ހަސަން ލަތީފުގެ ޗެއާ ޕާސަންކަމުގެ ދަށުން ޕާޓީގެ ހިންގުން ވަރުގަދަވެގެންދާނެ: އެމްޑީޕީ

އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިޚާބުވެވަޑައިގަތް ހަސަން ލަތީފު އާއި އޭނާގެ ނައިބު --

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ޗެއާޕާސަންކަމަށް އިންތިޚާބުވެވަޑައިގެންނެވި ހަސަން ލަތީފުގެ ލީޑާޝިޕްގެ ދަށުން އެޕާޓީގެ ހިންގުމާއި ހަރަކާތްތައް އިތުރަށް ވަރުގަދަވެ، ކުރިއަރައިދާނޭ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެ މަގާމަށް ހަސަން ލަތީފު އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިދިޔަ ހުކުރު ދުވަހު ބޭއްވި އިންތިޚާބުގައި ހަސަން ލަތީފު އެ ޕާޓީގެ ޗެއާޕާސަންގެ ކަމުގެ މަގާމަށް އިންތިޚާބުވެވަޑައިގަތީ ގިނަ އަދަދެއްގެ ވޯޓުން ކަމަށާއި އެހެން ކަމުން އޭނާ އަށް މަރުޙަބާ ދަންނަވާ ކަމަށެވެ.

އެޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ޗެއާޕާސަން ކަމަށް އިންތިޚާބުވާނީ މެމްބަރުންގެ އަދަދުން 10 ޕަސެންޓު ލިބިގެންނެވެ. އެ އިންތިޚާބަށް ވާދަ ކުރީ ހަމަ އެކަނި ހަސަން ލަތީފު ކަމުގައިވީ ނަމަވެސް އޭނާ އަށް އެ އަދަދަށް ވުރެ އިތުރަށް ވޯޓު ލިބިފައިވާކަން ވެސް އެމްޑީޕީން ފާހަގަކޮށްފައިވެ އެވެ.

"މި އިންތިޙާބުގައި ވޯޓުލުމަށް އެއްވެސް މަޖުބޫރުކަމެއް ނުވަތަ ބިރެއް ނެތި، މިޕާޓީގެ މެމްބަރުންގެ ތެރެއިން 25،000 އަށް ވުރެ ގިނަ މެމްބަރުން ޖޯޝާއި ފޯރީގައި ވޯޓުލުމުގައި ބައިވެރިވެފައިވާކަން އުފަލާ އެކު ފާހަގަކުރަމެވެ. އަދި ވޯޓުލުމުގެ ހަރަކާތްތައް ހިންގުމަށް ސަރުކާރުން އެއްވެސް އިމާރާތެއް ދޫކުރުމަށް އިންކާރުކޮށް ހުރަސްއަޅާފައިވަނިކޮށް، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައާއި ސްރީލަންކާގެ ކޮލަމްބޯގައި ވޯޓުލުމުގެ އިންތިޒާމް ހަމަޖައްސައި ކުރިއަށް ގެންގޮސްފައިވުމުން އެގެނީ މިޕާޓީއަކީ ތަރުތީބުވެ، އިންތިޒާމްވެގެން ރާއްޖޭގައި ސުލްޙަވެރި ސިޔަސީ ހަރަކާތްތައް ހިންގަމުންދާ އެންމެ ކުޅަދާން އަދި އެންމެ މަޤުބޫލު ސިޔާސީ ޕާޓީކަމެވެ." އެ ޕާޓީގެ ބަޔާނުގައިވެ އެވެ.

comment ކޮމެންޓް