އިސްލާމްދީނުގެ މުޢުޖިޒާތަކުގެ ތެރެއިން: ޢުމަރު ޘާާނީ ޢުމަރުބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲ

އުމަވީ ދައުލަތުގައި އިސްލާމީ ޢުއްމަތުގެ ވެރި ރަށަކީ ސޫރިޔާގެ ދިމިޝްކެވެ. މިއީ ދިމިޝްކްގެ މަސްޖިދް އަލް އުމަވީ އަލްކަބީރި---

(26 ޖެނުއަރީގެ އަދަދާގުޅޭ)

ޢައްލާމާ އިބްނުލް ޖައުޒީ ލިޔުއްވައިފައިވެއެވެ. "ޢުމަރު ބުނު ޢަބްދުލް ޢަޒީޒުގެ ދައުރުގައި ރައްޔިތުން ނިހާޔަތަށް މުއްސަނދިވިއެވެ. ދައުލަތުގެ ސަރަހައްދުގެ އެއްކޮޅުން އަނެއްކޮޅަށް ފަޤީރުކަމުގެ ނަމާއި ނިޝާންވެސް ފުހެވިގޮސް ތަނަވަސްކަމާއި ތިޔާގިކަން ޢާއްމުވިއެވެ. ޞަދަޤާތުގައި ހިފާނެމީހަކު ނުވެގެން އުޅޭންޖެހުނެވެ." (ސީރަތު ޢުމަރު ބުނު ޢަބްދުލް ޢަޒީޒު)

ހާފިޒު އިބްނު ޙަޖަރު ޢަސްޤަލާނީ ލިޔުއްވައިފައިވެއެވެ. ޢުމަރު ބުނު ޢަބްދުލްޢަޒީޒުގެ ޚަލީފާކަމުގެ ދުވަސްވަރު ފަޤީރުންނާއި މިސްކީނުންނަށް ފައިސާ ބަހަންދިޔަ ބަޔަކަށް ޚުދު ޚަލީފާ ޢުމަރު ބުނު ޢަބްދުލްޢަޒީޒަށްވުރެ އަތްމަތިދަތި ފަޤީރަކު ނުފެނުނެވެ. (ތަހްޒީބުއްތަހްޒީބު)

ޢަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ ފަޤީރުންނަށާއި މިސްކީނުންނަށް އެހީތެރިވެ ވަޑައިގެންނެވުމަށްޓަކައި ވަރަށް ގިނަ ގޮތްތަކެއް ރާއްވަވައި ތަފާތު އިންތިޒާމުތަކެއް ހަމަޖެއްސެވިއެވެ. ތިރީގައި މިދަންނަވަނީ އޭގެތެރެއިން ބައެއް އިންތިޒާމުތަކެވެ.

  1. ފަޤީރުކަމުގެ ސަބަބުން ދަރަނި އަދާނުކުރެވޭވަރުގެ މީހުންގެ ދަރަނިތައް އަދާކުރުމަށް ބައިތުލްމާލުގައި ޚާއްޞަ ގޮތްޕެއް އުފެއްދެވުން.
  2. ފަޤީރުންނަށާއި މިސްކީނުންނަށް ކާންދެއްވަން ޚާއްޞަ ބަދިގެއެއް އެޅުއްވުން.
  3. ގާތުން ކިރުބޯ ކުދީންނަށް ޕެންޝަނެއް ހަމަޖެއްސެވުން.
  4. ބޭނުންވާ މީހުންނަށް ކާޑުގެ ބާވަތްތައް( ގޮވާމުގެ ބާވަތްތަކުގެ ވަކި މުއްދުތަކެއް ހިލޭ ލިބޭނެގޮތް ހަމަޖެއްސެވުން)
  5. ފަޤީރުން ގެންގުޅޭ ޞައްޙަނޫން ފައިސާ ސައްޙަ ފައިސާއަށް ބަދަލުކޮށްދެއްވުން
  6. ޖަލުމީހުންނަށް ވަޒީފާ ހަމަޖެއްސެވުން
  7. އެކިއެކި ކުށްކުށުގެ ސަބަބުން މުސާރަ އާއި ޕެންޝަން ހިފެހެއްޓިފައިތިބި އެންމެންނަށް އެހައިތަނަށް ލިބެންޖެހޭ ފައިސާ ދެއްވުމާއި، ކުށެއްގެ ސަބަބުން ޕެންޝަނާއި މުސާރަ ނުހިފަހައްޓާ ގޮތަށް ހަމަޖެއްސެވުން
  8. ސަރުކާރުގެ ސިފައިންނާއި ފުލުހުން ދަތުރުކުރުމުގެ ސަބަބުން މީހެއްގެ ދަނޑުފަގަކަށް ގެއްލުމެއް ލިބިއްޖެނަމަ އިންސާފުން ބަދަލުދެއްވުން
  9. ނުކުޅެދޭ މީހުންނަށް މަހު މުސާރަ ހަމަޖެއްސެވުން

މިދެންނެވި ދީލަތިފުޅު އިންތިޒާމުތަކުގެ ސަބަބުން ބައިތުލްމާލަށް ވަރަށް ބަރުބޮޑުވިއެވެ. ބައެއް ގަވަރުނަރުން އަމީރުލްމުއުމިނީންގެ ސަމާލުކަމަށް އެކަން ގެންނެވުމުން އެންގެވިއެވެ. "ބައިތުލްމާލުގައި ފައިސާ ހުރިހާ ހިނދަކު އެހީ ދެމުން ގެންދާށެވެ. ބައިތުލްމާލު ހުސްވެއްޖެނަމަ ކުނިބުނި ވައްދައި ފުރައިލާށެވެ."

ޔަޙްޔާ ބުނު ސަޢީދު ވިދާޅުވެފައިވެއެވެ. އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު އެފްރިކާއިން ޒަކާތް ނެގުމަށާއި، ޒަކާތް ބެހުމަށް އަހަރެން އެފްރިކާއަށް ފޮނުއްވިއެވެ. އަހަރެން ޒަކާތް ނެގުމަށްފަހު ބަހަންވެގެން ފަޤީރުންނާއި މިސްކީނުން ހޯދަން އުޅެއުޅެ އެކަކުވެސް ޒަކާތް ހޯދާކަށެއް ނައެވެ. އެހެނީ ޢުމަރު ބުނު ޢަބްދުލްޢަޒީޒު ވަނީ ރައްޔިތުން މުއްސަނދިކޮށް ދެއްވައިފައެވެ. އެހެންކަމުން އަހަރެން ޒަކާތަށް ލިބުނު ފައިސާއަށް އަޅުން ގެންފައި މިނިވަންކުރީއެވެ.

އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު އެއްފަހަރަކު ޞަދަޤާތް ބައްސަވަން ރައްޤާއަށް މީހަކު ފޮނުއްވިއެވެ. އޭނާ ދެންނެވިއެވެ. "އަމީރުލްމުއުމިނީންއެވެ! ރައްޤާގައި އަޅުގަނޑު ދަންނަ މީހަކު ނުހުންނާނެއެވެ. އެހެންކަމުން ފަޤީރުންނާއި މުއްސަންދީން ވަކި ކުރާކަށެއް ނޭނގޭނެއެވެ. އަމީރުލްމުއުމިނީން ވިދާޅުވިއެވެ. ކަލޭގެ ކުރިމައްޗަށް އަތްދިއްކޮށްލި މީހަކަށް ދޭށެވެ." (ޒަރްޤާނީ، ޝަރަޙަ މުއައްޠާ)

މުޙައްމަދު ބުނު ޤައިސުގެ އަރިހުން ރިވާވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ ޒަކާތުގެ ޙައްޤުވެރީންނަށް ޒަކާތް ބެހުމާ އަހަންނާ ހަވާލުކުރެއްވިއެވެ. އަހަރެން އެއް އަހަރު ޒަކާތްދީފައި ވިދިގެންއައި އަހަރު އެމީހުނަށް ޒަކާތްދޭން ބަލައިލިއިރު އެމީހުން ވަނީ ޒަކާތްދިނުން ވާޖިބު ބަޔަކަށްވެފައެވެ." (ޠަބަޤާތު، އިބްނު ސަޢުދު)

އިބްނު ސަޢުދު ރަޙިމަހުﷲ ލިޔުއްވައިފައިވެއެވެ. ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲގެ ޒަމާނުގައި ރައްޔިތުން މުއްސަނދިވީ ވަރުން ކިބުރުވެރިކަމާއި ބޮޑާކަމުގައި ރައްޔިތުން ހައްޔަރުވެދާނެތީ ގަވަރުނަރުން ބިރުފުޅުގެންވަޑައިގެންނެވިއެވެ. ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲގެ ގަވަރުނަރެއް ކަމުގައިވާ ޢަދީބުނު އަރުޠާތު ލިޔުއްވި ސިޓީފުޅެއްގައި އެވާހަކަ ދެންނެވުމުން ޢުމަރު ޖަވާބުދެއްވިއެވެ.

"އަރަހުށި މާތްﷲ ސުވަރުގެވަންތަވެރީން ސުވަރުގެ ވެއްދެވުމުން އެބައިމީހުން ކިޔުމަށް ރުހިވޮޑިގެންވާ ބަހަކީ އަލްޙަމްދުލިއްލާހިއެވެ. އެހެންކަމުން މާތްﷲއަށް ޙަމްދުކުރުމަށް ރައްޔިތުންނަށް ބާރުއަޅާށެވެ."

×××

ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ އަކީ ހުރިހާގޮތަކުންވެސް ހެޔޮކަމުގެ ނަމޫނާއެކެވެ. އެހެންކަމުން އެކަލޭގެފާނު ވެރިކަމުގެ ނިޒާމަށް ގެންނެވި ކޮންމެ އިޞްލާޙެއްގައިވެސް އެއްކޮޅުން އަނެއްކޮޅަށް އޮތީ ހެވާއި ލާބައެވެ. މާތްﷲގެ އަޅުތަކުންނަށް ކޮންމެވެސް ސިފައެއްގައި މަންފާ އެކުލެވިފައިނުވާ އެއްވެސް ކަމެއް އެކަލޭގެފާނު ނުކުރައްވައެވެ. ބަޔާންވެދިޔަ ކަންކަމުގެ އިތުރަށްވެސް އިޖްތިމާޢީ ލާބައަށްޓަކައި އެތައް ކަމެއް ކުރެއްވިއެވެ. އޭގެތެރޭގައި މުއައްރިޚުން ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކުރައްވާ އެއްކަމަކީ ދަތުރުވެރީންގެ ފަސޭހަޔަށްޓަކައި ކުރެއްވި އިންތިޒާމުތަކެވެ. އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު އިސްލާމީ ދައުލަތުގެ ހުރިހާ ސަރަހައްދުތަކެއްގައިވެސް ވަރަށް ގިނަ ޢަދަދަކަށް މެހްމާނު ސަރާތަކާއި ދަތުރުވެރިގެތައް ޢިމާރާތްކުރެއްވިއެވެ.

އައްލާމާ އިބްނު ސަޢުދު ލިޔުއްވައިފައިވެއެވެ. ޢުމަރު ބުނު ޢަބްދުލްޢަޒީޒު ޚުރާސާނުގެ ގަވަރުނަރަށް އެންގެވިއެވެ. އެރަށުގެ ހުރިހާ މަގުތަކެއްގައި ދަތުރުވެރިގެތައް އަޅާށެވެ.

އިބްނުޖަރީރު އައްޠަބަރީ ލިޔުއްވައިފައިވެއެވެ. ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ ސަމަރުޤަންދުގެ ގަވަރުނަރ ސުލައިމާން ބުނު އަބިއްސަރާއަށް ވެސް އެމޭރުމުން ފަތްކޮޅެއް ފޮނުއްވިއެވެ. އެފަތްކޮޅުގައި އެންގެވިއެވެ. ތިޔަ ސަރަހައްދުގެ ހުރިހާ ރަށްރަށެއްގައި ދަތުރުވެރިގެތައް އަޅާށެވެ. އެސަރަހައްދުން ދަތުރުކުރާ ކޮންމެ މުސްލިމަކަށްވެސް އެއްދުވަހާއި އެއްރޭ ހިލޭ މެހްމާނުދާރީ އަދާކުރާށެވެ. އެބައިމީހުންގެ ސަވާރީތައް ބަލަހައްޓައިދޭށެވެ. ބަލިމީހެއްނަމަ ދެރޭ ދެދުވާ ވަންދެން ހިލޭ ޚިދުމަތްދޭށެވެ. އެބައިމީހުންގެ އަތުގައި ވަޒަނަށް އެނބުރި ދެވޭހާ ތަނަވަސްކަން ނެތްނަމަ އެކަމުގެ ޚަރަދުވެސް ބައިތުލްމާލުން ހަމަޖައްސާށެވެ.

އެދުވަސްވަރުގެ ހާލަތު ނިޔާކުރާގޮތުން ސޫފިތަކަށް ކާންދޭ ވިނައިގެ މައްސަލަޔަކީ ރައްޔިތުންނަށް ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން ނަޤީޢު ފިޔަވައި އެހެންހުރިހާ ވިނަދަނޑުތަކެއް ޢާއްމުކޮށް އެންމެންނަށް ހުޅުއްވައި ދެއްވިއެވެ. އެއްވެސް ވިނަ ދަނޑަކަށް އާއްމުންގެ ސޫފިތައް ވެއްދުން މަނާނުކުރަން އެންގެވިއެވެ.

އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒަކީ ބޮޑެތި އިމާރާތްތައް އަޅުއްވަން ތަރްޙީބު ދެއްވި ބޭކަލެއްނޫނެވެ. ނަމަވެސް ބައެއް ރަށްރަށުގައި މިސްކިތްތައް އިމާރާތްކުރެއްވިއެވެ. ކައުސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމަ މަދީނާގެ ޙަރަމުގެ ސަރަހައްދު ވަކިކުރެއްވުމަށްޓަކައި ޖެއްސެވި އިންތައް އާކުރެއްވިއެވެ. ހިޖްރައިން ސަތޭކަ ވަނަ އަހަރު ރޫމީން ލާދުޤިއްޔާގެ އައްސޭރީގެ ރަށެއް ތަޅައި ސުންނާފަތިކުރުމުން އެރަށް އަލުން ޢިމާރާތްކުރައްވައި ވަރުގަދަ ކިއްލާތައް ހެއްދެވިއެވެ.

ހިޖްރައިން 101ވަނަ އަހަރު އިސްލާމީ ދައުލަތުގެ ހުރިހާ ސަރަހައްދުތަކެއްގައި ބޯހިމެނުއްވިއެވެ. އެމަސައްކަތް ކުރެއްވީ އެކަލޭގެފާނުގެ ގަވަރުނަރެއްކަމުގައިވާ ބިޝްރު ބުނު ޞަފްވާނާ ޙަވާލުކުރައްވައިގެންނެވެ. ސްޕޭނުގައި ބޯހިމަނަން އެންގެވި އެތާނގެ ގަވަރުނަރ އަސްމަހު ބުނު މާލިކު އަލް ޚައުލާނީއަށެވެ.

ޢަދުލުއިންސާފު ޤާއިމުކުރެއްވުމާއި އެންމެން ހަމަހަމަކުރެއްވުން

ހެޔޮރަނގަޅު ވެރިކަމެއްގައި (ޚާއްސަކޮށް އިސްލާމީ ސަރުކާރެއްގެ) އެންމެ އިސްވާޖިބަކީ އަދުލު އިންސާފު ޤާއިމުކުރުމެވެ. ދެވަނަޔަށް ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުމެވެ. މޮޅެއް ދެރައެއްނެތި ޤާނޫނުގެ ކުރިމަތީގައި އެންމެންނަކީ ފުނަލެއްގެ ދަތްތައް ފަދައިން ހަމަހަމަ ބަޔަކަށް ހެދުމެވެ. އަމީރުލް މުޢުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޡު އެކަން ފުރިހަމަކުރައްވައިފައިވަނީ އެކަމުގެ ވާހަކައިން މިސާލުޖެހޭ ވަރަށެވެ. "ބަކަރި އާއި މިނކާވަގު ފެންބޮއި އުޅުނީ އެއްކޮލަކުންނޭ" ބުނެވޭ މިސާލުބަހުގައިވާ ފަދަ އެކުވެރި ބަޔަކަށް ރައްޔިތުންވެގެންދިޔައެވެ.

ޢުމަރު ބުނު ޢަބްދުލް ޢަޒީޒު އުމަވީ ޝާހީ ޚާންދާނުގެ މެމްބަރުންގެ ބޮޑާކަމާއި ކިބުރުވެރިކަން ނައްތައިލައްވައި އެންމެން އެއްހަމަޔަކަށް ގެންނެވިއެވެ. އުމަވީ އަމީރުންނާއެކު ޢާއްމު ރައްޔިތުންވެސް ތުނޑު ސުފުރާއަށް އަތްހަމަކުރެއްވިއެވެ. ޢުމަރު ބުނު ޢަބްދުލް ޢަޒީޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު، ނަމާދުގެ ފަހުގައި ކައުސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމައަށް ސަލަވާތް ކިޔަވާގޮތަށް އުމައްޔަތު ވަންހަޔަށް "ޞަލަވާތް ކިޔެވެމުން" ދުޢާކުރެވެމުންދިޔައެވެ. ކަށުނަމާދުގައި އެބޭފުޅުންނަށްޓަކައި ޚާއްޞަ ދޫލައެއް ފަތުރައިލެވެއެވެ. ސަރިޔަތުގެ މަޖްލިސްތަކުގައިވެސް އެބޭފުޅުންނަށް ޚާއްޞަ އުސްގޮނޑިކޮޅުތަކެއް ހުރެއެވެ. ޢުމަރު ބުނު ޢަބްދުލްޢަޒީޒު އެހުރިހާ ކަމެއް މަނާކުރެއްވިއެވެ. ގަވަރުނަރުންގެ ދަރުބާރުތަކުގައިވެސް އެއްވެސް ބަޔަކު ބޮޑުކޮށްފައި ނުބައިތިއްބަން އަމުރުކުރެއްވިއެވެ. ގަވަރުނަރުންނަށް އެންގެވިއެވެ. އެންމެހައި މުސްލިމުންނަކީވެސް ހަމަހަމަ ބައެކެވެ. ޚިލާފަތުގެ ޚާންދާނުގެ ފަރުދަކަށް ވިޔަސްވެހެވެ.

ޢުމަރު ބުނު ޢަބްދުލްޢަޒީޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު އުމަވީ އަމީރުން ނަމާދުވަގުތުތަކަކަށް ފަރުވާލެއް ނުބަހައްޓަވައެވެ. ޒަކާތްނެގުމާއި ޒަކާތްބެހުމުގައި ވެސް ޤާނޫނުގެ އަތް އެބޭފުޅުންނާ ހަމަޔަކަށް ނުފޯރައެވެ. އެހެންކަމުން ނަމާދުގެ ޖަމާޢަތް ޤާއިމުކުރުމަށާއި، ޝަރުޢީ މިންގަނޑުތަކާ އެއްގޮތަށް ޒަކާތްނަގައި ޒަކާތް ބަހަން އަމުރުކުރެއްވިއެވެ. ހުރިހާ ކަމެއްގައިވެސް މާތްﷲގެ ރުހިވޮޑިގަތުން ހޯދުމަށާއި އެކަލާނގެ ރަސޫލާ ހިތްޕުޅާ ހަމަކުރައްވާ ގޮތަށް ޢަމަލުކުރަން އެންގެވިއެވެ.

(ނުނިމޭ)

comment ކޮމެންޓް