ނަޝީދު ފަހަތަށް ޖެހިވަޑައިނުގަންނަވަނީސް އެމްޑީޕީއާ އެކު ދެން މަސައްކަތެއް ނުކުރާނަން: މޫސަ

ފެބްރުއަރީ 5، 2017: ރީކޯ މޫސާ ސަން ޓީވީގެ ޕޮރޮގުރާމެއްގައި ވާހަކަ ދައްކަވަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަހަތަށްޖެހިވަޑައި ނުގަންނަވަނީސް އެމްޑީޕީއާ އެކު ސިޔާސީ މަސައްކަތެއް ދެން ނުކުރައްވާނެ ކަމަށް ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ސަން ޓީވީގެ "ސިޔާސީ އޮއިވަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، ރައީސް ނަޝީދުގެ ފަހަތުގައި ބޭރުގެ އެއްވެސް ނުފޫޒެއް ނެތް ކަމަށާއި އެމަނިކުފާނު ވަނީ ސިޔާސީ ގޮތުން އެކަނިވެރިވެފައި ކަމަށެވެ. އަދި އެމެރިކާގެ ނުފޫޒު ބޭނުންކޮށްގެން ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވަން އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން މޫސަ ވިދާޅުވީ، އެ ގައުމުގެ ވެރިކަމަށް އާ ބޭފުޅަކު ވަޑައިގަތުމާ ގުޅިގެން ގިނަ ކަންތައްތަކަކާ ކުރިމަލާން ޖެހިފައިވާ އިރު އެ ގައުމު އޮތީ "ފެން ނުހިފެހެއްޓޭ ދިޔަދޮވި" އެއް ފަދަ ހާލެއްގައި ކަމަށެވެ.

"ދިވެހިރާއްޖެއާ ދިމާލަށް ޓްރަމްޕް އަންނަންވީ މިތަނުގައި ކޮން ކަމެއް އޮވެގެންތޯ؟ އެއީ ކަނޑައެޅިގެން ދޮގެއް. ނުވެސް އަންނާނެ. އެގައުމުން އެބުނަނީ ތިމަންނަ މެން ނޫޅެމޭ ދުނިޔޭގެ ޕޮލިސްމަނުންނަށް ވެގެން އުޅޭކަށް. އުޅޭ އިރު ކުޑަކުޑަ ގައުމަކާ ދިމާލަށް ކޮންކަމަކާތޯ އަންނަންވީ؟" މޫސަ ވިދާޅުވި އެވެ.

މީގެ އިތުރުން ދާދި ފަހުން ލަންކާގައި ބޭއްވި އެމްޑީޕީގެ ބައްދަލުވުން މޫސަ ސިފަ ކުރެއްވީ އެ ޕާޓީގެ ގައުމީ މަޖިލިސް ބޭއްވުމަށް ބޭއްވި ބައްދަލުވުމެއްގެ ގޮތުގަ އެވެ. މޫސަ ވިދާޅުވީ އެ ބައްދަލުވުން ބޭއްވި މައިގަނޑު މަގްސަދަކީ އެމްޑީޕީން ނަޝީދު ނޫން ކެންޑިޑޭޓެއް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެ ގޮތް ހަދަން ވެގެން ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އަދި އެ މަޖިލީހުގެ 80 ޕަސެންޓު އޮތީ ނަޝީދާ އެއް ކޮޅަށް ކަމުން ޕާޓީގެ ތެރޭގައި ޚުދުމުޚުތާރު ވެރިކަމެއް ކުރުމާ ދިމާލަށް ނަޝީދު ވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑެއް ނުހުންނާނަށް ނަޝީދުއާ އެކީގައި. ހަމަ ޔަގީން ކަމާއެކު ވެސް ދުވަހަކު ވެސް ރައީސް ނަޝީދުގެ ޒައާމަތެއްގަވެސް، އެމްޑީޕީ ތެރެއަކު ވެސް އަޅުގަނޑެއް ކުރިއަކަށް ނުގެންދާނަން. ރައީސް ނަޝީދު ފަހަތަށް ޖެހިވަޑައިގެންނެވި ދުވަހަކުން ނޫނީ އެމްޑީޕީ ތެރޭގައި ސިޔާސީ މަސައްކަތެއް ކުރާކަށް އަޅުގަނޑެއް ނުދާނަން،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވި ގޮތުގައި 2008 ވަނަ އަހަރު އެމްޑީޕީ އުފެދިގެން އައީ ކަންތައްތަކެއް ރަނގަޅު ކުރުމަށެވެ. އެ މަސައްކަތް ކޮންމެ ވެރިއަކު ހުރެގެން ނަމަވެސް ކުރައްވަމުން ގެންދާތަން މިހާރު ފެންނަމުން އެބަދާ ކަމަށާއި، އިދިކޮޅު ފަރާތްތަކަށް ރައީސް ޔާމީނާ ވާދަ ކުރުމުގެ ހިތްވަރެއް ނެތް ކަމަށް މޫސަ ވިދާޅުވި އެވެ.

އޭގެ އިތުރުން އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ އިއްތިހާދުން މިހާތަނަށް އެއްވެސް ކަމެއް ކުރެވިފައި ނުވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އަމިއްލަފުޅަށް ބޭރު ގައުމަކަށް އަރުވާލެވިގެން ހުންނަވައިގެން ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނު ކުރުމަށް ކުރީގެ އިދިކޮޅު ބައެއް ފަރާތްތައް އެމްޑީޕީގެ ތެރެއަށް ވައްދައިގެން އިސްލާހުގެ ނަމުގައި ކަންތައްތަކެއް ފެށުމުން އެކަމުގެ ސަބަބުން ފަނޑުވެ ދިޔައީ އެމްޑީޕީގެ ނަން ކަމަށެވެ.

comment ކޮމެންޓް