވެސް ޑީޕޯޓު ނުކުރެވޭ

ހުޅުމާލޭގައި ހިންގި ހަރަކާތެއްގައި ޖޯން ސޭފޯޓް --

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކުރި އެމެރިކާ މީހާ، ޖޯން ސޭފާޓް އަދިވެސް ހުރީ އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައި ކަމަށް އެ މުއައްސަސާއިން ބުނެފިއެވެ.

މިދިޔަ ޖެނުއަރީ 16 ވަނަ ދުވަހުގެ ރޭ މޯލްޑިވްސް އިމިގްރޭޝަނުން ވަނީ، ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އޮޕަރޭޝަނެއް ހިންގައި، 10 މީހަކު ބަލައި ފާސްކޮށްފައެވެ. އެގޮތުން، ސައްހަ ޑޮކިއުމެންޓޭޝަން ނެތް ހަތަރު މީހަކު ހައްޔަރުކުރި އިރު، އޭގެ ތެރޭގައި، ހުޅުމާލޭގައި ގެސްޓްހައުސްއަކަށް އިންވެސްޓްކުރި އެމެރިކާގެ ޖޯން ސޭފާޓް ހިމެނެއެވެ.

ޖޯން ރާއްޖޭގައި އުޅެމުން ދިޔައީ ވިސާ ނެތި ކަމުން، އެރޭ އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ. އިމިގްރޭޝަނުން ނިންމާފައި ވަނީ ޖޯން ސޭފާޓް ޑީޕޯޓު ކޮށްލާށެވެ.

ނަމަވެސް އޭނާގެ ޕާސްޕޯޓު ގެއްލިފައި ވާތީ، ސްރީލަންކާގައި ހުންނަ އެމެރިކާ އެމްބަސީން މިދިޔަ މަހުގެ ތެރޭގައި ރާއްޖެ އައިސް، ޖޯންގެ ޕާސްޕޯޓު ހެއްދުމުގެ ކަންކަން ވަނީ ފަށާފައެވެ. އެމެރިކާގެ ޑިޕާޓްމެންޓް އޮފް ސްޓޭޓުން އޭނާ ގެންދިއުމަށް ބޭނުންވާ ކަމަށާއި، އޭނާވެސް މިހާރު ބޭނުންވަނީ ރާއްޖެ ދޫކޮށް، އެމެރިކާއަށް ދާން ކަމަށް އިމިގްރޭޝަނުން ކުރިން ބުނެފައިވެ އެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ތަރުޖަމާނު ހަސަން ޚަލީލް މިއަދު "ސަން" އަށް ވިދާޅުވީ، ޖޯން އަދިވެސް ހުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ކަމަށާއި، އޭނާ ޑީޕޯޓުކޮށް، ރާއްޖެއިން ފޮނުވާލެވޭނީ އޭނާއަށް ޕާސްޕޯޓް ލިބުމުން ކަމަށެވެ.

ޚަލީލް ވިދާޅުވީ އޭނާ ފޮނުވާލުމުގެ ކަންކަން އަވަސްކުރުމަށް އިތުރު މަސައްކަތްތަކެއް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ޖޯން ސޭފޯޓަކީ ސޯޝަލް މީޑިއާގައި ވެސް ހަރަކާތްތެރި، އަދި ދިވެހީންނާ ގާތް ގުޅުން ބާއްވަމުން އައި މީހެކެވެ. ފޭސްބުކް އާއި ޓްވިޓާގައި އޭނާ މައިގަނޑުގޮތެއްގައި ދައްކާ ވާހަކައަކީ، ގެސްޓްހައުސް ހުޅުވުމަށް އޭނާގެ އަތުން ފައިސާ ހޯދައި، އޭނާއަށް މަކަރުހަދައި ލަނޑު ދިން ވާހަކައެވެ.

އޭނާގެ ގާނޫނީ ވަކީލަކަށް މަސައްކަތް ކުރެއްވި އަލީ އާޒިމް ސަން އަށް ވިދާޅުވީ ޖޯން ރާއްޖެއަށް ދެ ލައްކަ ފަންސާސްހާސް ޑޮލަރު އިންވެސްޓްކޮށްފައި ވަނީ ދެ ދިވެހިންނާ ގުޅިގެން ކަމަށެވެ. ނަމަވެސް ފަހުން ދިވެހިންތައް ޖޯން އެ ވިޔަފާރިން ބޭރުކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ވިޔަފާރީގެ މައްސަލަ ޖޯންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ޖޯންއާ އެއްކޮޅަށް ވަނީ ނިންމާފަ އެވެ. އެގޮތުން ޖޯންގެ ޕާޓްނަރު ވ. ފުލިދޫ، ޑޭޒީމާގޭ އަބްދުލްހަސީބް މުހައްމަދު 42،000 އެއްހާ ޑޮލަރު ޖޯންއަށް ދިނުމަށް ހުކުމް ކޮށްފައިވެ އެވެ.

ނަމަވެސް އެ ފައިސާ މިހާތަނަށް ދީފައިނުވާ ކަމަށް ޖޯންގެ ވަކީލު ވިދާޅުވި އެވެ. އަދި މައްސަލަ ނިންމި ގޮތާ މެދު ހިތްހަމަ ނުޖެހިގެން އެ މައްސަަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާކަން ވެސް ވަނީ އެނގިފައެވެ.

comment ކޮމެންޓް