ކާބިލް: ރިތިކްގެ އެންމެ މޮޅު ފިލްމު!

ރިތިކް ރޯޝަންގެ 'ކާބިލް' ރިލީޒް ކުރުމަށް ވާން ޖެހޭ ފަހުގެ ތައްޔާރީތައްވެ، މަޝްހޫރު ފަރާތްތަކަށް ޚާއްސަކޮށްގެން ފިލްމުގެ ސްކްރީނިން ވެސް މިހާރު މިވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު ރިލީޒް ކުރާ އެ ފިލްމުގެ ސްކްރީނިން އަށް ދިޔަ ގިނަ ފަރާތްތަކުން ވަނީ ފިލްމު ވަރަށް މޮޅު ކަމަށް ބުނެ ފިލްމަށް ތައުރީފުކޮށްފަ އެވެ. ފިލްމުގެ ސްކްރީނިންގައި ރިތިކްގެ ކުރީގެ އަންހެނުން ސުޒާން ޚާން އާއި ބޮލީވުޑުގެ އެކްޓަރުންނާއި ޑައިރެކްޓަރުން އަދި ޕްރޮޑިއުސަރުން ވެސް ވަނީ ބައިވެރިވެފަ އެވެ.

ފިލްމު ބެލުމަށް ފަހު ސުޒާން ވެސް ވަނީ، ރިތިކްއާ އެކު ނަގާފައިވާ ފޮޓޯ އަކާ އެކު، ފިލްމު ވަރަށް މޮޅު ކަމަށާއި ރިތިކް އާމެދު ފަހުރުވެރިވާ ކަމަށް ބުނެ ޓުވީޓު ކޮށްފަ އެވެ.

ރިތިކް އާ ދެމީހުން ވަރިވި ނަމަވެސް، ދެމީހުން ތިބީ އަދި ވެސް ވަރަށް ގާތް އެކުވެރިންގެ ގޮތުގަ އެވެ. އަދި ދެ ކުދިންނާ އެކު ވެސް ވަރަށް ގިނައިން ދެމީހުން ވަގުތު ހޭދަކުރެ އެވެ.

'ކާބިލް'ގައި ނެގެޓިވް ރޯލަކުން ފެންނަ ކުޅަދާނަ އެކްޓަރު ރޮނިތު ރޯއީ ވެސް ވަނީ ފިލްމުގެ ސްކްރީނިން އަށް ފަހު ރިތިކަށް ތައުރީފު ކޮށްފަ އެވެ.

އޭގެ އިތުރުން ފިލްމުގެ ސްކްރީނިން އަށް ދިޔަ ގިނަ ފަރާތްތަކުން ވަނީ އެއީ މިހާތަނަށް ރިތިކްގެ އެންމެ މޮޅު ފިލްމު ކަމަށް ވެސް ބުނެފަ އެވެ. އަދި އެ ފިލްމުން އެންމެން ރޮއްވާލާނެ ކަމަށާއި ފިލްމު ސުޕަހިޓް ވެގެންދާނެ ކަމަށް ވެސް ގިނަ ފަންނާނުން ވަނީ ޓުވީޓު ކޮށްފަ އެވެ.

'ކާބިލް' އަކީ ލޯފަން ދެ މީހުންގެ ދެމެދުގައި އުފެދޭ ލޯބީގެ ގުޅުމެއްގެ މައްޗަށް ސަންޖޭ ގުޕްތާ ޑައިރެކްޓު ކޮށް، ރާކޭޝް ރޯޝަން ޕްރޮޑިއުސް ކޮށްފައިވާ ފިލްމެކެވެ. ރިތިކްއާ އެކު 'ކާބިލް'ގައި ހަރަކާތްތެރި ވާނީ ޔަމީ ގޯތަމް އެވެ.

ބުދަ ދުވަހު ފިލްމު ރިލީޒް ކުރާ އިރު، ހަމަ އެ ދުވަހު ޝާހް ރުކް ޚާންގެ 'ރައީސް' ވެސް ރިލީޒް ކުރާނެ އެވެ.

comment ކޮމެންޓް