ފުރާވަރުގެ އުމުރަކީ ވެސް ޞިއްޙީ ވަރަށް ގިނަ މައްސަލަތަކެއް ދިމާވާ ދުވަސްވަރެކެވެ. އެގޮތުން ފުރާވަރުގައި އާންމުކޮށް ދިމާވެދާނެ ޞިއްޙީ މައްސަލަތަކުގެ ތެރޭގައި ރަނގަޅު ކާނާ ނުލިބުން، ލޭމަދުވުން، ޅައުމުރުގައި ބޭނުންނުވެ، ބަލިވެ އިނުމުން ދިމާވެދާނެ ޞިއްޙީ މައްސަލަތައް، ނަފްސާނީ މައްސަލަތައް، ހަށިގަނޑުގެ ބަރުދަން މާބޮޑަށް އިތުރުވުމާއި، ފަލަވުން، ޞިއްޙީ ގޮތުން ރަނގަޅު ނޫން ކާބޯތަކެތި ބޭނުންކުރުމުން ދިމާވެދާނެ މައްސަލަތައް، އެކިއެކި ހާދިސާތަކުގައި ލިބޭ އަނިޔާތައް، މާރާމާރީ އާއި ތަޅާފޮޅުންތަކުގެ ސަބަބުން ލިބިދޭ އަނިޔާތަކާ ދިމާވެދާނެ ޞިއްޙީ މައްސަލަތައް، ނަފްސާނީ މައްސަލަތައް، އަދި އާންމުކޮށް މުޖުތަމަޢުގައި ފެތުރޭ ގައިންގަޔަށްއަރާ ބަލިތައް ފަދަ މައްސަލަތައް ހިމެނެއެވެ. މީގެ އިތުރުން ފުރާވަރުގައި ގެންގުޅޭ ބައެއް އާދަތައް މިސާލަކަށް ދުންފަތުގެ އިސްތިއުމާލުކުރުން، މަސްތުވާތަކެތި ބޭނުންކުރުން، އަދި ރައްކާތެރި ނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުން ފަދަ އަމަލުތަކުގެ ސަބަބުން ވެސް ތަފާތު ޞިއްޙީ މައްސަލަތަކާއި، ފުރާވަރުގެ ކުދިން ކުރިމަތިލާންޖެހޭކަން ފާހަގަ ކުރެވެއެވެ.
ފުރާވަރުގައި ދިމާވާ ނަފްސާނީ މައްސަލަތައް
ފުރާވަރުގައި އާންމުކޮށް ދިމާވެދާނެ ނަފްސާނީ މައްސަލަތަކުގެ ތެރޭގައި މާޔޫސްވުމާއި ދެރަވުން ނޫނީ ހިތާމަކުރުމުގެ ބަލި (ޑިޕްރެޝަން)، ހާސްވެފިކުރުބޮޑުވުން (އެންޒައެޓީ)، ދިރިއުޅުމުގައި ދިމާވާ ފިއްތުންތަކުގެ ސަބަބުން ހަށިގަނޑަށް ބާރުބޮޑުވުން (ސްޓްރެސް)، ކާހިތްނުވުން (އެނޮރޮކްސިއާ ނާރވޯސާ)، އަދި އަމިއްލައަށް މަރުވާން އުޅުން ފަދަ ކަންތައްތައް ހިމެނެއެވެ.
ފުރާވަރުގައި ނަފްސާނީ މައްސަލަތައް މެދުވެރިވާން ދިމާވާ ސަބަބުތަކުގެ ތެރޭގައި، މާރާމާރީއާއި، ތަޅާފޮޅުމުގައި ބައިވެރިވުން، އަދި ގޭންގުތަކުގެ މެދުގައި އޮންނަ ދެބަސްވުންތަކުގެ ޝިކާރައަކަށްވުން، ކުއްޖާއަށް ކަމޭނުހިތުން، ކުއްޖާކުރާ ކަންތައްތައް މައިންބަފައިން ބަލައިގަނެ، އަގުވަޒަންނުކުރުން، މީހުންގެ ތެރޭގައި ކުއްޖާ ދެރަކޮށް ދަށްކޮށްލުން، ރައްޓަހި ރަހުމަތްތެރިންގެ ފުށުން ކުރިމަތިވާ މަލާމާތާއި، ފުރައްސާރައާއި "ހަނގާކުރުން"، "ގަނާކުރުން" ފަދަ ކަންތައްތައް ހިމެނެއެވެ. ފުރާވަރުގައި ދިމާވާ ނަފްސާނީ މައްސަލަތަކުގެ ސަބަބުން އަމިއްލައަށް މަރުވުމަކީ ވެސް ވެދާނެ ގޮތެކެވެ.
ޅައުމުރު(ފުރާވަރު) ގައި ބޭނުންނުވެ، ބަލިވެއިނދެ ވިހެއުމުން ދިމާވެދާނެ މައްސަލަތައް
ދުނިޔޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު އުމުރުން 19-15 އަހަރާއި ދެމެދުގެ އަންހެން ކުދިން އެންމެ ގިނައިން މަރުވަނީ ޅައުމުރުގައި ބަލިވެއިނދެ ވިހެއުމުގެ ތެރޭގައި ދިމާވާ މައްސަލަތަކާއި ގުޅިގެންނެވެ. ދުނިޔޭގައި ބަލިވެއިނދެ ވިހާ އަންހެނުންގެ ތެރެއިން %11 (ގާތްގަނޑަކަށް 16 މިލިޔަން) ހިއްސާކުރަނީ އުމުރުން 19-15 އަހަރާއި ދެމެދުގެ އަންހެން ކުދިންނެވެ. މީގެތެރެއިން ގިނަ ކުދިން (%95) ނިސްބަތްވަނީ ތަރައްގީވަމުން އަންނަ ގައުމުތަކަށެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ 2014 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފުރާވަރަށްދާ އުމުރުގެ ކޮންމެ 1000 އަންހެން ކުދިންގެ ތެރެއިން 49 ކުދިން ބަލިވެއިނދެ ވިހައެވެ. ގައުމުތަކަށް ރިއާޔަތްކުރާއިރު މިނިސްބަތް އުޅެނީ ކޮންމެ 1000 ކުދިންގެ ތެރެއިން 229-1 އަންހެން ކުދިންނާއި ދެމެދުގެ މިންވަރެއްގައެވެ.
ދިވެހިރާއްޖޭގައި އުމުރުން 18 އަހަރު ނުވަނީސް ކައިވެނި ކުރުމަކީ ގާނޫނީ ގޮތުން މަނާކަމަކަށްވުމުން މަދުން ނަމަވެސް ކައިވެނީގެ ބޭރުން ހިންގާ ޖިންސީގުޅުމުގެ ސަބަބުން ޅައުމުރު ފުރާގައި ބަލިވެއިނދެ ވިހާކަން ފާހަގަ ކުރެވެއެވެ. ބައެއް ފަހަރު ސިއްރުން ވިހެއުމަށްފަހު، ދަރިމަރާލުން، ނުވަތަ ބޭރުގައުމަކަށް ގޮސް ދަރި ވައްޓާލުން، ނުވަތަ އަމިއްލައަށް ބޭސް ބޭނުންކޮށްގެން ދަރިވައްޓާލުން ފަދަ ކަންތައްތައް މާޒީގައި ހިނގާފައިވާކަން ފާހަގަ ކުރެވެއެވެ. ދުނިޔޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޮންމެ އަހަރަކު ފުރާވަރުގެ 2.5 މިލިޔަން ކުދިން ބަލިވެއިނދެ ރައްކާތެރި ނޫންގޮތުގައި ދަރިވައްޓާލަ އެވެ.
ފުރާވަރުގައި ބޭނުންނުވެ، ބަލިވެއިނުމަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުން، އަވަހަށް ސުކޫލުން ވަކިވުން، އަޅާލާނެ ބަޔަކު ނެތުން، ކުރިޔަށް ދިއުމުގެ ފުރުޞަތު ނެތުން، ޖިންސީ ގޯނާއެއް ކުރިމަތިވުން، ޖިންސީ ފުރިހަމަވުން އަވަސްވުން، އަދި ޓީވީ، ނޫސް، މަޖައްލާ، ފިލްމުތައް، އިންޓަނެޓް، މޯބައިލް ފޯނުގެ ޒަރީޢާއިން ޖިންސީ މަންޒަރުތައް ފެނުން ފަދަ ކަންތައްތައް ހިމެނެއެވެ.
ޅައުމުރުގައި (ފުރާވަރުގައި) ބަލިވެއިނުމުން މައިމީހާއަށް ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި، މާބަނޑު ދުވަސްވަރު ނުވަތަ ވިހެއުމުގެ ތެރޭގައި މައިމީހާ މަރުވުން، ލޭމަދުވުން، ނަފްސާނީ މައްސަލަތައް ދިމާވުން، މާބަނޑު ދުވަސްވަރު މާގިނައިން ރަހިމުން ލޭފޭބުން، ވިހެއުމުގެ ތެރޭގައި މާގިނައިން ލޭފޭބުން، އަދި ވިހެއުމަށްފަހު މާގިނައިން ރަހިމުން ލޭފޭބުން ފަދަ ކަންތައްތައް ހިމެނެއެވެ. ޅައުމުރުގައި (ފުރާވަރުގައި) ބަލިވެއިނުމުން ބަނޑުގައިވާ ތުއްތު ދަރިފުޅަށް ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި، ބައިގެން ދިއުން، ދުވަސްނުފުރާ ވިހެއުން، ވިހާއިރު ތުއްތު ދަރިފުޅުގެ ބަރުދަން ލުއިވުން، ކުއްލިއަކަށް ގޮތްނޭގި އުމުރުން ފުރަތަމަ މަހުގައި ތުއްތު ދަރިފުޅު މަރުވުން، އަދި ވިހެއުމުގެ ތެރޭގައި ތުއްތު ދަރިފުޅުގެ ނޭވާ ހާސްވުން ފަދަ ކަންތައްތައް ހިމެނެއެވެ. ޅައުމުރުގައި ބަލިވެ އިންނަމަވެސް ގަވާޢިދުން ޑޮކްޓަރަށް ދައްކައި ހެދުމަކީ މުހިއްމު ކަމެކެވެ. އެއީ މާބަނޑު ދުވަސްވަރާއި، ވިހެއުމުގެ ތެރޭގައި ދިމާވާ ޞިއްޙީ މައްސަލަތައް ކުޑަކުރުމަށް ލިބޭ ބާރަކަށް ނޫނީ ނުވާނެ އެވެ.
ދިމާވާ ހާދިސާތަކާއި، އެކްސިޑެންޓްތަކުން ލިބޭ އަނިޔާތަކާއި، ގެއްލުންތައް
ދިވެހިރާއްޖޭގައި އުމުރުން 18 އަހަރުން ދަށުގެ ކުދިން ދުއްވާއެއްޗެތި ދުއްވުމަކީ ގާނޫނީ ގޮތުން ކުށެކެވެ. އުމުރުން 18 އަހަރު ވުމަށްފަހު ވެސް ދުއްވާ އެއްވެސް އުޅަނދެއް ދުއްވޭނީ އެއެއްޗެއް ދުއްވުމަށް ދޫކުރާ ޚާއްޞަ ލައިސަންސް ނަގައިގެންނެވެ. ނަމަވެސް ގާނޫނާއި ގަވާއިދާ ޚިލާފަށް ފުރާވަރުގެ ކުދިން، މަގުމަތީގެ ގަވާޢިދުތަކަށް ހުރުމަތްތެރިކޮށް ހިތުމެއްނެތި ދުއްވާ އެއްޗެތި ދުއްވުމަކީ ރާއްޖޭގައި ވެސް އާންމު ވެފައިވާ ކަމެކެވެ.
މަގުމަތީގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތުމުގެ ސަބަބުން ދިމާވާ އެކްސިޑެންޓްތަކުން ލިބޭ އަނިޔާތަކާއި، ގެއްލުންތައްފުރާވަރުގެ ކުދިންގެ މެދުގައި އާންމުކަން ފާހަގަ ކުރެވެއެވެ. މަގުމަތީގެ އެކުސިޑެންޓް ތަކަކީ އަތްފައި ބިނދުން، ހަށިގަނޑުގެ ތަނެއް ކަނޑައިގެންދިއުން ފަދަ އަނިޔާތަކުން ފެށިގެން ގޮސް، ޖިސްމާނީ ނުކުޅެދުންތެރިކަމެއް އޭގެ ސަބަބުން މެދުވެރިކުރުވަފާނެ ކަމެކެވެ. މަގުމަތީގެ އެކުސިޑެންޓްތަކުގައި މިދުނިޔެ ދޫކޮށްދާ ފުރާވަރުގެ ކުދިންނާއި، ޒުވާނުންގެ ނިސްބަތް ވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފުރާވަރު އުމުރުގެ 120 ހާސް ކުދިން މަގުމަތީގެ އެކުސިޑެންޓްތަކުގައި 2012 ވަނަ އަހަރު މިދުނިޔެ ދޫކޮށްފައި ވެއެވެ.
މަގުމަތީގެ އެކުސިޑެންޓް ތަކުގެ އިތުރުން ގެނބުމާއި، ގެނބިގެން މަރުވުމަކީ ވެސް ފުރާވަރުގެ ކުދިންގެ މެދުގައި އިތުރުވަމުންދާ ކަމެކެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފުރާވަރު އުމުރުފުރާގެ 60 ހާސް ކުދިން ގެނބުމުގެ ސަބަބުން 2012 ވަނަ އަހަރު މިދުނިޔެ ދޫކޮށްފައި ވެއެވެ.
ރަނގަޅުކާނާ ނުލިބުމާއި ފަލަވުމުން ދިމާވާ މައްސަލަތައް
ރަނގަޅުކާނާ ނުލިބުމާއި، ފަލަވުމަކީ ފުރާވަރުގެ ކުދިންގެ މެދުގައި އާންމުވަމުން އަންނަ މައްސަލަތަކެކެވެ. ދިވެހިރާއްޖޭގައި ރަނގަޅުކާނާ ނުލިބުމުގެ މައްސަލަ ފުރާވަރުގެ ކުދިންގެ މެދުގައި އާންމު ނޫން ނަމަވެސް، ތަރައްގީވަމުން އަންނަ ގައުމުތަކުގައި ފުރާވަރަށް އަޅާއިރު ވެސް ގިނަ ކުދިން ތިބެނީ ކާނާ މަދުވުމުގެ މައްސަލަތައް ކުރިމަތި ވެފައެވެ. ނަތީޖާއަކީ ފަސޭހައިން ބަލިތައް ޖެހުމާއި، ފުރާނައަށް ނުރައްކާވުމުގެ ފުރުޞަތު އިތުރުވެގެން ދިއުމެވެ.
ފުރާވަރުގެ ކުދިން އާދަޔާ ޚިލާފަށް ހަށިގަނޑުގެ ބަރުދަން އިތުރުވެ، ބުރަހެލިވެ ފަލަވުން މިފަހަކަށް އައިސް އިތުރުވާކަން ފާހަގަ ކުރެވިފައި ވެއެވެ. ދަށް ފަންތީގެ އަދި މަތީ ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގައި ވެސް މިމައްސަލަ ދާދި އެއްވަރަކަށް އޮތްކަން ފާހަގަކޮށްލެވެއެވެ.
އާދަޔާ ޚިލާފަށް ހަށިގަނޑު ބަރުހެލިވެ ފަލަވުމުން ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި ލޭމައްޗަށްދިއުން، ހަކުރު ބަލި ޖެހުން، ހިތުގެ ބަލިތައް ޖެހުން، މަޑުކަށިގިރުން ފަދަ ހުޅުދުޅަވުމުގެ މައްސަލަތައް ކުރިމަތިވުން، ނިދީގައި ނޭވާހުއްޓުން ފަދަ ނޭވާލާ ނިޒާމުގެ މައްސަލަތައް ދިމާވުން، ކެންސަރުޖެހުން، އަދި ނަފްސާނީ މައްސަލަތައް ކުރިމަތިވުން ފަދަ ކަންތައްތައް ހިމެނެއެވެ.
ފުރާވަރުގެ ކުދިން އާދަޔާ ޚިލާފަށް ފަލަވުމަށް ދިމާވާ މައިގަނޑު ސަބަބެއް ކަމުގައި ބެލެވެނީ ކެއުމުގައި އެއްވެސް ކަހަލަ އުސޫލެއް ހަމަހަމަ ކަމެއް ނެތުމެވެ. އެގޮތުން ކެއުމުގައި ޖަންކު ފުޑްސް ފަދަ ހަކުރާއި، ލޮނު، ތެލާއި، ސަރުބީ، ހިމެނޭ ބާވަތްތައް މާގިނައިން ބޭނުންކުރުމާއި، ކަސްރަތު ނުކުރުމާއި، ހެލިފެލިވެ ނޫޅުން، އެނާޖީ ޑްރިންކްސް،ފިޒީ ޑްރިންކްސް ފަދަ ހަކުރު ގިނައިން ހުންނަ ބުއިންތައް މާގިނައިން ބޭނުންކުރުން، އަދި ފައިދާހުރި ކާނާ ބޭނުން ނުކުރުން ފަދަ ކަންކަމަކީ ފަލަވުމަށް މަގުފަހިކުރާނެ ކަންތައްތަކެވެ. ވީމާ ފުރާވަރުގައި ހަށިހެޔޮކަންމަތީ ދެމިހުރުމަށް މިފަދަ ކަންކަމުން ދުރުހެލިވެ، ކަސްރަތުކުރުމާއި، ފައިދާހުރި ކާނާ ބޭނުންކުރުން ފަދަ ދުޅެހެޔޮ ޞިއްޙީ އާދަތައް އަށަގެންނެވުމަށް ސަމާލުވާން ޖެހެއެވެ.
ހެލިފެލިވެ ނޫޅުމުން ދިމާވާ ޞިއްޙީ މައްސަލަތައް
ހެލިފެލިވެ ނޫޅުމާއި، ޖިސްމާނީ ހަރަކާތްތެރިކަން ކުޑަވުމުން ދިމާވާ ޞިއްޙީ މައްސަލަތައް ފުރާވަރުގެ ކުދިންގެ މެދުގައި ވެސް އާންމުވަމުންދާ ފާހަގަ ކުރެވެއެވެ. ދުނިޔޭގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ގަވާއިދުން (ބައިނަލް އަގުވާމީ މިންގަނޑުތަކާއި އެއްގޮތަށް) ކަސްރަތުކޮށް ހަދަނީ ފުރާވަރުގެ ކުދިންގެ ތެރެއިން ގާތްގަނޑަކަށް ކޮންމެ 4 ކުއްޖެއްގެ ތެރެއިން 1 ކުއްޖެކެވެ.
ހެލިފެލިވެ އުޅުން މަދުވެ، ޖިސްމާނީ ހަރަކާތްތެރިކަން ކުޑަވުމުން ދިމާވާ ޞިއްޙީ މައްސަލަތަކުގެ ތެރޭގައި ހަށިގަނޑު މާބޮޑަށް ފަލަވެ، ހިތުގެ ބަލިތައް ލޭމައްޗަށްދިއުން، ލޭގައި ސަރުބީ މަތިވުން، ހާޓް އެޓޭކް ޖެހުން، ސްޓްރޯކްޖެހުން، ފަދަ ގައިންގަޔަށް ނާރާ ބަލިތަކަށް މަގުފަހިކުރުން، ހަށިގަނޑުގެ ހަކަތަ ގޯސްވުން، މިޒާޖު ގޯސްވުން، ހާސްވެ ކަންބޮޑުވުން، ނިދިނައުން، ހަނދާންނެތުން، އުމުރުކުރުވުން، މާޔޫސްވުން، އަދި އާދަޔާ ޚިލާފަށް ފަލަވުން ފަދަ ކަންތައްތައް ހިމެނެއެވެ.
ލޭމަދުވުން ދިމާވާ ޞިއްޙީ މައްސަލަތައް
ލޭމަދުވުމަކީ ވެސް ފުރާވަރުގައި އަންހެންކުދިންނާއި، ފިރިހެންކުދިންނަށް ވެސް ދިމާވެދާނެ މައްސަލަ އެކެވެ. އާންމު ގޮތެއްގައި މިއުމުރުގައި ލޭމަދުވަނީ ކާނާއިން ހަށިގަނޑަށް ލިއްބައިދޭން ޖެހޭ ދަގަނޑުގެ ބައި އެކަށޭނަ ވަރަށް ނުލިބުމާއި، ހަށިގަނޑުން ލޭބޭރުވެ، ލޭގައި ހުންނަ ދަގަނޑުގެ ބައި ބީވެ އުނިވުމުގެ ސަބަބުންނެވެ. ލޭމަދުވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ވަރުބަލިވުން، ބޯއެނބުރުން، ނޭވާކުރުވުން، ބޮލުގައި ރިހުން ފަދަ ކަންތައްތައް ހިމެނެއެވެ.
ގައިންގަޔަށްއަރާ ބަލިތައް
ފާއިތުވި އަހަރުތަކުގައި ތަފާތު ބަލިތަކުން ރައްކާތެރިވުމަށް ވެކްސިންތައް ތަޢާރަފުކުރެވި ދޭން ފެށުމުގެ ނަތީޖާއެއްގެ ގޮތުން ގައިންގަޔަށް އަރާ ބަލިތައް ފެތުރުން ނިސްބަތުން އެތައް ގުނައެއް ކުޑަކުރެވިފައި ވެއެވެ. ފުރާވަރުގެ ކުދިންގެ މެދުގައި ވެސް ފަސޭހައިން ގައިންގަޔަށް އަރާ ބަލިތައް ފެތުރެއެވެ. ދުނިޔޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން އުމުރުން 19-10 އަހަރާއި ދެމެދުގެ ކުދިން އެންމެ ގިނައިން މަރުވާ 10 ސަބަބުގެ ތެރޭގައި ބޭރަށްހިންގުން، އަރިދަފުސް ރޯގާ، އަދި ސިކުނޑީގެ ބޭރު ދުލިފަށަލަ ދުޅަވުން ހިމެނެއެވެ. ދިވެހިރާއްޖޭގައި ވެސް ބޭރަށްހިންގުމާއި އަރިދަފުސް ރޯގާ އަކީ ވަރަށް އާންމު ބަލިތަކެކެވެ. ގައިންގަޔަށް އަރާ ބަލިތަކުގެ ތެރެއިން އެންމެ ގިނައިން ޑޮކްޓަރަށް ދައްކާކަމަށް ރިކޯޑުތަކުން ދައްކަނީ ވެސް އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުމެވެ. މިބަލިތައް ނިސްބަތުން ފުރާވަރު ކުދިންގެ މެދުގައި ވެސް ހަލުވިކަމާ އެކު ފެތުރޭކަން ފާހަގަ ކުރެވެއެވެ.