މެސީ، ސުއަރޭޒް އަދި ނޭމާގެ ލަނޑަކާއެކު އައިބާ އަތުން ބާސާއަށް ފަސޭހަ މޮޅެއް

ސްޕެނިޝް ލަލީގާގައި ބާސާއާއި އައިބާ ބައްދަލުކުރި މެޗުގެ ތެރެއިން: އެމެޗުން ބާސާ މޮޅުވީ 4-0 ލަނޑުން --- ފޮޓޯ/ އޭޕީ

ސްޕެނިޝް ލަލީގާގައި އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި، އުރުގު އާއީ ތަރި ލުއިސް ސުއަރޭޒާއި، ބްރެޒިލް ތަރި ނޭމާގެ ލަނޑަކާއެކު އައިބާ އަތުން ފަސޭހަކަމާއެކު ބާސެލޯނާ މޮޅުވެއްޖެ އެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު ސްޕެނިޝް ލަލީގާ މެޗުގައި އައިބާ އަތުން ބާސާ މޮޅުވީ 4-0 ލަނޑުގެ ނަތީޖާއަކުންނެވެ.

ސްޕެނިޝް ލަލީގާގައި ބާސާއާއި އައިބާ ބައްދަލުކުރި މެޗުގެ ތެރެއިން: އެމެޗުން ބާސާ މޮޅުވީ 4-0 ލަނޑުން --- ފޮޓޯ/ އޭޕީ

ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ 31 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. އެ ލަނޑު ބާސާއަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެންދިޔަ ޑެނިސް ސުއަރޭޒްއެވެ. އޭނާ ކުޅެން ނުކުތީ ސާޖިއޯ ބުސްކެޓްއަށް ލިބުނު އަނިޔާއަކާ ގުޅިގެން މެޗުގެ ދިހަވަނަ މިނެޓުގައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ބާސާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ފަސް މިނެޓްފަހުން ބާސާއިން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. ލުއިސް ސުއަރޭޒް ދިން ރީތި ބޯޅައަކުން ބާސާއަށް އެލަނޑު ކާމިޔާބުކޮށްދިނީ ލިއޮނެލް މެސީއެވެ. އޭނާ އެލަނޑު ކާމިޔާބުކުރީ އައިބާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާއަކުންނެވެ.

މެޗުގެ 68 ވަނަ މިނެޓުގައި ބާސާގެ ތިންވަނަ ލަނޑު ފެނިގެންދިޔައެވެ. އެލަނޑު ބާސާއަށް ކާމިޔާބުކޮށްދިނީ ސުއަރޭޒްއެވެ. އޭނާ އެލަނޑު ކާމިޔާބުކުރީ އައިބާގެ ފްރާންސް ޑިފެންޑަރު ފްލޯރިއަން ލެޖެއުންއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައެވެ.

ސްޕެނިޝް ލަލީގާގައި ބާސާއާއި އައިބާ ބައްދަލުކުރި މެޗުގެ ތެރެއިން: އެމެޗުން ބާސާ މޮޅުވީ 4-0 ލަނޑުން --- ފޮޓޯ/ އޭޕީ

މެޗުގައި ބާސާއިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. އެލެކްސް ވިޑާލް ދިން ބޯޅައަކުން ބާސާއަށް އެލަނޑު ކާމިޔާބުކޮށްދިނީ މެސީއާއި ސުއަރޭޒްއާއެކު އެޓީމުގެ ފޯވަޑް ލައިންގައި ދެން ހިމެނޭ ނޭމާއެވެ.

ލަލީގާގައި އިއްޔެ އެތުލެޓިކް ކްލަބު އަތުން އެތުލެޓިކޯ މެޑްރިޑް ވަނީ ޕޮއިންޓެއް ހޯދައިފައެވެ. އެތުލެޓިކް ކްލަބުގެ ދަނޑުގައި ކުޅުނު އެމެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެޓީމު އެއްވަރުވެގެންނެވެ. މެޗުގެ ތިންވަނަ މިނެޓުގައި އެތުލެޓިކޯއަށް ކޮކޭ ލީޑު ހޯދައިދިން ނަމަވެސް، މެޗުގެ 42 ވަނަ މިނެޓުގައާއި 56 ވަނަ މިނެޓުގައި އެތުލެޓިކް ކްލަބުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. އެލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ލުކުއޭއާއި ޑި މާކޯސްއެވެ. މެޗު ނިމެން ދިހަ މިނެޓަށް ވެފައިވަނިކޮށް، އެތުލެޓިކޯއަށް ނަތީޖާ ހަމަހަމަކޮށްދިނީ އެޓީމުގެ ފްރާންސް ފޯވަޑް އެންޓޮއިން ގްރީޒްމަންއެވެ.

ސްޕެނިޝް ލަލީގާގައި ބާސާއާއި އައިބާ ބައްދަލުކުރި މެޗުގެ ތެރެއިން: އެމެޗުން ބާސާ މޮޅުވީ 4-0 ލަނޑުން --- ފޮޓޯ/ އޭޕީ

އިއްޔެ ރަށުން ބޭރުގައި އޮސަސޫނާ އަތުން ސެވިއްޔާ ވަނީ 3-4 ލަނޑުން މޮޅުވެފައެވެ. އެމެޗުގައި އިބޯރާ ސެވިއްޔާއަށް ދެލަނޑު ކާމިޔާބުކޮށްދިންއިރު، އޭނާ އަތުން ބައިކޮޅަށް ވެސް ލަނޑެއް ވަނެވެ. ސެވިއްޔާގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ ފްރެންކޯ ވަޒްކުއޭޒްއާއި ޕަބްލޯ ސަރަބިއާއެވެ. ސެވިއްޔާގެ އިބޯރާ އަތުން ބައިކޮޅަށް ވަން ލަނޑުގެ އިތުރުން ދެން އޮސަސޫނާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ސާޖިއޯ ލިއޯންއާއި ކެނާން ކޮޑްރޯއެވެ.

ސްޕެނިޝް ލަލީގާގެ އެއްވަނައިގައި އަދިވެސް އޮތީ ރެއާލް މެޑްރިޑެވެ. އެޓީމަށް ކުޅުނު 18 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ސެވިއްޔާއަށް 19 މެޗުން ލިބިފައިވަނީ 42 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ބާސާއަށް 19 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 19 މެޗުން ލިބިފައިވަނީ 35 ޕޮއިންޓެވެ.

comment ކޮމެންޓް