އިސްލާމްދީނުގެ މުޢުޖިޒާތަކުގެ ތެރެއިން: ޢުމަރު ޘާާނީ ޢުމަރުބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲ

އުމަވީ ދައުލަތުގައި އިސްލާމީ ޢުއްމަތުގެ ވެރި ރަށަކީ ސޫރިޔާގެ ދިމިޝްކެވެ. މިއީ ދިމިޝްކްގެ މަސްޖިދް އަލް އުމަވީ އަލްކަބީރި---

އަނިޔާވެރި، ރަހުމްކުޑަ ގަވަރުނަރުންނާއި އެފަދަ އެހެނިހެން ވެރީން މަޤާމުން ދުރުކުރެއްވިއެވެ. ޚަލީފާއިންގެ ތިމާގެފުޅު ބޭފުޅުންނަށާއި، އަރިސް ބޭފުޅުންނަށް ބައިތުލްމާލުން ދެމުން ގެންދިޔަ އިނާމުތައް ދިނުން ހުއްޓައިލެއްވިއެވެ. އުޖޫރަނުދީ އެއްވެސް މީހަކު ލައްވައި މަސައްކަތްކުރުވުމާއި ހީއެއްގެ ނުވަތަ ތުހުމަތެއްގެ މައްޗަށް ބިނާކޮށް މީހުނަށް އަދަބުދިނުން ހުއްޓައިލަން އެންގެވިއެވެ. ފިރިހެނަކު ހައްޔަރުކުރަން ބޭނުންވެގެން އުޅެ އެމީހާ ހައްޔަރުނުވުމުން އޭނާގެ ބަދަލުގައި އޭނާގެ އާއިލާގެ އަންހެން މެމްބަރުން ހައްޔަރުކުރުން މަނާކުރެއްވިއެވެ. ޢަދުލު އިންސާފު ޤާއިމުކުރުމުގެ މަޖްލިސްތަކުގައި އެއްވެސް މީހަކަށް ޚާއްޞަ ގޮތެއް ބެހެއްޓުން މަނާކުރެއްވިއެވެ. އެމީހެއްގެ ދީނުގެ ސަބަބުން ނުވަތަ އާއިލާގެ ސަބަބުން ނުވަތަ ޖާހުގެ ސަބަބުން ޝަރީޢަތުގެ ކުރިމަތީގައި އެއްވެސް މީހަކު ތަފާތުކުރުން މަނާކުރެއްވިއެވެ.

އައްލާމާ އިބްނުލް ޖައުޒީ ބަޔާންކުރައްވައިފައިވެއެވެ. އަމީރު މަސްލަމަތު ބުނު ޢަބްދުލްމަލިކަކީ އުމައްޔަތު ވަންހައިގެ މުލައްދަނޑީގެ ބާރެވެ. ޢުމަރު ބުނު އަބްދުލްޢަޒީޒު ރަޙިމަހުﷲގެ ޅިޔަންބޭބޭފުޅެވެ. އޭނާ އެއްފަހަރަކު ފައްޅިއެއްގެ ވެރީންނާ ދެކޮޅަށް ދަޢުވާއެއްކުރެއްވިއެވެ. ޢުމަރު ބުނު ޢަބްދުލްޢަޒީޒުގެ ސަރިޔަތުގެ މަޖިލީހުގައި އީސާއީން އެބައިމީހުންގެ ބަޔާން ދެމުންގެންދިޔައީ ކޮޅަށް ތިބެއެވެ. ނަމަވެސް މަސްލަމަތު އޭނާގެ ޢާއިލީ މަޤާމުގެ ޙައިޘިޔަތުން އިށީނދެވަޑައިގެން އިންނަވައި ވާހަކަ ދައްކަވަން ފެއްޓެވިއެވެ. އެވަގުތު ޢުމަރު ވިދާޅުވިއެވެ.

"ދަޢުވާލިބޭ ފަރާތުންވެސް ބަޔާން ދެމުން އެގެންދަނީ ކޮޅަށްތިބެގެންނެވެ. އެހެންވީއިރު ދަޢުވާކުރާ ފަރާތަށްވެސް އިށީނދެއިނދެ ވާހަކަ ދެއްކުމުގެ ހުއްދައެއް ނުދެވޭނެއެވެ. ކޮޅަށް ހުރެ ވާހަކަދައްކާށެވެ."

އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ ދެފަރާތުން ދެއްކި ވާހަކަތަކާއި ހުށަހެޅި ހެކިތައް ބެއްލެވުމަށްފަހު މައްސަލަ ނިންމެވީ އީސާއީންނާ އެއްކޮޅަށެވެ. ފައްޅީގެ ބިންތައް ފައްޅީގެ އިސްމީހުނާ ހަވާލުކުރެއްވިއެވެ.

އަމީރު ހުޝާމް ބުނު އަބްދުލްމަލިކާއި ޢީސާއީއަކާ ދެމެދު އެއްފަހަރަކު ސަރިޔަތެއް ހިނގިއެވެ. އަމީރުލް މުއުމިނީން އުމަރު ބުނު އަބްދުލް ޢަޒީޒު ރަޙިމަހުﷲ ސަރިޔަތުގެ މަޖްލީހުގައި އެދެފަރާތް އެއް ހަމައެއްގައި ކޮޅަށް ބައިތިއްބެވިއެވެ. ހުޝާމް ބުނު ޢަބްދުލްމަލިކު ޝާހީ ޢާއިލާގެ މެމްބަރެއްގެ ޙައިޘިއްޔަތުން ކުރީއްސުރެ ލިބިވަޑައިގެންފައި އޮންނަ ބާރުގައި އީސާއީ އާ ދިމާއަށް ކޯފާވެ ހަރުކަށިފުޅުކަމާއެކު ވާހަކަ ދައްކަވާން ފެއްޓެވުމުން ޢުމަރު ހުޝާމަށް އިންޒާރުކުރެއްވިއެވެ. އެގޮތަށް ޢަމަލުކުރައްވާނަމަ އަދަބު ދެއްވާނެކަން ހަނދާންކޮށްދެއްވިއެވެ.

އަމީރުލް މުއުމިނީން ޢުމަރު ބުނު ޢަބްދުލްއަޒީޒު ރަޙިމަހުﷲ ޣައިރު މުސްލިމު ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށް ދެއްވީ އަލްޚުލަފާއުއްރާޝިދޫންގެ ދައުރު ފިޔަވައި އިސްލާމީ ތާރީޚުގެ އެހެން އެއްވެސް ދައުރަކުން މިސާލެއްވެސް ނުފެންނަފަދަ ފުރިހަމަޔަށެވެ. މުސްލިމުންނާ އެއްވެސް ފަރަޤެއް ނުކުރައްވައި އެބައިމީހުންގެ ޖާނާއި މާލު ރައްކާތެރިކޮށްދެއްވިއެވެ. އެބައިމީހުންގެ ދީނީ ކަންކަމަކާ ބެހިވަޑައެއް ނުގަންނަވައެވެ. ދީނީ ޢިމާރާތްތަކާއި އެތަންތަނާ ގުޅިފައިވާ ބިންތަކާއި މުދާތައްވެސް ޙިމާޔަތްކޮށްދެއްވިއެވެ. އެބައިމީހުން އަސްކަރީ ޚިދުމަތުގައި ބައިވެރިނުވާތީ ދައްކަންޖެހޭ ވާރު ދެއްކުމުގައިވެސް ލުއިފަސޭހަގޮތްތައް ހަމަޖައްސަވައިދެއްވިއެވެ. ވަރަށް ގިނަ ރިޢާޔަތްތަކެއް ދެއްވިއެވެ.

އަމީރުލްމުއުމިނީން އުމަރު ބުނު އަބްދުލްޢަޒީޒު ޛިންމީންގެ ޙައްޤުތައް ރައްކާތެރިކޮށްދެއްވި ގޮތުގެ މިސާލެއް ފެނިގެންދާ ޙާދިޘާއެއް މިތާނގައި ނަކަލުކޮށްލާނަމެވެ.

އެއްފަހަރަކު މުސްލިމެއް ޙީރަތުގެ ޛިންމީއަކު ޤަތުލުކޮށްލިއެވެ. ޢުމަރު ޙީރަތުގެ ގަވަރނަރަށް އެންގެވިއެވެ. ޛިންމީގެ ވާރިޘުންގެ އިޚްތިޔާރަށް ޤާތިލު ދޫކޮށްލާށެވެ. އެބައިމީހުން ބޭނުންނަމަ އޭނާ ޤަތުލުކުރުމަށެވެ. ނުވަތަ މަރުގެދިޔަ އަތުލައިފައި މަޢާފު ކުރުމަށެވެ. ޙީރަތުގެ ގަވަރނަރ އެގޮތަށް ޢަމަލުކުރެއްވިއެވެ. ޛިންމީގެ ވާރިޘުން މުސްލިމުންގެ މީހާ ޤަތުލުކޮށްލިއެވެ.

އެއްފަހަރަކު ދިމިޝްޤުގެ ޢީސާއީން ޢުމަރުގެ އަރިހަށް މައްސަލައެއް ހުށަހެޅިއެވެ. ބަނުއްނަޞުރުގެ ފަރާތުން އީސާއީންގެ ފައްޅިއެއް އެބައިމީހުންގެ އެސްޓޭޓަކަށް ހަދައިގެން އުޅޭތީއެވެ. ޢުމަރު އެމައްސަލަ ބައްލަވައި ޢީސާއީންގެ ފައްޅި އެބައިމީހުންނަށް ލިބިދެއްވިއެވެ.

ޢުމަރު ބުނު ޢަބްދުލްޢަޒީޒު ޤަބޫލުކުރައްވާގޮތުގައި ޢަދުލު އިންސާފުގެ ކުރިމަތީގައި އެކަލޭގެފާނަކީވެސް އިސްލާމީ ދައުލަތުގެ ޢާއްމު ފަރުދެކެވެ. އެކަލޭގެފާނުގެ އަމީރުލް މުއުމިނީންކަމުގެ ޙައިޘިއްޔަތެއް ޤާނޫނާއި ސަރިޔަތުގެ ކުރިމައްޗަކު ނޯންނާނެއެވެ.

އެކަލޭގެފާނުގެ ގަވަރުނަރެއްކަމުގައިވާ ޢަބްދުލްޙަމީދު ބުނު އަބްދުއްރަޙްމާނު އެއްފަހަރަކު އެކަލޭގެފާނަށް ލިޔުއްވިއެވެ.

"އަމީރުލްމުއުމިނީނަށް ހުތުރު އެއްޗެހި ކިޔުމުގެ ކުށުގައި އަޅުގަނޑުގެ ކުރިމައްޗަށް މީހަކު ހާޒިރުކުރެވިއްޖެއެވެ. އަޅުގަނޑު ޤަޞްދުކުރީ އޭނާ ޤަތުލުކުރާށެވެ. ނަމަވެސް މަނިކުފާނުގެ ލަފާފުޅެއް ހޯދައިފައި މެނުވީ ޤަތުލުނުކުރާންވެގެން އޭނާ ޖަލުގައި ބަންދުކޮށްފީމެވެ."

ޢުމަރު ބުނު ޢަބްދުލް ޢަޒީޒު ޖަވާބުގައި ލިޔުއްވިއެވެ. "ކަލޭގެ އޭނާ ޤަތުލުކުރިނަމަ ކަލޭގެ ކިބައިން ޤިޞާޞު ހިފީމުހެވެ. ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ފިޔަވައި އެހެން އެއްވެސް މީހަކަށް އެއްޗެހި ގޮވައިގެން މީހަކު ޤަތުލެއް ނުކުރެވޭނެއެވެ. ކަލޭގެ ހިތްއެދޭ ކަމަށްވާނަމަ އޭނާއަށް އެއްޗެހި ކިޔާށެވެ. އޭނާ ދޫކޮށްލާށެވެ."

ޖަލު އިސްލާޙުކުރެއްވުން

އުމަވީ ޚިލާފަތުގައި ޝައްކުގެ މައްޗަށް ބިނާކޮށްމީހުން ޖަލުގައި ބަންދުކޮށް ޤަތުލުކޮށް ހަދަމުންގެންދިޔައެވެ. މީހަކު ޖަލުގައި މަރުވިޔަސް ސަރުކާރުގެ ޚަރަދަކު އެމީހަކު ވަޅެއް ނުލައެވެ. އެމީހަކު ކަފުންކޮށް ވަޅުލައި ހަދަނީ ޖަލުގައި ތިބޭ ޤައިދީން އަމިއްލަޔަށް ޗަންދާއެއްކޮށްގެންނެވެ. ޖަލުގައި މަރުވާ މީހުން ވަޅުލަމުން ގެންދިޔައީ ހިނެވުމެއް ކަށުނަމާދު ކުރުމެއްނެތިއެވެ. ޖަލުމީހުންނަށް ކާންބޯންދިނުމުގައިވެސް ޖޭލަރުންގެ ޚިޔާނާތްތެރިކަން ވަރަށް ބޮޑެވެ. އަންހެނުންނާއި ފިރިހެނުން ބަންދުކޮށް އުޅުނީ އެއް ވައްގަނޑެއްގައެވެ. ޤައިދީއަކު ބަލިވިޔަސް އެމީހަކާމެދު ތަފާތު އިންތިޒާމެއް ހަމަޖެހިފައެއް ނޯވެއެވެ.

އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲއަށް ޚަލީފާކަން ލިބިވަޑައިގަތުމުން ޢަދުލު އިންޞާފު ޤާއިމުކުރައްވަން ފެއްޓެވުމާއެކު ޖަލުތައްވެސް އިޞްލާޙުކުރެއްވިއެވެ. އެކަލޭގެފާނުގެ އަރިހަށް ހުށަހެޅުނު ހުރިހާ ޝަކުވާތަކެއް ބައްލަވައި އެކަންކަން އިޞްލާޙުކުރެއްވިއެވެ. އިސްލާމީ ޝަރީޢަތުގެ އިންޞާފުވެރި ހަމަތަކުން ޖަލުމީހުންނަށް ލިބޭންޖެހޭ ހުރިހާ އިނާޔަތްތަކެއް ދެއްވިއެވެ. ޖަލުތަކަށް ގެންނެވި އިޞްލާޙުތަކުގެ ތެރޭގައި އަންނަނިވި އިޞްލާޙުތައް ހިމެނެއެވެ.

  1. ނަމާދުނުކުރެވޭ ގޮތަށް އެއްވެސް މުސްލިމަކު ޗޭނު ނުޖެހުން ނުވަތަ ބިޑި ނޭޅުން
  2. ޤާތިލުން ފިޔަވައި އެހެން ހުރިހާ ޤައިދީން ރޭގަނޑަށް ބިޑި އާއި ޗޭނު ނެއްޓުން
  3. ތަޤްވާވެރި ހެޔޮލަފާ މީހުން ޖަލުގެ އޮފިސަރުންނަށް ޢައްޔަންކުރެއްވުން
  4. ޖަލުމީހުންނަށް މުސާރަ ކަނޑައަޅުއްވައި މަހުންމަހަށް އެބައިމީހުންގެ އަތަށް މުސާރަ ޙަވާލުކުރެއްވުން
  5. ޖަލުމީހުންނަށް މޫސުމާ ގުޅޭގޮތަށް ހެދުން ދެއްވުން
  6. އަންހެނުންނަށް ބުރުގާ ދެއްވުން
  7. ދެޖީންސުގެ ޤައިދީން ވަކީން ބައިތިއްބުން
  8. ޝައްކުގެ މައްޗަށް ބިނާކޮށް އެއްވެސް މީހަކު ޤަތުލުކުރުން މަނާކުރެއްވުމާއި ޖަލުމީހުނަށް އެކި ބާވަތް ބާވަތުގެ އިހާނެތި އަދަބުތައް ދިނުން މަނާކުރެއްވުން
  9. ޤައިދީއަކު މަރުވެއްޖެނަމަ އެމީހެއްގެ ޖަނާޒާގެ ހުރިހާ ޚަރަދެއް ސަރުކާރުން ހަމަޖެއްސުމާއި، ދީނީ ހަމަތަކުގެ މަތީން އެމީހެއްގެ ކަށުކަމާކެމީގެ ހުރިހާކަމެއް ފުރިހަމަކުރުން
  10. ޖަލުމީހުންނަށް ރަނގަޅު ކާއެއްޗެހި ކާންދޭން އެންގެވުން
  11. ބައެއް ޢާމިލުން ދުއިސައްތަ ތިންސަތޭކަ އެތިފަހަރުން މީހުން ތަޢުޒީރުކުރައްވާތީ އެކަން މަނާކުރެއްވުން. އެކަމާ ބެހޭގޮތުން ފޮނުއްވި ފަތްކޮޅެއްގައި އަންގަވައިފައިވެއެވެ. "ޝަރުޢީ ހައްދުތަކުގެ މިންގަނޑަށްވުރެ މައްޗަށް މުސްލިމުންގެ ބުރަކަށިތައްވަނީ ޙިމާޔަތްވެގެންނެވެ."
  12. ޖަލުގައި ތިބޭ މީހުނަށް ޚައިރާތުގެ ގޮތުންނާއި ސަދަޤާތުގެ ގޮތުން އެހީވުމަށް ރައްޔިތުން ޝައުޤުވެރިކުރެއްވުން

ޝަރީޢަތް ދިރުއްވެވުމާއި، ބިދުޢަތައް ނައްތައިލެއްވުން

އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ ބަނޑުފުޅާއި ބުރަކަށިފުޅުން އަޑުކިޔާ ވަރަށް ހިއްޕެވި އެއްކަމަކީ އިސްލާމީ ޝަރީޢަތް އަލުން ދިރުއްވުމެވެ. ބިދުޢަތައް މުގުރުއްވުމެވެ. ފާޙިޝް ކަންތައްތަކާއި މުންކަރާތްތައް ފޮއްސަވައި ނައްތައިލެއްވުމެވެ.

ކުރީންވެސް ދަންނަވައިފައިވާ ފަދައިން އުމައްޔަތުވަންހައިގެ ޚަލީފާއިންވަނީ އިސްލާމީ ޚިލާފަތު ރަސްކަމަކަށް ބަދަލުކުރައްވައިފައެވެ. ވެރީންގެ ފިޔަވަޅުމަތީގައި ހިނގުމުގެ ސަބަބުން އިސްލާމީ މުޖްތަމަޢުވެސް ވަނީ އެތައް އެތައް ކަމެއްގައި އިސްލާމްދީނުގެ ސަރާސަރު ރާސްތާއިން އެއްފަރާތްވެ ވަލުހިނގާ މަގުމަގުން ހިނގަން ފަށައިފައެވެ. ނަތީޖާއެއްގެ ގޮތުން މުސްލިމުންވަނީ ޢަޤީދީ ގޮތުންނާއި، އަޅުކަމުގެ ގޮތުންނާއި އަޚްލާޤީ ގޮތުން ވަރަށް ބޮޑަށް ބޮލާއަޅައިފައެވެ. އިސްލާމީ މުޖްތަމަޢުގެ ދީނީ، އަޚްލާޤީ އިރު ވަނީ މެދުން ފިލަން ތައްޔާރުވެފައެވެ.

އުމަވީ ޚަލީފާއިން ނަމާދުފަދަ ދީނުގެ ރުކުނެއްވެސް ހައްދަވައިފައިވަނީ އެބޭފުޅުން ހިތްޕުޅާވާ ގޮތަކަށް އަދާކުރައްވާ ކަމެއްކަމުގައެވެ. ނަމާދު އޭގެ ވަގުތުގައި އަދާކުރެއްވުމަކީ އެބޭފުޅުން ސަމާލުކަން ދެއްވިކަމެއް ނޫނެވެ. އެބޭފުޅުން ނަމޫނާ އަކަށް ބައްލަވައިގެން ވަރަށް ގިނަ ގަވަރުނަރުންނާއި، ދައުލަތުގެ ބޮޑުން ދީނީ ކަންތައްތަކަށް ސަމާލުކަމެއް ނުދެއްވައެވެ. ނަތީޖާއެއްގެ ގޮތުން އާއްމު މުސްލިމުންނަށް ދިޔައީ ވަރަށް ނޭދެވޭ އަސަރުތަކެއް ކުރަމުންނެވެ.

އުމަވީ ޚަލީފާއިންނާއި، ފުރަދާނައިން ޒަކާތް ނެންގެވުމާއި، ބެއްސެވުމުގައިވެސް އިސްލާމީ ޝަރީޢަތުގެ މިންގަނޑުތަކަކަށް ސަމާލުކަމެއް ނުދެއްވައެވެ. އިރާޤުގެ ގަވަރުނަރޖަނަރަލް ޙައްޖާޖު ބުނު ޔޫސުފު ޒަކާތް ދިނުން ވާޖިބުނުވާ މުސްލިމުންގެ އަތުންވެސް "ޒަކާތް" ނެންގެވިއެވެ. ޝައްކެއްނެތްގޮތުގައި އެކަމަކީ އިސްލާމްދީނުގެ ނަމުގައި ހިންގުނު ފޭރުމުގެ ޢަމަލެކެވެ. ޒަކާތް ބެހުމުގައިވެސް ޢަމަލުކުރެއްވީ އޭނާގެ ހިތްޕުޅަށް އެރިގޮތަކަށެވެ.

އިސްލާމީ ޝަރީޢަތުގެ ޞަރީޙު ހުކުމެއް ކަމުގައިވާ ރާގެ ޙުކުމްވެސް އޮތީ ފުރަގަހަށް އެއްލައިލެވިފައެވެ. ރާބުއިމުގެ ނުބައިވަބާ އޮތީ މުޖްތަމަޢުގައި ޢާއްމުވެފައެވެ. "އެންމެން އަބަދު ހަމައިގައި ތިބުމަކީ" ބޭނުންކަމެއް ނޫންކަމުގައި އަމަލީގޮތުން ދިޔައީ ބެލެވެމުންނެވެ. ޢިލްމުވެރީންނާއި ޞާލިޙުންގެ ނަސޭހަތްޕުޅާއި......

(ނުނިމޭ)

comment ކޮމެންޓް