އަހަރެން ވަރުބަލިހެން ހީވަނީ ހެނދުނާ ތެދުވާތީ: ވެންގާ

ވެންގާ: އޭނާ ބުނީ އާސެނަލްގެ ކޯޗުގެ މަގާމު ދޫކޮށްލަން އޭނާ އަދި ތައްޔާރު ނުވާ ކަމަށް ---

ވޭތުވެދިޔަ ވިއްސަކަށް އަހަރު، އިނގިރޭސި ފުޓްބޯޅަ ކްލަބު އާސެނަލްގެ ކޯޗުގެ މަގާމްގައި ހުރި އާސެން ވެންގާ އެ މަގާމްގައި ހުރެ ވަރުބަލި ނުވާ ކަމަށާއި ބަޔަކަށް އޭނާ ވަރުބަލިވެފައި ހުންނަ ކަމަށް ފެންނަނީ އޭނާ ހެދުނާ ހޭލެއިގެން އުޅޭތީ ކަމަށް ވެންގާ ބުނެފިއެވެ.

މިދިޔަ ހަފްތާގައި ބީބީސީ ރޭޑިއޯއަށް ދިން އިންޓަވިއުއެއްގައި އާސެނަލްގެ ކުރީގެ ކުޅުންތެރިޔާ އިއާން ރައިޓް ބުނީ ވެންގާގެ ފަރާތުން ކޮންމެ ވެސް ވަރަކަށް ވަރުބަލިކަން ފެންނަ ކަމަށާއި ލަފާ ކުރެވޭ ގޮތުގައި މިސީޒަނަށް ފަހު ވެންގާ މަގާމުން ދުރަށް ޖެހޭނެ ކަމަަށެވެ.

ރޭ ހަލް ސިޓީ އަތުން 0-2ގެ ނަތީޖާއަކުން މޮޅުވި މެޗަށްފަހު ވާހަކަ ދައްކަމުން އުމުރުން 67 އަހަރުގެ ވެންގާ ބުނީ އޭނާ އެއްވެސް މީހެއް ކައިރީގައި އާސެނަލް ދޫކޮށްލާ ވާހަކައެއް ދައްކާފައި ނުވާނެ ކަމަށާއި އެކަމަށް އަދި ތައްޔާރެއް ވެސް ނުވާ ކަމަށެވެ.

"ރައިޓްގެ އިތުރުން ބައެއް އެހެން ރައްޓެހިންތަކަކާ އެކު ކުރިއަށް ދިޔަ ރޭގަނޑުގެ ކެއުމެއްގައި ވާނެ ކޮންމެ ވެސް ވަރަކަށް އާސެނަލްއާ ގުޅޭ ގޮތުން ވާހަކަ ދެކެވިފަ. ބައެއް ބޭނުން ވެދާނެ އަހަރެން އަރާމުކުރަން ގޭގައި މަޑުކޮށްލަން. އަހަރެންމީ އަބަދުވެސް ހެދުނާ ހޭލާ މީހެއް އެހެންވެ ވަރުބަލި ކަމެއް ފެނުން އެކަށީގެންވޭ. އެއީ ކޮންމެހެން ކޯޗުގެ މަގާމްގައި ހުރެ ކުރާ މަސަތްކަތް ބުރަވެގެން ވާ ކަމެއް ނޫން،" 1996 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި އާސެނަލްގެ ކޯޗު ކަމާ ހަވާލުވި ވެންގާ ބުންޏެވެ.

ވެންގާ އަކީ ޕްރިމިއާ ލީގްގެ ދިގު ތާރީހްގައި ކްލަބެއްގެ ކޯޗުކަމުގައި ދެވަނައަށް އެންމެ ގިނަ ދުވަސް ހޭދަކޮށްފައިވާ މީހާއެވެ. އޭނާގެ ކޮންޓްރެކްޓް މި ސީޒަނަށް ފަހު ހަމަވާއިރު އާސެނަލްގެ ބައެއް ސަޕޯޓަރުން އަންނަނީ ވެންގާ އެޓީމް ދޫކޮށްލަންޖެހޭ ވަގުތު ޖެހިއްޖެ ކަމަށް ބުނަމުންނެވެ.

"އަހަރެން ވަރަށް ބޮޑަށް އިހްތިރާމްކުރަން މިގައުމުގެ މީހުނަށާއި ކްލަބަށް. އަހަރެންގެ މަސައްކަތަކަށް ވާނީ އެމީހުން އުފާކޮށްދިނުން. އެކަން ނުކުރެވޭ ކަމަށްވަންޏާ އަހަރެން ވެސް މާޔޫސް ވާނެ،" ފްރާންސްއަސް އުފަން ވެންގާ ބުންޏެވެ.

comment ކޮމެންޓް