ހިންމަފުށީ ގެއެއްގެ ދޮރުން ފެނުނީ ގިރިފުށިން ދިޔަ ވަޒަނެއް ނޫން: އެމްއެންޑީއެފް

ހިންމަފުށީ ލިލީނައިޓް ގޭގެ ކުޑަދޮރަށް ވަޒަނެއް އަރާފައި ---

ކ. ހިންމަފުށީގެ ގެއެއްގެ ދޮރަށް އެރި ކަމަށް ބުނާ ވަޒަނަކީ ސިފައިންގެ ތަމްރީނުތަކަށް ޚާއްސަ ރަށް ކަމުގައިވާ ކ. ގިރިފުށިން ދިޔަ ވަޒަނެއް ނޫން ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ހަތިޔާރާއި ވަޒަން ބޭނުންކޮށްގެން ސިފައިން ހިންގާ ތަމްރީނުތަކަކީ، އޭގެ ސަބަބުން އެއްވެސް މީހަކަށް ނުވަތަ މުދަލަކަށް އެއްވެސް ގެއްލުމެއް ނުވާނެގޮތަށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރު ކުރެވިގެން ހިންގާ ތަމްރީނުތަކެއް ކަމަށެވެ.

އަދި ދިވެހި އަސްކަރިއްޔާއިން ހިންގާ ތަމްރީނުތަކުގައި ކުރިއަށް ގެންދާ ހަތިޔާރާ ގުޅުންހުރި އެއްވެސް ތަމްރީނެއްގެ ސަބަބުން އެއްވެސް ފަރާތަކަށް ގެއްލުމެއް ނުލިބޭނެކަން ކަށަވަރުކޮށްދޭ ކަމަށާއި އެފަދަ ތަމްރީނުތައް ހިންގާ މަރުކަޒުތަކަކަކީ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ގާއިމްކޮށްފައި ހުންނަ މަރުކަޒުތަކެއް ކަން އެ ބަޔާނުގައި އެމްއެންޑީފުން ފާހަގަކޮށްފައިވެއެވެ.

" ކ.ހިންމަފުށީގެ ގެއެއްގެ ދޮރަށް ވަޒަނެއް އަރާފައިވާކަމަށް މީޑިއާގައި ބަޔާންކޮށްފައިވާ ޙާދިސާއާއި ގުޅިގެން އެމްއެންޑީއެފްގެ ފަރާތުން ވަގުތުން އެކަން ބެލުމަށްފަހު، އެވައްތަރުގެ ވަޒަނަކީ ކ. ގިރިފުށި ޓްރެއިނިންގ ސެންޓަރުން ކ. ހިންމަފުށްޓަށް ފޯރާނެ ވައްތަރުގެ ވަޒަނެއް ނޫންކަމުގައި ދަންނަވަމެވެ،" އެމްއެންޑީއެފުން ބުނެފައިވެއެވެ.

މިއީ މިފަހަކުން އެ ރަށު ގެއެއްގެ ދޮރަށް އެރި ދެވަނަ ވަޒަނެވެ. މިދިޔަ ހަފްތާ ހޮނިހިރު ދުވަހު އެ ރަށު ލިލީނައިޓްގެއަށް އެވަޒަން އެރިކަމަށް ބެލެވޭ އިރު އެވަޒަން އަރާފައި ހުއްޓައި ފެނިފައި ވަނީ ބުދަ ދުވަހު އެވެ.

މީގެ ދެ އަހަރާއި ހަތް މަސް ކުރިން ހިންމަފުށީ ގެއެއްގެ ދޮރަށް ވަޒަނެއް އަރާފައި ހުއްޓައި ފެނުނު އިރު އެ ހާދިސާ ހިނގި ގޮތް ވެސް ކަމާ ބެހޭ އިދާރާއަކުން މިހާތަނަށް ހާމަކޮށްފައެއްނުވެ އެވެ. އޭގެ ދެ އަހަރު ފަހުން އަނެއްކާ ވެސް ހަމަ އެފަދަ ހާދިސާއެއް ހިނގާފައިވާ އިރު، ކުރީ ހާދިސާއަކީ ސިފައިންގެ އިހުމާލުންވީ ކަމެއްކަމަށް ހިންމަފުށީ ކައުންސިލަށް އަންގާފައިވާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

މިއީ މިފަދަ ކަމަކާ ގުޅޭ ގޮތުން ސިފައިންގެ ފަރާތުން ނޫސް ބަޔާނެއް ނެރުނު ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް