ޖޯންގެ ވަކީލު ބުނަނީ، އޭނާއަށް ދިވެހި ބަޔަކު ލަނޑުދިނީ ކަމަށް!؟

ޖޯން ސޭފޯޓް ދިވެހިންތަކަކާއެކު---

އިމިގުރޭޝަންއިން ޑީޕޯޓްކުރަން ނިންމާފައިވާ އެމެރިކާގެ ޖޯން ސޭފޯޓް އަކީ ދިވެހިންތަކެއް ލަޑުދީ ޕާސްޕޯޓް ވަގަށް ނަގާފައިވާ މީހެއް ކަމަށް އޭނާގެ ވަކީލް ބުނެފި އެވެ.

އިމިގްރޭޝަނުން ހޯމަ ދުވަހުގެ ރޭ މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނުގައި، ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅެމުންދާތީ ހައްޔަރުކުރި މީހުންގެ ތެރެއިން ޑީޕޯޓް ކުރަން ނިންމާފައިވާ ޖޯން ކިޔާ، އުމުރުން 76 އަހަރުގެ އެ މީހާއަކީ، މީގެ އަހަރުތަކެއް ކުރިން ރާއްޖެ އައިސް، ދިވެހި ބަޔަކާ ގުޅިގެން ހުޅުމާލޭގައި "ލަ ވިއު ނީސް އިން"ގެ ނަމުގައި ގެސްޓްހައުސެއް ހުޅުވައި، އެ ވިޔަފާރީގައި ބައިވެރިވަމުން އަންނަ އިންވެސްޓަރެކެވެ.

އޭނާގެ ގާނޫނީ ވަކީލަކަށް މަސައްކަތްކުރެއްވި އަލީ އާޒިމް މިއަދު ސަން އަށް ވިދާޅުވީ ޖޯން ރާއްޖެއަށް ދެ ލައްކަ ފަންސާސްހާސް ޑޮލަރު އިންވެސްޓްކޮށްފައި ވަނީ ދެ ދިވެހިންނާ ގުޅިގެން ކަމަށެވެ. ނަމަވެސް ފަހުން ދިވެހިންތައް ޖޯން އެވިޔަފާރިން ބޭރުކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

ވިޔަފާރީގެ މައްސަލަ ޖޯންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެމައްސަލަ ޖޯންއާ އެއްކޮޅަށް ވަނީ ނިންމާފަ އެވެ. އެގޮތުން ޖޯންގެ ޕާޓްނަރު ވ.ފުލިދޫ، ޑޭޒީމާގޭ އަބްދުލްހަސީބް މުހައްމަދު 42،000 އެއްހާ ޑޮލަރު ޖޯންއަށް ދިނުމަށް ހުކުމް ކޮށްފައިވެ އެވެ.

ނަމަވެސް އެ ފައިސާ މިހާތަނަށް ދީފައިނުވާ ކަމަށް ޖޯންގެ ވަކީލު ވިދާޅުވި އެވެ. އަދި މައްސަލަ ނިންމި ގޮތާ މެދު ހިތްހަމަ ނުޖެހިގެން އެ މައްސަަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާކަން ވެސް ވަނީ އެނގިފަ އެވެ.

ޖޯންގެ ފަރާތުން މައުލޫމާތު ދޭ ގޮތުގައި ބިޒުނަސް ޕާޓްނަރުންގެ ގޮތުގައި ޖޯންއާ އެކު މަސައްކަތްކޮށްފައިވާ ދިވެހިންނަކީ މަޖިލިސް މެމްބަރެއްގެ އަނބިކަބަލުންގެ އާއިލާ ދެ މީހުންނެވެ.

އާޒިމް ވިދާޅުވީ ޖޯން ރާއްޖެއިން ފޮނުވާލުމަށް އެކި ގޮތްގޮތުން ބިރުދައްކާފައިވާ ކަމަށެވެ. އެގޮތުން އޭނާ މަރާލާނެ ކަމަށް ބުނެ 33 ފޯން ކޯލް ކޮށްފައިވާ އިރު ދަނޑިބުރިއަކުން ހަމަލާދީފައިވާ ކަމަށް ވެސް އާޒިމް ބުންޏެވެ. އަދި އެމައްސަލަ ފުލުހުންނަށް ވަނީ ހުށައަޅާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޕާސްޕޯޓް ނެތްކަމަށް ބުނެ ޖޯން ހައްޔަރުކޮށްފައިވާ އިރު ދެ ފަހަރެއްގެ މަތިން އޭނާ ޕާސްޕޯޓް ވަގަށް ނެގީ ކަމަށާއި އެ މައްސަލަ ފުލުހުންނަށް ވެސް ހުށައަޅާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، ޖޯން ސޭފޯޓް ދިރިއުޅެމުން ދިޔަ ތަނުން ވައްކަންކޮށް، އޭނާގެ ޕާސްޕޯޓު ވަގަށް ނެގި މައްސަލަ 2014 ވަނަ އަހަރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލަ ތަހުގީގުކޮށް، ޕާސްޕޯޓު ގެއްލިފައިވާ ކަމުގެ ލިޔުމެއް ފުލުހުންގެ ފަރާތުން އޭނާއަށް ދިން ކަމަށެވެ.

ދެ ވަނަ ފަހަރަށް ޕާސްޕޯޓް ވަގަށް ނެގުމުން އެމައްސަލަ ކޮލޮމްބޯގައި ހުންނަ އެމެރިކާ އެމްބަސީއަށް ހުށައެޅުމުން މިމަހު ފަހުކޮޅު ޕާސްޕޯޓް ހަދައިދިނުމަށް އޮފިޝަލަކު މާލެ ފޮނުވާނެ ކަމަށް އަންގާފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އެތުހުމަތުތަކާ ގުޅިގެން މިހާރު އެ ގެސްޓްހައުސް ހިންގާ ފަރާތްތަކުގެ ބަހެއް އަދި ވަނީ ލިބޭގޮތްނުވެފަ އެވެ. ނަމަވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް އެބޭފުޅުން އަންނަނީ އެތުހުމަތުތައް ދޮގުރަމުންނެވެ.

އެމެރިކާގެ ރައްޔިތަކު ރާއްޖެ އިން ހައްޔަރުކުރި މައްސަލައިގައި، ކޮލޮމްބޯގައި ހުންނަ އެމެރިކާ އެމްބަސީ އިން ނެރުނު ބަޔާނެއްގައި ބުނީ، އެމެރިކާ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވުރެ މުހިންމު ކަމެއް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓަށް ނޯންނާނެ ކަމަށެވެ.

ޖޯން ސޭފޯޓްއަކީ ސޯޝަލް މީޑިއާގައި ވެސް ހަރަކާތްތެރި، އަދި ދިވެހީންނާ ގާތް ގުޅުން ބާއްވަމުން އައި މީހެކެވެ. ފޭސްބުކްއާއި ޓްވިޓާގައި އޭނާ މައިގަނޑުގޮތެއްގައި ދައްކާ ވާހަކައަކީ، ގެސްޓްހައުސް ހުޅުވުމަށް އޭނާގެ އަތުން ފައިސާ ހޯދައި، އޭނާއަށް މަކަރުހަދައި ލަނޑު ދިން ވާހަކަ އެވެ.

comment ކޮމެންޓް