ލަންކާގައި ޓެންޑާ މަސައްކަތްތައް ދެފުށް ފެންނަ ގޮތަށް ކުރުމަށް އީޔޫއިން ގޮވާލައިފި

ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގެ އިމާރާތްތަކެއް ----

ސްރީލަންކާގެ ސަރުކާރުން ޓެންޑަރުގެ މަސައްކަތްތައް ކުރާ އިރު، ދެފުށް ފެންނަ ގޮތަށް ކަންކަން ކުރިޔަށް ގެންދިއުމަށް ވިލާތުގެ އިއްތިހާދުން ގޮވާލައިފި އެވެ.

ތަރައްގީވަމުން އަންނަ ގައުމުތަކަށް ވިލާތުގެ އިއްތިހާދުންދޭ ޖެނެރަލައިޒްޑް ސުކީމް އޮފް ޕްރިފެރެންސެސް ޕްލަސް (ޖީއެސްޕީ ޕްލަސް)ގެ އިނާޔަތް ސްރީލަންކާއަށް ދިނުމަށް ނިންމާފައިވާކަން ވިލާތުގެ އިއްތިހާދުން މިދިޔަ މަހުގެ ތެރޭގައި ވަނީ އިއުލާން ކޮށްފަ އެވެ.

ސްރީލަންކާގެ ބޯޑް އޮފް އިންވެސްޓްމެންޓާއި، ވިޔަފާރިއާ ބެހޭ ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން، ވިލާތުގެ އިއްތިހާދުގެ ވަފުދަކާ އެކު ބޭއްވި ބައްދަލުވުމެއްގައި، އެ ވަފުދުގެ ފަރާތުން ސްރީލަންކާ ސަރުކާރުގައި ވަނީ، ޓެންޑާ ޕްރޮސީޖާތައް ދެފުށް ފެންނަ ގޮތަށް ކުރިޔަށް ގެންދިއުމަށް އަންގައިފަ އެވެ.

އެ ވަފުދުން ބުނީ، އެ ޕްރޮސީޖާތައް ޓްރާންސްޕޭރެންޓް ކުރަން ޖެހެނީ، ލަންކާ ސަރުކާރުގެ ޓެންޑާތަކަށް ވިލާތުގެ ގައުމުތަކުގެ ކުންފުނިތަކުން ވެސް ކުރިމަތިލައި ބިޑު ހުށަހެޅޭނީ އޭރުން ކަމަށެވެ.

އެބައްދަލުވުމުގައި މީގެ އިތުރުން ވެސް، ވިލާތުގެ އިއްތިހާދަށް ނިސްބަތްވާ އިންވެސްޓަރުންނަށް ސްރީލަންކާގައި އިންވެސްޓްކުރުމަށް ފަސޭހަ ކުރެވޭނެ ފަދަ ކަންކަމާ ބެހޭ ގޮތުންް މަޝްވަރާ ކުރި އެވެ.

ލަންކާ ސަރުކާރުން ވަނީ، ރޭވިފައިވާ މަޝްރޫއުތައް ލިސްޓުކުރެވޭނެ ދަފްތަރެއް ގާޢިމުކުރުމަށް ހުށަހަޅައިފަ އެވެ. މީގެ އިތުރުން ވިލާތުގެ އިއްތިހާދުގެ ވަފުދުން ވަނީ، ސްރީލަންކާގެ ކުންފުނިތަކުން ވިޔަފާރީގެ އެކި މަރުހަލާތަކުގައި ބޭނުންވާނެ އެހީތެރިކަމަކީ ކޮބައިތޯ އޮޅުން ފިލުވައިފަ އެވެ.

ސްރީލަންކާއަށް ޖީއެސްޕީ ޕްލަސްގެ އިނާޔަތް އީޔޫއިން ދޭން ނިންމާފައިވާ އިރު، އޭގެ ދަށުން ވިލާތުން 6،000 ޓެރިފް ލައިނަކުން، އެކްޕޯޓުތަކަށް ޑިއުޓީ ދަށްކޮށްދެ އެވެ.

ސްރީލަންކާއަށް މީގެ ކުރިންވެސް ޖީއެސްޕީ ޕްލަސް ވިލާތުން ދިން ނަމަވެސް، އެގައުމުގެ އިންސާނީ ހައްގުތަކުގެ ހާލަތު ދަށްވެއްޖެ ކަމަށް ބުނެ، ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރުގައި، 2010 ވަނަ އަހަރު އެ އިނާޔަތްތައް އަނބުރާ ގެންދިޔަ އެވެ.

comment ކޮމެންޓް