ސިނގިރޭޓާއި އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑު ކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

އެނާޖީ ޑްރިންކްތަކެއް މީހަކު ގަންނަނީ-- ސަން ފައިލް ފޮޓޯ

ސިނގިރޭޓާއި އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

މާދަމާ މަޖިލީހުގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވަން ތާވަލުކޮށްފައިވާ އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރެެވެ.

އެ އިސްލާހު ހުށަހެޅި ގޮތަށް މަޖިލީހުން ފާސްވެއްޖެ ނަމަ ސޮފްޓް ޑްރިންކާއި އެނާޖީ ޑްރިންކުގެ އަގުވެސް ބޮޑުވެގެންދާނެ އެވެ. އަދި ސިނގިރެޓްގެ އަގުވެސް ބޮޑުވެގެން ދާނެ އެވެ.

ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް އާމިރު ވިދާޅުވެފައިވަނީ ސަރުކާރުގެ ބޭނުމަކީ ސިއްހަތަށް ގެއްލުން ލިބޭ ބާވަތްތައް ބޭނުންކުރުމުން އާންމުން ދުރުހެލިކުރުން ކަމަށެވެ.

މިދިޔަ އަހަރު ބަޖެޓް ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވަނީ އެނާޖީ ޑްރިންކާއި ސިގިރެޓުން ޑިއުޓީ ބޮޑުކުރަން މަޖިލީހުގައި އެދި ވަޑައިގެންފަ އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މިދިޔަ އަހަރުގެ ބަޖެޓްގައިވާ ގޮތުން މި އަހަރުން ފެށިގެން ސިނގިރޭޓަކުން ނަގާ ޓެކްސް 1.75 ރުފިޔާއަށް ބޮޑުވާނެ އެވެ. ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން މިހާރު 47 ރުފިޔާއަށް ލިބޭ ސިނގިރެޓް ފޮއްޓެއް މި އަހަރުން ފެށިގެން ލިބޭނީ 60 ރުފިޔާއަށް ވުރެ ބޮޑުކޮށެވެ.

ސިނގިރޭޓުން ނަގާ އިމްޕޯޓްޑިއުޓީ ބޮޑުކޮށްގެން 200 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރާއިރު އެނާޖީ ޑްރިންކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކޮށްގެން ނުވަ މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

comment ކޮމެންޓް