ނުކުޅެދުންތެރިކަން ހުންނަ 157 މީހަކަށް ވަޒީފާ ދީފި

މިއަދުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ޗެނަލް13 (ޓްވިޓާ)

ނުކުޅެދުންތެރިކަން ހުންނަ 157 މީހަކަށް، ސަރުކާރުގެ 18 ކުންފުންޏަކުން ވަޒީފާ ދީފި އެވެ.

މިކަމަށް ޓަކައި މިއަދު ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ދައުލަތުގެ ވަޒީރުންނާއި ރާއްޖޭގެ ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މިއަދުގެ ޖަލްސާގައި ވަޒީފާ ހަމަޖައްސައިދީފައިވާ ފަރާތްތަކުގެ ތެރޭގައި އަވުމާއި ފެނުމުގެ ހިއްސުން މަހުރޫމުވެފައިވާ މީހުންގެ އިތުރުން، ނަފްސާނީ ބަލިތައް ތަހައްމަލުކުރާ ބައެއް މީހުން ވެސް ހިމެނެ އެވެ.

މި ފަރާތްތަކަށް ވަނީ އެކި ދާއިރާތަކުން ވަޒީފާ ދީފަ އެވެ. އޭގެ ތެރޭގައި އޭވިއޭޝަން، އޮޕަރޭޝަންސް، އިދާރީ ދާއިރާ، ޕަބްލިކް ރިލޭޝަންސް، ލޮޖިސްޓިކްސް، ވިޔަފާރި އަދި ފަންނުވެރި މަސައްކަތްތަކާ ގުޅޭ މަގާމުތައް ހިމެނެ އެވެ.

ސަރުކާރުން ވަނީ 2014 ވަނަ އަހަރުން ފަށައިގެން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުގެ ކުންފުނިތަކުން ވަޒީފާ ދޭން ފަށައިފަ އެވެ. މިހާތަނަށް ވެސް 100 އަށް ވުރެ ގިނަ ފަރާތަކަށް ވަނީ ވަޒީފާ ދީފަ އެވެ.

ވަޒީފާ ހަމަޖައްސައިދިން ކުންފުނިތަކުގެ ތެރޭގައި ޕީއެސްއެމް، އެމްޓީސީސީ، އެމްއާރުޑީސީ، އެޗްޑީސީ، އައިލެންޑް އޭވިއޭޝަން، އެމްޑަބްލިއުއެސްސީ، އެމްޓީޑީސީ، އެމްއައިޓީޑީސީ، ސްޓެލްކޯ، ހައްޖު ކޯޕަރޭޝާން، ތިލަފުށި ކޯޕަރޭޝަން، ގުޅިފަޅު އިންވެސްޓްމެންޓް ކޯޕަރޭޝަން، އެމްއޭސީއެލް، އެމްޕީއެލް، ސްޕޯޓްސް ކޯޕަރޭޝަން، ވެމްކޯ، ފެނަކަ އަދި އެސްޓީއޯ ހިމެނެ އެވެ.

comment ކޮމެންޓް