އެފްރިކާ ކަޕް އޮފް ނޭޝަން: ފައިނަލްގައި މިސްރާ ދެކޮޅަށް ކެމަރޫން

އެފްރިކާ ކަޕް އޮފް ނޭޝަންގައި ރޭ ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުގައި ކެމަރޫން އާއި ގާނާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

އެފްރިކާ ކަޕް އޮފް ނޭޝަންގެ ފައިނަލްގެ ފަހު ޖާގަ އެންމެ ފަހުގެ ރަނަރަޕް ގާނާ 2-0ގެ ނަތީޖާ އަކުން ބަލިކޮށް ކެމަރޫނުން ހޯދައިފި އެވެ.

އިކައުޓޯރިއަލް ގިނީގައި މިހާރު ކުރިއަށްދާ އެ މުުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ މިސްރުން ހޯދީ ބުރާސްފަތި ދުވަހު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބްރަކީނާ ފާސޯ ބަލިކޮށްގެންނެވެ. ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1ގެ ނަތީޖާ އަކުން އެއްވަރުވުމުން ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި މިސްރުން ކުރި ހޯދީ 4-3ގެ ނަތީޖާ އަކުންނެވެ.

ރޭ ކުޅުނު ސެމީ ފައިނަލްގެ ފަހު މެޗުގައި ކެމްރޫންގެ ފަރާތުން ފެނުނު ދެ ގޯލު ވެސް ފެނިގެން ދިޔައީ ދެވަނަ ހާފުގައެވެ. ފުރަތަމަ ގޯލު 72 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބްކޮށް ދިނީ ތަޖުރިބާކާރު ޑިފެންޑަރު މައިކަލް ނެގަޑޫ ނަގަޑްޖްއެވެ. ކެމަރޫންގެ ދެވަނަ ގޯލު އިތުރުވަގުތުކޮޅުގެ ތެރޭގައި ކާމިޔަބްކޮށްދިނީ ޒުވާން ފޯވާޑް ކްރިސްޓިއަން މޯގަންއެވެ.

ރާއްޖޭ ގަޑިން މާދަމާ ރޭ 12 ޖަހާއިރު ކުޅޭ ފައިނަލް މެޗަށް އެ ދެޓީމް ނިކުންނައިރު މިސްރަ ވަނީ ހަތް ފަަހަރު އެފްރިކާ ކަޕް އޮފް ނޭޝަން ކާމިޔާބްކޮށް މުބާރާތުގެ އެންމެ ކާމިޔާބް ޓީމްގެ ގޮތުގައި ރިކޯޑް ކުރެވިފަ އެވެ. އަނެއްކޮޅުން ކެމަރޫން އަކީ ދެވަނައަށް އެންމެ ގިނަ ފަހަރު އެ މުބާރާތް ކާމިޔާބްކޮށްފައިވާ ގައުމެވެ. ކެމްރޫންގެ އިތުރުން ގާނާ ވަނީ ހަތަރު ފަހަރު އެ މުބާރާތް ކާމިޔާބު ކޮށްފައެވެ.

މީގެ ކުރިން 2008 ވަނަ އަހަރު ގާނާގައި ބޭއްވި މުބާރާތުގެ ފައިނަލުގައި ވެސް ވަނީ ކެމަރޫން އާއި މިސްރު ބައްދަލުކޮށްފައެވެ. ފޯރިގަަދަ ކުޅުމެއް ފެނިގެންދިޔަ އެމުޗު 1-0ގެ ނަތީޖާ އަކުން ކެމަރޫން ބަލިކޮށް ޗެމްޕިއަންކަން ހޯދީ މިސްރެވެ.

comment ކޮމެންޓް