ނިއުގެ ކުޅުންތެރިން ލޭ ހަދިޔާކޮށްފި

ނިއުގެ ކީޕަރު އިމްރާން(ވ)އާއި ޒިޔަޒަން(ކ): ނިއުއިން ދަނީ ހއ. ކެލާގައި ތަމްރީން ފުރިހަމަކުރަމުން --- ފޮޓޯ/ ނިއު ރޭޑިއަންޓް

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ލޭ ހަދިޔާކޮށްފިއެވެ.

ހއ. ކެލާގައި ތަމްރީންތައް ފުރިހަމަކުރަމުންދާ ނިއުއިން ވަނީ އެ ރަށުގެ ރައްޔިތަކު ލޭ ބޭނުންވެގެން އުޅޭތީ ކުޅުންތެރިންގެ އިސްނެގުމާއެކު ލޭ ހަދިޔާކޮށްފައެވެ.

ކެލާ ސިއްހީ މަރުކަޒުގައި ލޭ ހަދިޔާކުރި ކުޅުންތެރިންގެ ތެރޭގައި ނިއުގެ ދެ ގޯލްކީޕަރުން ކަމަށްވާ ކެޕްޓަން އިމްރާން މުހައްމަދާއި އަބްދުﷲ ޒިޔަޒަން ހިމެނެއެވެ. އިމްރާންއާއި ޒިޔަޒަންއަކީ އެނބުރި ނިއުއާ ގުޅުނު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ދެ ކުޅުންތެރިންނެވެ.

ނިއުގެ ތަމްރީން ދަތުރުގެ ތެރެއިން ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ކެލޭ ޓީމާ ދެކޮޅަށް ނިކުންނައިރު ދެވަނަ މެޗުގައި 17 ވަނަ ދުވަހު ނިއުއިން ނުކުންނާނީ އެ އަތޮޅު މުރައިދޫ ޓީމާ ދެކޮޅަށެވެ. އެ ރަށުގައި ނިއުއިން މިމަހުގެ 18 ވަނަ ދުވަހާ ހަމައަށް މަޑުކުރާނެ ކަމަށް އެކްލަބުން މައުލޫމާތުދެއެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އެފްއޭ ކަޕްގެ ޗެމްޕިއަން ކްލަބް ވެލެންސިއާ ބައްދަލުކުރާ ޗެރިޓީ ޝީލްޑް މެޗުން މިއަހަރުގެ ސީޒަން އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު އެންމެ ވަރުގަދައަށް ތައްޔާރުވާ އެއް ޓީމަކީ ނިއު ރޭޑިއެންޓެވެ.

ނިއުއަކީ ދިވެހި ފުޓްބޯޅައިގެ ރަސްގެފާނަށް ހެދުމަށް އަލަށް ހަވާލުވި ބޯޑުން ވަނީ ރެކޯޑް ބަޖެޓެކާއެކު ގިނަ ކުޅުންތެރިންތަކެއް ޓީމަށް ގެނެސްފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ކުޅުންތެރިންގެ އިތުރުން ބިދޭސީ ފަސް ކުޅުންތެރިން ވެސް ވަނީ ގެނެސްފައެވެ. ނަމަވެސް އޭގެ ތެރެއިން އިނގިރޭސި ކްލަބު ޗެލްސީގެ ޒުވާން ޓީމުގެ ކުރީގެ ކެޕްޓަން ޑެނިއެލް ޕަޕޯ ވަނީ ފޮނުވާލައިފައެވެ.

comment ކޮމެންޓް