އިންޑިއާގެ ޓަމިލް ނާޑޫގެ މަދުރާއީ ސިޓީގައި ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއްގެ ކްރޫއިން، މާޑޫރާއި އެއާޓުގެ ފަހަތުގައި އޮންނަ ކަށި ނަރު ފެންސެއްގެ ތެރެއިން އެއާޕޯޓަށް ވަންނަ ވީޑިއޯއެއް އާންމުވެއްޖެ އެވެ.
އެއާޕޯޓުގެ ފަހަތުގައި ވަށައިގެން ޖަހާފައިވާ ކަށި ނަރުގެ ފެންސަކީ އެއާޕޯޓުގެ ސެކިއުރިޓީއަށް ޖަހާފައިވާ ފެންސެކެވެ.
ތަމަޅައިންގެ ސަގާފީ ކުޅިވަރު "ޖައްލިކައްޓު" އިންޑިއާގައި މަނާކުރުމާއި، އެ ކުޅުމުގެ ހުއްދަ ދިނީ ވަގުތީ ގޮތުން ކަމަށް ވުމުން އެކަމާ ހިތްހަމަ ނުޖެހިގެން މަދުރާއީ އާއި ޓަމިލް ނާޑޫގެ ގިނަ ސިޓީތަކެއްގައި ދަނީ މުޒާހަރާތައް ކުރަމުންނެވެ. އަދި އެ މުޒާހަރާތައް މަދުރާގައި ބޮޑެތި ހަމަނުޖެހުންތަކަކަށް ވެސް ބަދަލުވެގެން ދިޔައެވެ.
އިއްޔެ އާންމުވި ވީޑިއޯއިން ފެންނަނީ މަދުރާއިގައި އެފަދަ މުޒާހަރާއެއް ހިނގައި، މަދުރާއި އެއާޕޯޓަށް ނުވަދެވިގެން އުޅުނު ވަގުތެއްގައި، ފްލައިޓު އޮޕަރޭޓުކުރަން ޖެހޭތީ ސްރީލަންކަން އެއާލައިންސްގެ ޕައިލެޓަކާއި އޭނާގެ ފްލައިޓުގެ ކްރޫއިން، މަދުރާއި އެއާޕޯޓުގެ ފަހަތުގައި ޖަހާފައިވާ ކަށި ނަރު ފެންސުގެ ތެރެއިން އެއާޕޯޓުގެ ތެރެއަށް ވަންނަ މަންޒަރެވެ.
އެ ވީޑިއޯއާ ގުޅިގެން ގިނަ ބަޔަކު ދިޔައީ ސްރީލަންކަން އެއާލައިންސަށް ފާޑުކިޔައި، އެމީހުންގެ އަމަލަކީ ވަރަށް އަންޕްރޮފެޝަނަލް އަމަލެއް ކަމަށް ބުނަމުންނެވެ. ނަމަވެސް އެމީހުން ދިފާއުކޮށް، ބަޔަކު މީހުން ބުނަމުން ދިޔައީ، ފްލައިޓުގައި ދަތުރުކުރުމަށް އަންނަ މީހުންނަށް ޚިދުމަތް ދިނުމަށްޓަކައި ފްލައިޓުގެ ކެޕްޓަން އެފަދަ ގޮތެއް ހަމަޖައްސައިގެން ވެސް ކްރޫއިން އެއާޕޯޓަށް ވައްދައިދިނީތީ ޝުކުރުވެރިވާން ޖެހޭ ކަމަށެވެ.
ސްރީލަންކަން އެއާލައިންސްގެ ތަރުޖަމާނު ދީޕަލް ޕެރޭރާ، ލަންކާގެ "އަދަ ދެރަނަ" ނޫހަށް ވިދާޅުވީ، ވީޑިއޯއިން ފެންނަ ކަންކަން ހިނގީ މަދުރާއި އެއާޕޯޓުގެ ބޭރާއި އެއާޕޯޓު ވަށައިގެން ހަމަނުޖެހުން ބޮޑު މުޒާހަރާއެއް ކުރިޔަށް ގޮސް، އެއާޕޯޓުގެ މައި އެންޓްރަންސް ބަންދުވި ވަގުތަކު ކަމަށެވެ.
ތަރުޖަމާނު ވިދާޅުވީ ތާވަލާ އެއްގޮތަށް ފަސިންޖަރުންނަށް ދަތުރު ހަމަޖެއްސުމަށްޓަކައި، ފްލައިޓުގެ ކެޕްޓަނުންނާއި ފްލައިޓުންނަށް އެނޫން ގޮތެއް އެދުވަހު ނެތުނީ ކަމަށެވެ.
ސްރީލަންކަންގެ ކްރޫއިން އެއާޕޯޓުގެ ބޭރުގައި ޖަހާފައި ހުރި ސެކިއުރިޓީ ފެންސުގެ ތެރެއިން އެތަނަށް ވަނީ އެއާޕޯޓު ސެކިއުރިޓީގެ ހުއްދަ ލިބިގެން ކަމެއް ނުވަތަ ނޫންކަމެއް ކަށަވަރެއް ނޫނެވެ.
ސްރީލަންކަން އެއާލައިންސްއިން ކޮލޮމްބޯއާ މަދުރާއިއާ ދެމެދު ސީދާ ދަތުރުތައް ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. ސްރީލަންކަންއިން މަދުރާއީއަށް ދަތުރުތައް ފެށީ އެގައުމުގެ ބަޖެޓް އެއާލައިން މިހިން ލަންކާ ހުއްޓަލުމާ އެކު، އެ އެއާލައިނުން ދަތުރުކުރި މަންޒިލުތަކަށް ސްރީލަންކަންއިން ޚިދުމަތް ދޭން ފެށުމަށް ނިންމުމާ އެކުއެވެ.