ނޭޕާލްގެ ކަތުމަންޑޫގައި މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރާ ދިވެހިރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމުގެ ކެޕްޓަނަކަށް ތަޖުރިބާކާރު އައުޓްސައިޑް އެޓޭކަރު ހައްވާ ރާޝިދާ ހަމަޖައްސައިފިއެވެ.
މި މުބާރާތުގައި ވާދަކުރުމަށް ގައުމީ އަންހެން ވޮލީ ޓީމު ނޭޕާލަށް ފުރުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުއެވެ.

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާއަށް ޖާރޒީ ހަވާލުކުރަނީ-- ސަން ފޮޓޯ: އާފު
މި މަހުގެ 19 އިން 22 އަށް ނޭޕާލްގެ ކަތުމަންޑޫގައި ކުރިއަށްދާ މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ވަނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ވަރުގަދަ ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސްފައެވެ.

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމަށް ޖާރޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: އާފު
މި ފަހަރުގެ މުބާރާތަށް ރާއްޖޭގެ ޓީމު ނިކުންނަނީ ގިނަ އަދަދެއްގެ އާ ކުޅުންތެރިންތަކަކާއެކުގައެވެ.
ޓީމުގެ އެސިސްޓެންޓް ކޯޗު ފަތުހުﷲ ވަހީދު (ފައްލޯ) ފާހަގަކުރި ގޮތުގައި، މިއީ ވަރަށް ޗެލެންޖިންގ މުބާރާތަކަށް ވީނަމަވެސް، ފަރިތަކުރުންތަކުގައި އާ ކުޅުންތެރިންގެ ފަރާތުން ހިތްހަމަޖެހޭ ފަދަ ކުރިއެރުންތަކެއް ދަނީ ފެންނަމުންނެވެ.
މި މުބާރާތުގައި ރާއްޖެ ހިމެނެނީ ވަރުގަދަ ޕޫލް އޭ ގައެވެ. ރާއްޖެއާއެކު މި ގްރޫޕްގައި ހިމެނެނީ އިންޑިއާ، ކިރްގިސްތާން އަދި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި މެއި 22 ގައި ނިކުންނާނީ ކިރްގިސްތާނާ ދެކޮޅަށެވެ.
ދެވަނަ މެޗުގައި މެއި 23 ގައި އިންޑިއާއާ ދެކޮޅަށް ނިކުންނައިރު، ގްރޫޕްގެ ފަހު މެޗުގައި މެއި 24 ގައި ވާދަކުރާނީ ނޭޕާލާއެވެ.

މުބާރާތުގެ ޝެޑިއުލް
ތަޖުރިބާކާރު ކޯޗު މުހައްމަދު ނަދީމްގެ އިރުޝާދުގެ ދަށުން ނިކުންނަ ގައުމީ ޓީމުގެ ކުޅުންތެރިންގެ ބޮޑު އަޒުމަކީ ސަޕޯޓަރުން މާޔޫސްކޮށްނުލައި، ރާއްޖޭގެ ރޭންކިންގ މަތިކޮށް މެޑެއްޔެއް ހޯދުމެވެ.
މުބާރާތަށް ނެގި ގައުމީ އަންހެން ވޮލީ ޓީމުގެ ސްކޮޑް:
- ހައްވާ ރާޝީދާ (ކެޕްޓަން) - އައުޓްސައިޑް އެޓޭކަރު
- ހައްވާ ނަޒީމާ - މިޑްލް ބްލޮކަރު
- އަލްޔާ އަހުމަދު - އައުޓްސައިޑް އެޓޭކަރު
- އާމިނަތު އަރީޝާ - އޮޕޮސިޓް
- އާމިނަތު މާނާ ނާޒިމް - މިޑްލް ބްލޮކަރު
- ހައްވާ ސަހާ - މިޑްލް ބްލޮކަރު
- އާމިނަތު ޝަހާ ޝާމިން - އައުޓްސައިޑް އެޓޭކަރު
- ފާތިމަތު ޖޫޒާން - ސެޓަރު
- އައިޝަތު އިމްތިނާން - ސެޓަރު
- ލީމް އަހުމަދު ލަތީފް - އައުޓްސައިޑް އެޓޭކަރު
- މައިހާ އަލީ - ލިބަރޯ
- މިންހަތު އަހުމަދު - މިޑްލް ބްލޮކަރު
- މާސާ ފާރޫގް - ލިބަރޯ
- މާޔާ ހުސައިން ސޮލާހް - އޮޕޮސިޓް
ޓީމުގެ އޮފިޝަލުން:
- ޓީމު މެނޭޖަރު: މޫސާ އިބްރާހިމް ނާފިއު
- ހެޑް ކޯޗު: މުހައްމަދު ނަދީމް
- އެސިސްޓެންޓް ކޯޗު: ފަތުހުﷲ ވަހީދު
- އެސިސްޓެންޓް ކޯޗު: އާމިނަތު ޒީނާ