އިންޑިއާގެ ޓަމިލް ނާޑޫގެ ވެރިކަން މީގެ ކުރިން ކުރެއްވި އެ ސްޓޭޓުގެ ޗީފް މިނިސްޓަރ ޖަޔަލަލީތާ ޖަޔަރަމަންގެ ގާތް އެކުވެރިޔާ ސަސީކަލާ ނަތަރާޖަންއަށް ޗީފް މިނިސްޓަރުކަން ދެއްވުމަށްޓަކައި، ޓަމިލް ނާޑޫގެ މިހާރުގެ ޗީފް މިނިސްޓަރު އޮއްޓަކާރަ ޕަނީރުސެލްވަމް އިސްތިއުފާ ދެއްވައިފިއެވެ.
ޖަޔަލަލީތާ އަވަހާރަވީ 2016 ޑިސެމްބަރު ފަސްވަނަ ދުވަހު ޓަމިލް ނާޑޫގައެވެ. އޭނާ އަވަހާރަވުމަށްފަހު ޗީފް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވީ ވެރިކަންކުރާ އޯލް އިންޑިއާ އަންނާ ޑްރާވިޑާ މުންނެތުރާ ކަޅަގަމް (އޭއައިއޭޑީއެމްކޭ)ގެ ޕަނީރުސެލްވަމްއެވެ.
އެއަށް ފަހު އޭއައިއޭޑީއެމްކޭގެ ޖެނެރަލް ސެކްރެޓަރީކަމަށް އިންތިޚާބުކުރީ ޖަޔަލަލީތާގެ ވަރަށް އަރިސް ބޭފުޅެއް ކަމުގައިވާ، ސަސީކަލާ ނަތަރާޖަންއެވެ. ޓަމިލް ނާޑޫގެ ގިނަ ބަޔަކު ޖަޔަލަލީތާއަށް އައްމާ (މަންމަ) ކިޔާ އިރު، ސަސީކަލާއަށް ކިޔައި އުޅުނީ "ޗިންނައްމާ" (ކުޑަ މަންމަ)އެވެ. ޖަޔަލަލީތާއާ އެކު އާންމު ތަންތަނުގައާއި ސިޔާސީ ޖަލްސާތަކުގައި ސަސީކަލާ އަބަދު ވެސް ހުންނަވައެވެ.
އޭއައިއޭޑީއެމްކޭ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި، ޓަމިލް ނާޑޫ ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހުގައި އޭއައިއޭޑީއެމްކޭގެ ޕާޓީ ލީޑަރުކަމަށް ސަސީކަލާ އިންތިޚާބުކުރިއެވެ. އެމަގާމަށް ސަސީކަލާގެ ނަން ހުށަހެޅީ ޗީފް މިނިސްޓަރު އޮއްޓަކާރަ ޕަނީރުސެލްވަމްއެވެ.
ސަސީކަލާ ޕާޓީ ލީޑަރުކަމަށް އިންތިޚާބުވުމުން، ޕަނީރުސެލްވަމް ވަނީ ޗީފް މިނިސްޓަރުކަމުން މިއަދު އިސްތިއުފާ ދެއްވައިފައެވެ.
ބަރުލަމާނީ ނިޒާމެއްގެ ދަށުން ހިންގާ އިންޑިއާގެ ސްޓޭޓުތަކުގައި، ސްޓޭޓުގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ލީޑަރަކަށް ހުންނަވާ ބޭފުޅަކީ ސްޓޭޓުގެ ޗީފް މިނިސްޓަރެވެ. އެއީ ބަރުލަމާނީ ނިޒާމުތައް އޮންނަ ސަރުކާރުތަކުގައި ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، ގައުމުގެ ބޮޑުވަޒީރަށް ވާ ބީދައިންނެވެ.
Tamil Nadu: Elected as Legislative party leader of AIADMK, Sasikala Natarajan chairs MLAs meet at AIADMK HQ in Chennai pic.twitter.com/RTWyGQbvAe
— ANI (@ANI_news) February 5, 2017
ސަސީކަލާ އެ މަގާމަށް އިންތިޚާބުކުރެވުމުން، އޭނާ ވަނީ އެމަގާމު ގަބޫލުކުރައްވައިފައެވެ. އެ މަގާމު ގަބޫލުކުރައްވައި، ސަސީކަލާ ވިދާޅުވީ ޓަމިލް ނާޑޫގެ ސަރުކާރުން އަމަލުކުރާނީ ޖަޔަލަލީތާ އަމަލުކުރައްވާ ގޮތުގެ މަތިން ކަމަށާއި، އެ ސަރުކާރުގެ އެންމެ ބޮޑު އިސްކަމަކަށް ވާނީ ރައްޔިތުންނަށް އެހީތެރިވެދިނުން ކަމަށެވެ.
ޓަމިލް ނާޑޫގެ ވެރިކަން ކުރާ އޭއައިއޭޑީއެމްކޭއިން ބުނާ ގޮތުގައި، ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރުކަމާ ސަސީކަލާ ނަތަރާޖަން ހަވާލުވެވަޑައިގަންނަވާނީ އަންނަ ހަފްތާގައި އޮންނަ ރަސްމިއްޔާތެއްގައެވެ.
ނަވާރަސަތޭކަ އައްޑިހައިގެ އަހަރުތަކުގައި، އޭއައިއޭޑީއެމްކޭގެ ލީޑަޝިޕާއި ކޮންޓްރޯލް ހޯއްދެވުމަށް ޖަޔަލަލީތާ މަސައްކަތް ކުރައްވަމުން ގެންދެވި ދުވަސްވަރު، ސަސީކަލާ ވަނީ ޖަޔަލަލީތާއާ އެކު ދިރިއުޅުއްވުމަށް ޖަޔަލަލީތާގެ ގެއަށް ދިރިއުޅުން ބަދަލު ކުރައްވައިފައެވެ.
ޖަޔަލަލީތާއާ އޮތް ގާތް ގުޅުމުގެ ސަބަބުން، ރަސްމީ ހައިސިއްޔަތެއް ނެތް ނަމަވެސް ސަސީކަލާ އާއި އޭނާގެ އާއިލާއާއި ފިރިކަލުންނަށް ވެސް، ޓަމިލް ނާޑޫގެ ސަރުކާރަށް ނުފޫޒު ފޯރުވުމުގެ ބާރު ލިބިގެން ދިޔައެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_148629199832hGIy.jpg)
ޖަޔަލަލީތާ އަވަހާރަވި ދުވަހު، ސަސީކަލާ އަދި ޕަނީރުސެލްވަމް އަރިހުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ --
އެދެބޭފުޅުންގެ ގުޅުމާ މެދު ފާޑުކިޔާ ކޮންމެ ފަހަރަކު ވެސް ޖަޔަލަލީތާ ވިދާޅު ވަނީ، ސަސީކަލާއަކީ އޭނާގެ "ސޯލް ސިސްޓާ" ކަމަށެވެ.
ކައިވެންޏެއް ނުކުރައްވައި، އަދި އަމިއްލަ ބޭފުޅަކު ވެސް ނުހުންނަ ޖަޔަލަލީތާ ވަނީ، ސަސީކަލާއަށް ބޮޑުދައިތަ ކިޔާ ވީއެން ސުދަކަރަން އެޑޮޕްޓް ވެސް ކުރައްވައި އަމިއްލަ ދަރިއެއްގެ ގޮތުގައި ގެންގުޅެފައެވެ. ޖަޔަލަލީތާ މިކަން ކުރެއްވުމުގެ ސަބަބުން ސަސީކަލާއާއި އޭނާއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަވެ، ބަދަހިވެގެން ދިޔައެވެ.
ޖަޔަލަލީތާ އަވަހާރަވުމުން އޭނާގެ ޖަނާޒާގެ ކަންކަން ވެސް ހަމަޖައްސަވައި، ހިންގެވީ ސަސީކަލާއެވެ.