ލަންކާގެ ޖޭއޭޓީ ހޯލްޑިންގްސް އާއެކު ލިވިން އެކްސްޕޯއަށް އިތުރު ފުރިހަމަ ކަމެއް

ޖޭއޭޓީ ހޯލްޑިންގް އިން "96 ރެސިޑެންސީސް"ގެ ނަމުގައި ލަންކާގައި އިމާރާތް ކުރަމުންދާ ކޮންޑޯގެ ނަމޫނާއެއް ---

މި މަހުގެ ތެރޭގައި ބާއްވަން ނިންމާފައިވާ ލިވިން އެކްސްޕޯގައި ލަންކާގެ ވަރުގަދަ ބްރޭންޑްތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ ޖޭއޭޓީ ހޯލްޑިންގްސް އިން ބައިވެރިވެއްޖެ އެވެ.

ސްރީލަންކާ، އިންޑިއާ، ބަނގުލަދޭޝްގެ އަދި ރާއްޖޭގައި ވެސް ޕްރޮޖެކްޓްތައް ހިންގާފައިވާ ޖޭއޭޓީ ހޯލްޑިންގ އަކީ 1993 ވަނަ އަހަރު އުފެދުނު، ދުނިޔޭގެ މަޝްހޫރު ފާނީޝިން އަދި ފިނިޝިން ބްރޭންޑުތައް ވިއްކާ ކުންފުންޏެކެވެ. ރާއްޖެއާއެކު ތިން ގައުމެއްގައި އެ ކުންފުނީގެ ބުރާންޗުތައް ގާއިމްކޮށްފައިވާ ޖޭއޭޓީން މިހާރު ވެސް ދަނީ ލަންކާގައި ބޮޑެތި ކޮންޑޯތައް ހަދަމުންނެވެ.

އެގޮތުން "77 ރެސިޑެންސީސް" އަށްފަހު އެ ކުންފުނިން ދަނީ "96 ރެސިޑެންސީސް" ގެ ނަމުގައި އިތުރު އިމާރާތެއް ލަންކާގައި އިމާރާތް ކުރަމުންނެވެ.

ރާއްޖޭގެ ގާތްގަނޑަކަށް 25 ޕަސެންޓް ރިސޯޓް މާކެޓަށް ހިދުމަތް ފޯރުކޮށްދެމުންދާ ޖޭއޭޓީ ހޯލްޑިންގ އިން ވަނީ ރާއްޖޭގެ ފާހަގަކޮށްލެވޭ މަޝްހޫރު ރިސޯޓްތަކުގެ ތެރޭގައި ޝެރަޓަން ފުލް މޫން ރިސޯޓް، ހުދުރަން ފުށި، އަނަންތަރާ ގުރޫޕް އަދި ހުވަފެން ފުށި ފަދަ ރިސޯޓްތަކަށް ތަކެތި ސަޕްލައި ކޮށްދީފައެވެ.

ޖޭއޭޓީ ކުންފުނީގެ ރާއްޖޭގެ މުހިއްމު ކަސްޓަމަރުންގެ ތެރޭގައި ކޯސްޓްލައިން އިންވެސްޓްމަންޓް، އައިމާ ކޮންސްޓުރަކްޝަން، އެމްޓީސީސީ، އަދާރަން ގްރޫޕް، ފޯ ސީޒަން ގްރޫޕް އަދި ޔުނިވާސަލް ގުރޫޕް ފާހަގަކޮށްލެވެ އެވެ.

މިމަހުގެ 16، 17، އަދި 18ގައި ނޭޝަނަލް އާޓް ގެލެރީގައި ބޭއްވުމަށް ހަމަޖައްސާފައިވާ ލިވިން އެކްސްޕޯގެ ފަސް ވަނަ މައުރަޒު ޚާއްސަ ކުރެވިފައިވަނީ، އެކި ސަބަބުތަކާ ހުރެ ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރުމަށް އެދޭ ބޭފުޅުންނަށް އެކި ފެންވަރުގެ އެޕާޓްމެންޓް ލިބޭނެ ފުރުސަތު ފަހި ކޮށްދިނުމަށެވެ.

މިއަހަރުގެ މައުރަޒުގައި ގިނަ އަދަދެއްގެ ލައިފްސްޓައިލް ޕްރޮޑަކްޓްސް ޝޯކޭސް ކުރުމަށް ވަނީ ހަމަޖައްސާފަ އެވެ. އޭގެ ތެރޭގައި ގެދޮރުގައި ބެހެއްޓިދާނެ ޒަމާނީ ވަސީލަތްތައް ތަޖުރިބާ ކޮށްލުމާއި ހޯމް ފައިނޭންސިން އާއި އިންޝުރެންސް ޚިދުމަތްތަކުގެ މައުލޫމާތު ހިމެނެއެވެ.

މީގެ އިތުރުން، އެ މައުރަޒު އިންތިޒާމުކުރާ ހައިރައިޒުން މައުލޫމާތު ދޭ ގޮތުގައި، ދިވެހީންނަށް އެޕާޓްމެންޓް ބެލުމާއި، ރެޖިސްޓާކުރުމުގެ ފުރުސަތު ލިވިން އެކްސްޕޯގެ ޒަރިއްޔާއިން ލިބޭނެއެވެ.

މިއަހަރުގެ ލިވިން އެކްސްޕޯ މައުރަޒުގެ މެއިން ސްޕޮންސަރަކީ ސީލައިފް ގްލޯބަލް އެވެ. އަދި ކޯ ސްޕޮންސަރަކީ ޓާޓާ ހައުސިންގްގެ ސަބްސިޑަރީ ކުންފުނި، އެޕެކްސް ރިއަލްޓީ އެވެ. އޮންލައިން މީޑިއާ ޕާޓުނަރަކީ ސަން އޮންލައިނެވެ.

comment ކޮމެންޓް