ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ މީހުންނަށް ހިލޭ ސާބަހަށް އެހީތެރިވެދޭ މީހުން ހޯދުމަށް ހައްޖު ކޯޕަރޭޝަނުން އިއުލާންކޮށްފިއެވެ.
އެ ކޯޕަރޭޝަނުން ނެރުނު އިއުލާނެއްގައި ވާގޮތުން، ހައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭން ހުށަހަޅާ މީހަކީ އަސާސީ ތައުލީމު ލިބިފައިވާ އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ސިއްހަތު ރަނގަޅު މީހެއް ކަމުގައި ވާންވާނެއެވެ.
ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭ މީހުންގެ މަސްއޫލިއްޔަތްތަކުގެ ތެރޭގައި ހައްޖުވެރިންނަށް ދޭންޖެހޭ އެންމެހައި މައުލޫމާތުތައް ދުވަހުން ދުވަހަށް ދެމުން ގެންދިއުމާއި، ދަތުރުގައި ހައްޖުވެރިން އެހީތެރިކަން ބޭނުންވާ އެންމެހައި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ހައްޖުވެރިންނަށް ދިމާވާ އެންމެހައި ކަންކަން، ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ އިރުޝާދުގެ ދަށުން ހައްލުކުރުން ހިމެނެއެވެ.
މީގެއިތުރުން، ކެއުމުގެ އިންތިޒާމް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދިޔުމަށްޓަކައި ކައްކާއިންގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުމާއި ބާޒާރުކުރުމާއި ބާޒާރުން ގަންނަ ތަކެތި ހޮޓަލަށް ގެންދިޔުމާއި ގުދަންކުރުމުގެ އިތުރުން، ހައްޖުގެ މަޝާއިރުތަކުގައި ހައްޖުވެރިންނަށް އެހީތެރިވުމާއި ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކޯޕަރޭޝަނަށް އެހީތެރިކަން ފޯރުކޮށްދިނުން ވެސް މަސްއޫލިއްޔަތްތަކުގެ ތެރޭގައި ހިމެނެއެވެ.
މި މަގާމަށް މީހުން ހޮވުމުގައި އަރަބި ބަސް ނުވަތަ އުރުދޫ ބަހުން މުއާމަލާތު ކުރަން އެނގޭ، ހައްޖު އަދި އުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދޭނެކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އަދި ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، އެންމެ އެކަށީގެންވާ ފަރާތްތަކަށް ފުރުސަތު ދޭނެކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އެ މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު ހައްޖު ކޯޕަރޭޝަނުން އަދި ކޯޕަރޭޝަންގެ ވެބްސައިޓުން ލިބޭނެ ކަމަށް އިއުލާނުގައިވެއެވެ. އެ މަސައްކަތަށް އެދި ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 13 ވަނަ ދުވަހުގެ 14:00އެވެ.
މީގެ އިތުރުން، އެހީތެރިންގެ އަދަދު ކަނޑައަޅާނީ ހައްޖު ކޯޕަރޭޝަންގެ ފަރާތުން މިއަރުގެ ހައްޖު ދަތުރުގައި ބައިވެރިވާ ހާޖީންގެ އަދަދަށް ރިޢާޔަތްކުރުމަށްފަހުގައި ކަމަށް އެ އިއުލާނުގައިވެއެވެ.
ހައްޖުގެ އަޅުކަން ދެން އޮންނާނީ މި އަހަރުގެ ޖޫން މަހުއެވެ.
ޙައްޖުވެރިންގެ އިންތިޒާރު ދިގުލައިގެން ދިޔަ ނުދިނުމަށާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، ރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ، ހައްޖު ކޯޕަރޭޝަން ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
އާއްމުކޮށް މިހާރު ހައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް ލިބެނީ އަހަރަކު 1،000 ޖާގައެވެ.