'ރައީސް' ޕްރޮމޯޓް ކުރަން ޝާހު ދާނީ ޓްރެއިންގައި

ބޮލީވުޑުގެ ރަސްގެފާނު ޝާހު ރުކް ޚާންގެ ކުރިއަށް އޮތް ފިލްމު، 'ރައީސް' ޕްރޮމޯޓް ކުރުމަށް ޝާހު ނިއު ދިއްލީއަށް ދާނީ ރޭލެއްގައި ކަމަށް ޚަބަރުތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން، 'ރައީސް'ގެ ޕްރޮމޯޝަނަށް މުމްބާއީގެ ސެންޓްރަލް ސްޓޭޝަން އިން ޝާހު ދިއްލީ އަށް ފުރާނީ މިއަދު އެވެ.

ޝާހު އާއެކު ރޭލު ދަތުރުގައި ފިލްމުގެ ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީ އާއި ޑައިރެކްޓަރު ރާހުލް ދޯލަކިއާ ވެސް ބައިވެރިވާނެ އެވެ.

ފްލައިޓް ދޫކޮށްލުމަށް ފަހު 'ރައީސް'ގެ ޓީމުން ފިލްމުގެ ޕްރޮމޯޝަނަށް ދިއްލީއަށް ދާން ނިންމާފައި ވަނީ ފިލްމާ ވެސް ގުޅުވައި، ޕްރޮމޯޝަން ތަފާތު ކުރުމަށެވެ.

ޝާހު ވެގެންދާނީ ފިލްމެއްގެ ޕްރޮމޯޝަނަށް ރޭލެއްގައި މުމްބާއީ އިން ދިއްލީއަށް ދަތުރު ކުރާ ފުރަތަމަ "ޚާން" އަށެވެ.

'ރައީސް' ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 25 ވަނަ ދުވަހު އެވެ. އެ ފިލްމުގައި ޝާހުގެ އިތުރުން ޕާކިސްތާނުގެ އެކްޓަރު މާހިރާ ޚާން، އަދި ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ނަވާޒުއްދީން ސިއްދީގީގެ މުހިންމު ރޯލެއް ވެސް ފެނިގެން ދާނެ އެވެ.

comment ކޮމެންޓް