ފަތުރުވެރިކަމުގެ ބައިނަލްއަގުވާމީ މާކެޓުގައި ރާއްޖެ ވާދަކުރަމުން ދަނީ، ވަރަށް ބޮޑެތި ވާދަވެރިންނާ ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިއަދު އޮތް، މަޓީގެ މިދިޔަ އަހަރުގެ އަހަރީ ޖަލްސާގައި ވާހަކަ ދައްކަވަމުން، މަޓީގެ ޗެއާމަން އެމްޔޫ މަނިކު ވިދާޅުވީ މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު އިތުރުވި ނަމަވެސް، ރިޓާން އިތުރުވި ކަމަށް ނުބުނެވޭނެ ކަމަށެވެ.
މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރީ 1.3 މިލިޔަން ފަތުރުވެރިންނެވެ.
މަނިކު ވިދާޅުވީ ރާއްޖޭގެ ޑެސްޓިނޭޝަން މާކެޓިންގް ނުވަތަ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ މުހިންމުކަން އެންމެންނަށް ވެސް އެނގޭ ކަމަށާއި، މިވަގުތު ހާލަތު އޮތް ގޮތުން، ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ މުހިންމުކަން ވެސް އެނގި ހާމަވާ ކަމަށެވެ.
"އަޅުގަނޑުމެން ސަރުކާރާއި އެމްއެމްޕީއާރުސީއަށް ގޮވާލަން ޑެސްޓިނޭޝަން މާކެޓިންގެ ހަރަކާތްތައް މިއަހަރު އިތުރުކުރަން. ހަނދާނުގައި ބަހައްޓަންޖެހޭ ކަމަކީ، އަޅުގަނޑުމެން މި ވާދަކުރަނީ ބައިނަލްއަގުވާމީ މާކެޓެއްގައި ވަރުގަދަ މަންޒިލުތަކަކާ. މާކެޓުގައި އެފަރާތްތައް ތިބީ ރާއްޖެއަށް ވުރެ މާ މަތިން ފެންނަ ހިސާބެއްގައި،" މަނިކު ވިދާޅުވިއެވެ.
މިއަހަރަށް ކަނޑައަޅާފައިވާ ދައުލަތުގެ ބަޖެޓުގައި، ރާއްޖޭގެ ޑެސްޓިނޭޝަން މާކެޓިންގްއަށް ކަނޑައަޅާފައިވާ ބަޖެޓަކީ 2016 ވަނަ އަހަރާ އަޅާ ބަލާއިރު 25 ޕަސަންޓު ކުޑަ އަދަދެކެވެ. މި މައްސަލާގައި، ރާއްޖޭގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އޭޖެންޓުންގެ ޖަމިއްޔާ މަޓާޓޯއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ނަމަވެސް ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަހަރު ވިދާޅުވި ގޮތުގައި، މިއަހަރު ރާއްޖެ އިޝްތިހާރުކުރާނީ ވަރަށް ބޮޑަށް ބަލައިގެން، ޑޭޓާ އެނަލައިޒް ކޮށްގެން ކަމަށެވެ.
މަޓީގެ ޗެއާމަން މަނިކު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމާއި، ހުޅުލެ އާއި މާލެއާ ދެމެދުގެ ބްރިޖުގެ އިތުރުންް ހުޅުމާލޭގެ ދެ ފިޔަވަހީގެ ތަރައްގީގެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށެވެ.
އަދި، ފަސް އަހަރަށް ކުއްޔަށް ދީގެން ރިސޯޓު ހަދައި އުޅުނު ރަށްރަށުގެ ކުލީގެ މުއްދަތު 99 އަހަރާ ހަމައަށް އިތުރުކުރުމަކީވެސް ކުރިއެރުމެއް ކަމަށް މަނިކު ވިދާޅުވިއެވެ.
"ދިގު މުއްދަތަކަށް ކުއްޔަށް ދޭ ދިނުމުގެ ސަބަބުން އިންޑަސްޓްރީގައި އިންވެސްޓަރުންގެ އިތުބާރު އިތުރުވެގެން ދާނެ. މިކަންކަމަށް މަގުފަހި ކޮށްދިނީތީ ސަރުކާރަށް ޝުކުރު އަދާކުރަން،" މަނިކު ވިދާޅުވިއެވެ.