މަނާކޮށްފައި އޮތުމަށްފަހު، އިންޑިއާ ސަރުކާރުގެ އަމުރަކުން އިއްޔެ ހުއްދަ ކުރި ތަމަޅައިންގެ ސަގާފީ ކުޅިވަރު "ޖައްލިކައްޓު" ކުޅެގެން ޓަމިލް ނާޑޫއިން ދެމީހަކު މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެއެވެ.
ޖައްލިކައްޓުއަކީ ތަމަޅައިންގެ ގޮވާންކުރާ މޫސުން ފެސުމާ ގުޅުވައިގެން ތަމަޅަ ސަގާފަތުގައި ފާހަގަކުރާ "ތައި ޕޮންގަލް" އީދުގެ މުނާސަބަތުގައި ކުޅޭ ކުޅިވަރެކެވެ. މި ކުޅިވަރު ކުޅެނީ، މައިދާނެއްގައި ގިނަ މީހުންތަކެއްގެ ތެރެއަށް މީގޮނެއް ދޫކޮށްލައިގެންނެވެ. މައިދާނުގައި ތިބޭ މީހުން ޖެހޭނީ އެއްވެސް އާލާތެއް ބޭނުން ނުކޮށް، މީގޮނުގެ ގޮންގަނޑުގައި ހިފަހައްޓައި، އެ މަތަކޮށް ހިމޭން ކުރުވާށެވެ.
ޖަނަވާރުތަކުގެ ހައްގުތައް ހިމާޔަތްކުރާ "ޕެޓާ އިންޑިއާ" ޖަމިއްޔާއިން 2014 ވަނަ އަހަރު ހުށަހެޅި މައްސަލައަކާ ގުޅިގެން، އެ އަހަރު އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ، ޖައްލިކައްޓު ކުޅުމަކީ މަނާކަމެއް ކަމުގައި ކަނޑައަޅާފައެވެ.
މިކަމާ ގުޅިގެން، މިއަހަރުގެ ތައި ޕޮންގަލް އީދު ތެރޭގައި ޓަމިލް ނާޑޫ، ޕުޑުޗެރީ ފަދަ، އިންޑިއާގައި ތަމަޅަ އާބާދީ ބޮޑު ސްޓޭޓުތަކާއި ސަރަހައްދުތަކުގައި ބޮޑެތި މުޒާހަރާތަކެއް ކުރިއެވެ. މުޒާހަރާތަކާ ގުޅިގެން މިދިޔަ ހަފްތާގައި ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އޮއްޓަކާރަ ޕަނީރުސެލްވަމް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއާ ބައްދަލުކުރައްވައި، އެކަމަށް ހައްލެއް ހޯދައި ދެއްވުމަށް އެދިވަޑައިގެންނެވުމުން، ބޮޑުވަޒީރު މޯދީ އިއްޔެ ވަނީ އަމުރެއް ނެރުއްވައި، ޖައްލިކައްޓު ކުޅުން ވަގުތީ ގޮތުން ހުއްދަ ކުރައްވައިފައެވެ.
މި ހުއްދައާ އެކު، ޓަމިލް ނާޑޫގެ ބައެއް އަވަށްތަކުގައި އިއްޔެ ވަނީ ޖައްލިކައްޓު ކުޅެންފަށައިފަ އެވެ.
އިއްޔެ ޓަމިލް ނާޑޫގެ ރަޕޫސަލް ކިޔާ ވިލެޖުގައި ޖައްލިކައްޓު ކުޅުމުގެ ތެރެއިން ދެ މީހަކަށް އަނިޔާވެ، މަރުވިއެވެ. އަދި 57 މީހަކަށް އަނިޔާވެގެން ފަރުވާ ހޯދާފައިވެއެވެ.
ރަޕޫސަލްގައި ތިން ގަޑިއިރަށް ވުރެ ގިނަ އިރަށް މި ކުޅިވަރު އިއްޔެ ކުޅުނު އިރު، އޭގައި 150 އަށް ވުރެ ގިނަ މީގޮނު ބައިވެރިކުރިއެވެ.
ސުޕްރީމް ކޯޓުން 2014 ވަނަ އަހަރު ކުރި އަމުރު އިއްޔެ ބާތިލުކޮށް، އިންޑިއާ ސަރުކާރުން ޖައްލިކައްޓު ހުއްދަ ކޮށްދިނީ ވަގުތީ ގޮތުންނެވެ.
ނަމަވެސް ތަމަޅަ ރައްޔިތުން އަދިވެސް ދަނީ މުޒާހަރާކޮށް، ދާއިމީ ގޮތުގައި ޖައްލި ކައްޓު ހުއްދަކޮށްފައި ބޭއްވުމަށް ގޮވާލަމުންނެވެ. އެންމެ ބޮޑު މުޒާހަރާ ކުރަމުން ދަނީ ޗެންނާއީގެ މެރީނާ ބީޗުގައެވެ. މެރީނާ ބީޗަށް 5،000 އެއްހާ ރައްޔިތުން އެއްވެ މުޒާހަރާ ކުރަމުންދާ އިރު، ޓަމިލް ނާޑޫގެ ފުލުހުން ވަނީ މެރީނާ ބީޗު ކޯޑަންކޮށް، އެތަނަށް ދެވެން ހުރި މަގުތައް ވެސް ބްލޮކް ކޮށްފައެވެ.
ޗެންނާއީގައި ކުރިޔަށްދާ މުޒާހަރާތަކާ ގުޅިގެން 19 ރޭލު ދަތުރެއްވެސް ވަނީ ކެންސަލް ކޮށްފައެވެ.
ތަމަޅައިން ބުނަމުން ދަނީ އެމީހުންގެ ސަގާފަތާއި އާދަކާދަތަކަށް އިންޑިއާގެ ޔޫނިއަން ސަރުކާރުން ބޭއިހްތިރާމުކުރާ ކަމަށެވެ.