ޖޯން ބޭނުންވަނީ ރާއްޖެ ދޫކޮށް ދާން: އިމިގްރޭޝަން

ހުޅުމާލޭގައި ހިންގި ހަރަކާތެއްގައި ޖޯން ސޭފޯޓް --

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކުރި އެމެރިކާ މީހާ، ޖޯން ސޭފާޓްގެ ޕާސްޕޯޓު ހެއްދުނުހާ އަވަހަކަށް އޭނާ ރާއްޖެއިން ޑީޕޯޓުކޮށްލެވޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

ޖެނުއަރީ 16 ވަނަ ދުވަހުގެ ރޭ މޯލްޑިވްސް އިމިގްރޭޝަނުން ވަނީ، ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އޮޕަރޭޝަނެއް ހިންގައި، 10 މީހަކު ބަލައި ފާސްކޮށްފަ އެވެ. އެގޮތުން، ސައްހަ ޑޮކިއުމެންޓޭޝަން ނެތް ހަތަރު މީހަކު ހައްޔަރުކުރި އިރު، އޭގެ ތެރޭގައި، ހުޅުމާލޭގައި ގެސްޓްހައުސްއަކަށް އިންވެސްޓްކުރި އެމެރިކާގެ ޖޯން ސޭފާޓް ހިމެނެ އެވެ.

ޖޯން ރާއްޖޭގައި ދިރިއުޅެމުން ދިޔައީ ވިސާ ނެތި ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

މީގެ އިތުރުން، އޭނާގެ ޕާސްޕޯޓު ވެސް ވަގަށް ނަގައިގެން، އެ މައްސަލަ ޖޯން ވަނީ ފުލުހުންނަށާއި، ކޮލޮމްބޯގައި ހުންނަ އެމެރިކާ އެމްބަސީއަށް ހުށަހަޅާފައެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ތަރުޖަމާނު ހަސަން ޚަލީލް މިއަދު "ސަން" އަށް ވިދާޅުވީ، އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުގެ ޓީމެއް، ކޮލޮމްބޯގައި ހުންނަ އެމްބަސީން ރާއްޖެއަށް އައިސް، ޖޯންއާ ބައްދަލުކޮށްފައިވާ ކަމަށެވެ.

އަދި ޖޯންގެ ޕާސްޕޯޓު ހެއްދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، އޭނާގެ ޕާސްޕޯޓު ހެއްދޭހާ އަވަހަކަށް އޭނާ ޑީޕޯޓު ކޮށްލެވޭނެ ކަމަށް ޚަލީލް ވިދާޅުވި އެވެ.

"އޭނާ ޑީޕޯޓުކޮށްލެވޭނެކަން ކަށަވަރު. ސްޓޭޓް ޑިޕާޓްމެންޓުން ބޭނުންވަނީ އޭނާ އެމެރިކާއަށް ގެންދަން. ޖޯންވެސް މިހާރު ބުނަމުން ދަނީ އޭނާ ބޭނުމެއް ނެތޭ ރާއްޖޭގައި ހުންނަން، އަދި ދާންށޭ ބޭނުން ވަނީ،" ޚަލީލް ވިދާޅުވި އެވެ.

ޖޯން ސޭފޯޓްއަކީ ސޯޝަލް މީޑިއާގައި ވެސް ހަރަކާތްތެރި، އަދި ދިވެހީންނާ ގާތް ގުޅުން ބާއްވަމުން އައި މީހެކެވެ. ފޭސްބުކް އާއި ޓްވިޓާގައި އޭނާ މައިގަނޑުގޮތެއްގައި ދައްކާ ވާހަކައަކީ، ގެސްޓްހައުސް ހުޅުވުމަށް އޭނާގެ އަތުން ފައިސާ ހޯދައި، އޭނާއަށް މަކަރުހަދައި ލަނޑު ދިން ވާހަކައެވެ.

އޭނާގެ ގާނޫނީ ވަކީލަކަށް މަސައްކަތް ކުރެއްވި އަލީ އާޒިމް ސަން އަށް ވިދާޅުވީ ޖޯން ރާއްޖެއަށް ދެ ލައްކަ ފަންސާސްހާސް ޑޮލަރު އިންވެސްޓްކޮށްފައި ވަނީ ދެ ދިވެހިންނާ ގުޅިގެން ކަމަށެވެ. ނަމަވެސް ފަހުން ދިވެހިންތައް ޖޯން އެ ވިޔަފާރިން ބޭރުކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ވިޔަފާރީގެ މައްސަލަ ޖޯންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެމައްސަލަ ޖޯންއާ އެއްކޮޅަށް ވަނީ ނިންމާފަ އެވެ. އެގޮތުން ޖޯންގެ ޕާޓްނަރު ވ. ފުލިދޫ، ޑޭޒީމާގޭ އަބްދުލްހަސީބް މުހައްމަދު 42،000 އެއްހާ ޑޮލަރު ޖޯންއަށް ދިނުމަށް ހުކުމް ކޮށްފައިވެއެވެ.

ނަމަވެސް އެ ފައިސާ މިހާތަނަށް ދީފައިނުވާ ކަމަށް ޖޯންގެ ވަކީލު ވިދާޅުވި އެވެ. އަދި މައްސަލަ ނިންމި ގޮތާ މެދު ހިތްހަމަ ނުޖެހިގެން އެ މައްސަަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާކަން ވެސް ވަނީ އެނގިފައެވެ.

comment ކޮމެންޓް