މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާން ފަށައިފި

މާލޭގައި މަރުވި މައްޔިތަކު ހުޅުމާލޭގައި ވަޅުލުމަށް ގެންދަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާން ފަށައިފި އެވެ. އެއާ އެކު، މާލޭ އާ ސަހަރާގައި މީހުން ވަޅުލުން ހުއްޓާލީ އެވެ.

މާލޭ ސަހަރާތަކުގެ ޖާގަ ފުރި މީހުން ވަޅުލުމުގައި ދަތިތަކެއް ކުރިމަތިވަމުންދާތީވެ، މާލެ ސަރަހައްދުގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ފެށުމަށްް ސަރުކާރުން ނިންމި އިރު، މިގޮތަށް ފުރަތަމަ ފަހަރު މީހަކު ހުޅުމާލޭގައި މިރޭ ވަނީ ވަޅުލައިފަ އެވެ.

މާލޭ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް މަރުވި މީހަކު މިއަދު އިރުއޮއްސި 6:30 ހާ އިރު ހުޅުމާލެއަށް ގެންދިޔައީ، މައްޔިތުން އުފުލުމަށް ޚާއްސަކޮށްފައިވާ، އެމްޓީސީސީގެ ފެރީގައެވެ. މި ފެރީއަށް ޚާއްސަ ތަނެއް، މާލޭ މަސްވެރިންގެ ޕާކާ ޖެހިގެން ހުރެއެވެ.

ހުޅުމާލެއަށް މައްޔިތާގެ ހަށިގަނޑު ގެންދިއުމަށްފަހު، ހުޅުމާލޭ މަސްޖިދުލް ޒައިދު ބުނު ޘާބިތުގައި ހުންނަ ހިނަވާގެއަށް މައްޔިތާ ގެންދިޔައީ ދިވެހި ރެޑް ކްރެސެންޓުގެ އެމްބިއުލާންސްގައެވެ. ކަށުކަމާކެމީގެ ކަންކަން ހުޅުމާލޭ ހިނަވާގޭގައި ކުރުމަށްފަހު، މައްޔިތާ ވަޅުލީ މިރޭ 10 ޖަހާކަން ހާއިރުއެވެ.

މައްޔިތުން އުފުލާ ފެރީގައި މައްޔިތާއާ އެކު 60 މީހުންނަށް ދަތުރުކުރެވޭ އިރު، އެއްފަހަރާ ދެ މައްޔިތުން އޭގައި ގެންދެވޭނެ ކަމަށް އޭރު އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މާލެއަށް ވުރެ ތަނަވަސް ކޮށް ހަދާފައިވާ އެ ހިނަވާގޭގައި އެއްފަހަރާ ހަތަރު މީހުން ހިނެވުމުގެ ކަންކަން ކުރިއަށް ގެންދެވޭ އިރު، އާއިލާ އާއި ރަހްމަތްތެރިންނަށް މަޑުކޮށްލައިގެން ތިބޭނެ ގޮތަށް އެތަނުގައި ހަދާފައި ހުރެއެވެ.

އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ ގާތްގަނޑަކަށް 20،000 އަކަފޫޓުގެ ސަރަހައްދެއްގައި އަލަށް ހެދި ސަހަރާއަކީ ދެ ލޭޔަރަކަށް 8،800 މީހުން ވަޅުލެވޭނެ ސަހަރާއެއް ކަމަށެވެ. އަދި އެޗްޑީސީން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ހަ އަހަރަށް އެ ސަހަރާގައި މީހުން ވަޅުލެވޭނެ އެވެ.

comment ކޮމެންޓް