ރެފްރީންނަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

ރެފްރީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އާރްއޭއެމް)ގެ ކޮންގްރެސް ތެރޭން -- ފޮޓޯ: އާރްއޭއެމް

ރެފްރީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އާރްއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ ފުރަތަ ރެފްރީސް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އާރްއޭއެމްއިން ބުނީ، އެ އެސޯސިއޭޝަނުން އަންނަ ފެބްރުއަރީ މަހުގެ 19 އިން 28 އަށް ހިންގުމަށް ހަމަޖެހިފައިވާ ރެފްރީސް ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، ފެބުރުއަރީ 10 ގެ ކުރިން ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށް ފަހު އެ އެސޯސިއޭޝަނަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

އަލަށް ރެފްރީކަމުގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މިކޯހުގައި ކިޔަވައިދެއްވާނީ، ރެފްރީ ކަމުގެ ދާއިރާގައި ރާއްޖޭގައި ތިއްބެވި އެންމެ ފުންނާބުއުސް ބޭފުޅުން ކަމަށްވާ މުހައްމަދު ސައީދާއި، އަހްމަދު އަބީރު އިސްމާއިލް، އަހްމަދު އަމީޒް، މުހައްމަދު އަނީލް، ޖައުފަރު ރަޝީދުގެ އިތުރުން އިސްމާއިލް އިޒްހާންއެވެ.

ރެފްރީސް އެސޯސިއޭޝަނަކީ ދިވެހިރާއްޖޭގެ ފުޓްބޯޅަ، ފުޓްސަލް، އަދި ބީޗް ސޮކާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް އިތުރަށް ކުރިއަށް ގެންދިއުމުގައި ހަރަކާތްތެރިވާނެ މުހިންމު ބައެއްކަމުގައިވާ ރެފްރީންނަށް އިތުރު ކުރިއެރުމާއި ތަމްރީން ހޯދައިދިނުމަށާއި، ރެފްރީންގެ މުސްތަގުބަލް އުޖާލާކޮށް، ރެފްރީންނާ ގުޅުންހުރި އެކި އެކި ރޮނގު ރޮނގުން ކަންކަން ރާވައި ހިންގުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ.

comment ކޮމެންޓް