އޭޝިއާގެ ގައުމުތަކާ އެކު އެމެރިކާއިން ހެދި ވިޔަފާރީގެ އެއްބަސްވުމުން އެމެރިކާ ވަކިވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސީ އަމުރުތަކުގައި ސޮއިކުރައްވަނީ -- ފޮޓޯ/ ގެޓީ

އޭޝިއާ ޕެސިފިކްގެ 12 ގައުމަކާ އެކު އެމެރިކާ އިން އެކުލަވާލާފައިވާ "ޓްރާންސް ޕެސިފިކް ޕާޓްނަޝިޕް" (ޓީޕީޕީ) ވިޔަފާރި އެއްބަސްވުމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ އަމުރުފުޅެއްގެ ދަށުން އެމެރިކާ ވަކިވެއްޖެ އެވެ.

ޓީޕީޕީ ވިޔަފާރި އެއްބަސްވުމަކީ، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ، އޭޝިއާ ސަރަހައްދުގެ ގައުމުތަކާ ގުޅުން ބަދަހިކުރެއްވުމުގެ ގޮތުން އެޅުއްވި އެންމެ މުހިންމު އެއް ފިޔަވަޅެވެ.

ޓީޕީޕީ އެއްބަސްވުމަކީ ދުނިޔޭގެ އިގްތިސާދުގެ 40 ޕަސެންޓް ހިއްސާވާ 12 ގައުމެއްގެ މެދުގައި އެކުލަވާލެވުނު ވިޔަފާރި އެއްބަސްވުމެކެވެ. އޭގެ ތެރޭގައި ހިމެނެނީ އެމެރިކާގެ އިތުރުން އޮސްޓްރޭލިއާ، ބްރޫނާއި، ކެނެޑާ، ޗިލީ، ޖަޕާން، މެލޭޝިއާ، މެކްސިކޯ، ނިއުޒިލެންޑް، ޕެރޫ، ސިންގަޕޫރު އަދި ވިއެޓްނާމެވެ.

މި އެއްބަސްވުމުގެ މަގްސަދަކީ އިގްތިސާދީ ގުޅުން ވަރުގަދަކޮށް، ޓެރިފްތަކާއި އެފަދަ ޓެކްސްތައް ކުޑަކުރުމެވެ. މީގެ އިތުރުން މަސައްކަތްތެރިންނާއި މަސައްކަތްތެރިންގެ މާހައުލުގެ މިންގަނޑުތަކާއި ކޮޕީ ރައިޓާއި ޕޭޓެންޓްސް ފަދަ ގާނޫނީ ކަންކަން ހިމެނެ އެވެ. މި އެގްރިމެންޓު އެކުލަވާލުމަށް އެންމެ ބޮޑަށް ވަކާލާތުކުރީ ރައީސް ބަރަކް އޮބާމާގެ ސަރުކާރުންނެވެ. މި އެގްރިމެންޓުގެ ދަށުން އޮބާމާ ގެންގުޅުއްވި ވިސްނުންފުޅަކީ، ވިލާތުގެ އިއްތިހާދު ފަދަ ސިންގަލް މާކެޓެއް އުފެއްދުމަށެވެ.

މި އެއްބަސްވުމުގެ އެމެރިކާ ބޭރުވެ، އެކަމުގެ އަމުރުގައި ސޮއިކުރައްވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އެމަނިކުފާނު އެ އެޅުއްވި ފިޔަވަޅަކީ އެމެރިކާގެ މަސައްކަތްތެރިންނަށް ކޮށްދެވުނު ވަރަށް ބޮޑު ކަމެއް ކަމަށެވެ.

ޓީޕީޕީ އެގްރިމެންޓުގައި އެމެރިކާ އިން ވެސް ބައިވެރިވެފައި އޮތް ނަމަވެސް، އެ އެގްރިމެންޓް އެމެރިކާގެ ކޮންގްރެސް އިން ފާސްކޮށްފައެއް ނުވެ އެވެ. އެހެންކަމުން އެ އެގްރިމެންޓް މިހާތަނަށް އެމެރިކާގައި ތަސްދީގުކޮށްފައެއް ވެސް ނުވެ އެވެ.

އެމެރިކާ އިން ޓީޕީޕީ އެގްރިމެންޓު ދޫކޮށްލާފައިވާ އިރު، އޮސްޓްރޭލިއާގެ ޓްރޭޑު މިނިސްޓަރު ސްޓީވަން ޗޯބޯ ވިދާޅުވީ އެމެރިކާ ނުލައި ޓީޕީޕީގެ މެމްބަރު ގައުމުތަކަށް އެގްރިމެންޓުގެ ފައިދާތައް ކަށަވަރުކޮށް، ޔަގީންވާނެ ގޮތްތަކަ މެދު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް