ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު ޖަޔަލަލީތާ އަވަހާރަވެއްޖެ

އިންޑިއާގެ ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު ޖަޔާރަމް ޖަަޔަލަލީތާ: މިރޭ 11:30ގައި އޭނާ ވަނީ އަވަހާރަވެފައި --- ފޮޓޯ// އެންޑީޓީވީ

ނިއު ދިއްލީ (ޑިސެމްބަރު 5): އިންޑިއާގެ ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު ޖަޔާރަމް ޖަަޔަލަލީތާއަށް ހާޓް އެޓޭކެއް ޖެހިގެން އިންޑިއާގެ އެޕޯލޯ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ދާދިދެންމެ އަކު އަވަހާރަ ވެއްޖެ އެވެ.

އެޕޯލޯ ހޮސްޕިޓަލާ ހަވާލާދީ އެންޑީޓީވީއިން ބުނީ ޖަޔަލަލީތާ އެންމެ ފަހު ނޭވާ ލާފައި ވަނީ މިރޭ 11:30 ގައި ކަމަށެވެ.

އުމުރުން 68 އަހަރުފުޅުގައި ޖަޔަލަލީތާ އަވަހާރަވީ އެޕޯލޯ ހޮސްޕިޓަލުގެ އައިސީޔޫގެ ލައިފް ސަޕޯޓްގައި ބާއްވާތާ ތިން ގަޑިއިރެއްހާއިރު ފަހުންނެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ވެސް ޖަޔަލަލީތާ އެޕޯލޯ ހޮސްޕިޓަލުގައި އެޑްމިޓްކުރި އެވެ.

ޖަޔަލަލީތާ އަވަހާރަވުމާ ގުޅިގެން ޓަމިލް ނާޑޫގެ ސުކޫލުތަކާއި އޮފީސްތައް ތިން ދުވަހަށް ބަންދުކުރަން ޓަމިލް ނާޑޫ ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރުކަން ތިން ވަނަ ދައުރަކަށް ކުރައްވަމުން ގެންދަވާ ޖަޔަލަލީތާގެ ހާލު ދެރަވުމުގެ ސަބަބުން މިދިޔަ އޮކްޓޯބަރު މަހު އޭނާގެ ޒިންމާތައް ވަނީ އޭނާގެ އަރިސް ފަރާތެއް ކަމަށްވާ ޓަމިލް ނާޑޫގެ ފިނޭންސް މިނިސްޓަރު، އޯ ޕަނީރުސެލްވަމްއާ ހަވާލުކޮށްފަ އެވެ.

comment ކޮމެންޓް