އަކްޝޭގެ 'ޖޮލީ އެލްއެލްބީ 2'އަށް ރަނގަޅު ފެށުމެއް

ޖޮލީ އެލްއެލްބީ 2 ގެ މަންޒަރެއްގައި އަކްޝޭ އަދި ހުމާ: ފިލްމު ރިލީޒް ކުރި ދުވަހު ވެސް ރަނގަޅު އާމްދަނީއެއް ވަނީ ހޯދާފައި

ސުބާޝް ކަޕޫރު ޑައިރެކްޓުކޮށް އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދާ ފިލްމު 'ޖޮލީ އެލްއެލްބީ 2' ރިލީޒް ކުރި ދުވަހު ވެސް ރަނގަޅު އާމްދަނީއެއް ހޯދައި ފެށުން ރަނގަޅު ކޮށްފިއެވެ.

ޓްރޭޑް އެނަލިސްޓު ތަރަން އާދަރްޝް ކުރި ޓުވީޓެއްގައި ބުނެފައި ވަނީ 'ޖޮލީ އެލްއެލްބީ 2' އަށް ފުރަތަމަ ދުވަހު 13.20 ކުރޯޑު ރުޕީޒްގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ.

އަދި ބެލުންތެރިންނާ ކްރިޓިކްސްގެ ފަރާތުން ފިލްމަށް ރަނގަޅު ކޮމެންޓުތަކެއް ލިބިފައިވާ އިރު ކުރިއަށް އޮތް ހަފްތާ ތަކުގައި ފިލްމަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ތަރަން ކުރި އިތުރު ޓުވީޓެއްގައި ބުނެފައި ވަނީ ފިލްމުގެ ސްކްރިޕްޓާއި ޑައިލޮގުތައް ވަރަށް މޮޅު ކަމަށާއި، އެކަޓިންގ އާއި ޑައިރެކްޝަންގެ އިތުރުން ފިލްމުގެ ހުރިހާ ކަމެއް ވެސް ވަރަށް މޮޅު ކަމަށެވެ.

"އަކްޝޭގެ އެންމެ މޮޅު ފިލްމުތަކުގެ ތެރޭގައި ހިމެނޭނެ،" އޭނާ ބުނެފައިވެ އެވެ.

'ޖޮލީ އެލްއެލްބީ 2' އަކީ 2013 ވަނަ އަހަރު ރިލީޒް ކުރި 'ޖޮލީ އެލްއެލްބީ' ގެ ސީކުއެލް އެކެވެ. އަކްޝޭގެ އިތުރުން އަރްޝަދް ވާސީ އާއި އަންނޫ ކަޕޫރު، ހުމާ ޤުރޭޝީ، މާނަވް ކޯލް، ސޯރަބް ޝުކްލާ ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެ އެވެ.

comment ކޮމެންޓް