ޔުނައިޓެޑް އަންނަނީ ކުރިއެރުން ހޯދަމުން، އަދި ޗެލްސީއާ ވާދަ ކުރެވޭ ވަރެއް ނުވޭ: ފާގަސަން

ފާގަސަން(ކ) އަދި މޮރީނިއޯ ---

ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން މެންޗަސްޓާ ޔުނައިޓެޑް އަންނަނީ ކުރިއެރުންތަކެއް ހޯދަމުން ކަމަށާއި ނަމަވެސް އަދި ޗެލްސީއާ ވާދަކުރެވޭ ވަރެއް ނުވާ ކަމަށް އެޓީމްގެ ކުރީގެ ކޯޗު ސާ އެލެކްސް ފާގަސަން ބުނެފި އެވެ.

ޔުނައިޓެޑްގެ ތާރީހްގައި އެޓީމްގެ އެންމެ ކާމިޔާބު ކޯޗު ފަގަސަން 2013 ވަނަ އަހަރު އިސްތިއުފާދިން ފަހުން އެޓިމާ މިހަތަނަށް ވަނީ ތިން ކޯޗަކު ހަވާލުވެފަ އެވެ. ނަމަވެސް ޑޭވިޑް މޮއިސް އާއި ލޮއިސް ވެން ހާލްއަށް އެޓީމަށް ރަނގަޅު ކާމިޔާބީއެއް ނުގެނެވި ވަނީ މަގާމުން ދުރުކޮށްފަ އެވެ. އަދި މިސީޒަނުގައި ޔުނައިޓެޑްގެ ކޯޗު ކަމާއި މޮރީނިއޯ ހަވާލުވި ފަހުން އަންނަނީ ތަފާތު ފެންނަމުން ކަމަށް ފާގަސަން ބުންޏެވެ.

"އޭނާ[މޮރީނިއޯ] އަންނަނީ ޓީމްގެ ކޮންޓްރޯލް ހޯދައި ރަނގަޅު މިސްރާބަކަށް ޓީމް ގެންދިއުމަށް ގިނަ މަސަތްކަތްތަކެއް ކުރަމުން،" ފާގަސަން ބުންޏެވެ.

މޮރީނިއޯގެ އިރުޝާދުގެ ދަށުން 22 މެޗު ކުޅެ ލިބުނު 41 ޕޮއިންޓާ އެކު ޔުނައިޓެޑް އޮޮތީ ތާވަލުގެ ހަ ވަނައިގަ އެވެ. އެއްވަނާގައި 55 ޕޮއިންޓާ އެކު އޮތް ޗެލްސީއާ ދެެމެދު 14 ޕޮއިންޓްގެ ފަރަގެއް އިބައޮތެވެ.

ފާގަސަން ބުނީ މޮރީނިއޯގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް އަންނަނީ ރަނގަޅަށް ކުޅެމުން ކަމަށާއި ނަމަވެސް ނަސީބު އެހީ ނުވުމުގެ ސަބަބުން އެޓީމް ވަނީ ހަ މެޗުން 1-1ގެ ނަތީޖާ އަކުން އެއްވަރުވެ، އިނދިކޮޅު ޓީމްގެ ފަރާތުން ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައި ކަމަށެވެ.

"ޔުނައިޓެޑުން އެ ހަ މެޗުން އެއްވަރު ނުވެ ސަލާމަތްވި ނަމަ އަހަރެންނަށް ޔަގީން މިއަދު ޗެލްސީއާ ވާދަކުރާނެކަން. ނަމަވެސް ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ އަދި ޗެލްސީއާ ވާދަކުރެވޭ ހިސާބަށް ނުދާކަން،" ފާގަސަން ބުންްޏެވެ.

މޮރީނިއޯގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން އަންނަނީ މި ސީޒަނުގެ ފުރަތަމަ ޓްރޮފީ ނެގުމަށް ތައްޔާރުވަމުންނެވެ. ލީގް ކަޕްގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ހަލް ސިޓީގެ މައްޗަށް 2-0ގެ ނަތީޖާ އަކުން ޔުނައިޓެޑް ކުރި ހޯދާފައިވާ އިރު ދެ ވަނަ ލެގް މެޗު އެއްވަރުކޮށްލައިގެން ވެސް އެމުބާރާތުގެ ފައިނަލަށް އެޓީމަށް ދަތުރުކުރެވޭނެ އެވެ.

comment ކޮމެންޓް