ޕާޓީގެ ޖެނެރަލް ސެކްރެޓަރީ ކަމަށް ޖަޔަލަލީތާގެ "ސޯލް ސިސްޓާ" ސަސީކަލާ

ޓަމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރ، އޭއައިއޭޑީއެމްކޭގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޖަޔަލަލީތާ އަދި މިހާރުގެ ޖެނެރަލް ސެކްރެޓަރީ ސަސީކަލާ -- ފޮޓޯ/ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ

އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓުގެ ވެރިކަން ކުރާ އޯލް އިންޑިއާ އަންނާ ޑްރާވިޑާ މުންނެތުރާ ކަޅަގަމް (އޭއައިއޭޑީއެމްކޭ) ޕާޓީގެ ޖެނެރަލް ސެކްރެޓަރީ ކަމަށް ސަސީކަލާ ނަތަރާޖަން އިންތިޚާބު ކޮށްފި އެވެ.

އެ މަގާމުގައި މީގެ ކުރިން ހުންނެވީ ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރުކަން ވެސް ކުރައްވަމުން ގެންދެވި ޖަޔަލަލީތާ ޖަޔަރަމަން އެވެ. ނަމަވެސް މި އަހަރުގެ ޑިސެމްބަރު ފަސް ވަނަ ދުވަހު ޖަޔަލަލީތާ ވަނީ އަވަހާރަވެފަ އެވެ.

އޭއައިއޭޑީއެމްކޭގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ސަސީކަލާ އިންތިޚާބު ކުރި އިރު، އޭނާއަކީ ޖަޔަލަލީތާގެ ވަރަށް އަރިސް ބޭކަނބަލެކެވެ. ޓަމިލް ނާޑޫގެ ގިނަ ބަޔަކު ޖަޔަލަލީތާއަށް އައްމާ (މަންމަ) ކިޔާ އިރު، ސަސީކަލާއަށް ކިޔައި އުޅުނީ "ޗިންނައްމާ" (ކުޑަ މަންމަ) އެވެ. ޖަޔަލަލީތާއާ އެކު އާންމު ތަންތަނުގައާއި ސިޔާސީ ޖަލްސާތަކުގައި ސަސީކަލާ އަބަދު ވެސް ހުންނަވަ އެވެ.

އެހެން ނަމަވެސް އޭއައިއޭޑީއެމްކޭގެ ލީޑަރުކަމުގައި ޖަޔަލަލީތާ ހުންނެވިހާ ދުވަހު ވެސް، ސަސީކަލާއަށް ޕާޓީގެ، ނުވަތަ ޓަމިލް ނާޑޫގެ ސަރުކާރުގެ އެއްވެސް ރަސްމީ މަގާމެއް ނުވަތަ ހައިސިއްޔަތެއް ދީފައެއް ނުވެ އެވެ.

ނަވާރަސަތޭކަ އައްޑިހައިގެ އަހަރުތަކުގައި، އޭއައިއޭޑީއެމްކޭގެ ލީޑަޝިޕާއި ކޮންޓްރޯލް ހޯއްދެވުމަށް ޖަޔަލަލީތާ މަސައްކަތް ކުރައްވަމުން ގެންދެވި ދުވަސްވަރު، ސަސީކަލާ ވަނީ ޖަޔަލަލީތާއާ އެކު ދިރިއުޅުއްވުމަށް ޖަޔަލަލީތާގެ ގެއަށް ދިރިއުޅުން ބަދަލު ކުރައްވައިފަ އެވެ.

ޖަޔަލަލީތާއާ އޮތް ގާތް ގުޅުމުގެ ސަބަބުން، ރަސްމީ ހައިސިއްޔަތެއް ނެތް ނަމަވެސް ސަސީކަލާ އާއި އޭނާގެ އާއިލާއާއި ފިރިކަލުންނަށް ވެސް، ޓަމިލް ނާޑޫގެ ސަރުކާރަށް ނުފޫޒު ފޯރުވުމުގެ ބާރު ލިބިގެން ދިޔަ އެވެ.

އެދެބޭފުޅުންގެ ގުޅުމާ މެދު ފާޑުކިޔާ ކޮންމެ ފަހަރަކު ވެސް ޖަޔަލަލީތާ ވިދާޅު ވަނީ، ސަސީކަލާއަކީ އޭނާގެ "ސޯލް ސިސްޓާ" ކަމަށެވެ.

ކައިވެންޏެއް ނުކުރައްވައި، އަދި އަމިއްލަ ބޭފުޅަކު ވެސް ނުހުންނަ ޖަޔަލަލީތާ ވަނީ، ސަސީކަލާއަށް ބޮޑުދައިތަ ކިޔާ ވީއެން ސުދަކަރަން އެޑޮޕްޓް ވެސް ކުރައްވައި އަމިއްލަ ދަރިއެއްގެ ގޮތުގައި ގެންގުޅެފަ އެވެ. ޖަޔަލަލީތާ މިކަން ކުރެއްވުމުގެ ސަބަބުން ސަސީކަލާއާއި އޭނާއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަވެ، ބަދަހިވެގެން ދިޔަ އެވެ.

ޖަޔަލަލީތާ އަވަހާރަވުމުން އޭނާގެ ޖަނާޒާގެ ކަންކަން ވެސް ހަމަޖައްސަވައި، ހިންގެވީ ސަސީކަލާ އެވެ.

comment ކޮމެންޓް