ރާއްޖެ އައުމާ އެކު ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓައިފި

އަދާލަތު ޕާޓީގެ ކައުންސިލް މެންބަރު ޝިދާތާ ޝަރީފް މުޒާހަރާއެއްގައި ވާހަކަފުޅު ދައްކަވަނީ : ސަން ފައިލް ފޮޓޯ

ރާއްޖެ އިން ބޭރުގައި އުޅެފައި މިއަދު އައުމާ އެކު، އިދިކޮޅު އިއްތިހާދުގައި އިސްކޮށް އުޅުއްވާ އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރު ސިދާތާ ޝަރީފުގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

މިސަރުކާރުގެ ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޝިދާތާ ޝަރީފް މިއަދު ސަން އަށް ވިދާޅުވީ އޭނާ މިއަދު ހެނދުނު ރާއްޖެ އިން ބޭރުން އައުމާ އެކު އެއާޕޯޓުން އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ.

ޕާސްޕޯޓް ހިފެހެއްޓީ ކޯޓް އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނި ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެންކަން ހާމަ ނުކުރާ ކަމަށް ޝިދާތާ ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް ހިފެހެއްޓި ޕާސްޕޯޓް ވެސް ހިފެހެއްޓި، މިހާރު އަޅުގަނޑު ދޫކޮށްލައިފި އެކަމަކު ޕާސްޕޯޓެއް ދުލެއް ނުކުރޭ،" ޝިދާތާ ވިދާޅުވި އެވެ.

ޝިދާތާ މިއަދު ރާއްޖެއައީ މިމަހު 17 އިން ފެށިގެން ރާއްޖެ އިން ބޭރުގައި އުޅުމަށް ފަހު އެވެ.

އިދިކޮޅު އިއްތިހާދުގެ ބައެއް އިސް ފަރާތްތަކުގެ ފޯން ކޯޓު އަމުރެއްގެ ދަށުން، ފުލުހުން ހިފެހެއްޓި އެވެ. އަދި އޭރު ޝިދާތާގެ ފޯން ވެސް ހިފެހެއްޓި އެވެ.

އޭރު އޭނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ދައުލަތް ހިންގުމަށާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމެވެ.

ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލައާ ގުޅިގެން ފުލުހުންގެ ކޮމެންޓެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

comment ކޮމެންޓް