ވޭން ރޫނީ ބޮބީ ޗާލްޓަންގެ ލަނޑުގެ ރެކޯޑް މުގުރާލައިފި

ވޭން ރޫނީ (ވ)، ސްޓޯކް ސިޓީކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ -- ފޮޓޯ: އީއެސްޕީއެން

މެންސްޗެސްޓާ ޔުނައިޓެޑަށް އެންމެ ގިނަ ލަނޑުޖަހައިދިން ކުޅުންތެރިޔާގެ ގޮތުގައި އެޓީމުގެ ކުރީގެ ލެޖެންޑް ފޯވާޑް ސަރ ބޮބީ ޗާލްޓަން ގާއިމުކޮށްފައިވާ ރެކޯޑް، ވޭން ރޫނީ މުގުރާލައިފިއެވެ.

ޔުނައިޓެޑަށް އެންމެ ގިނަ ލަނޑުޖެހުމުގެ ރެކޯޑް ރޫނީ މުގުރާލީ، ޕްރިމިއަ ލީގުގައި މިރޭ ސްޓޯކް ސިޓީއާ ދެކޮޅަށް ޔުނައިޓެޑްކުޅުނު މެޗުގައި އޭނާ ކާމިޔާބުކުރި ލަނޑުންނެވެ. އެ ލަނޑާއެކު މިރޭގެ މެޗުން ޔުނައިޓެޑް ބަލިނުވެ ސަލާމަތްވެފައިވާ އިރު، ރޫނީ އެޓީމަށް މިހާތަނަށް ކާމިޔާބުކޮށްދިން ލަނޑުގެ ޖުމުލަ އަދަދު ވަނީ 250އަށް އަރައިފައެވެ. މިއީ ބޮބީ ޗާލްޓަން ޔުނައިޓެޑަށް ކާމިޔާބުކޮށްދިން ލަނޑުތަކަށް ވުރެ، އެއްލަނޑު އިތުރު އަދަދެކެވެ.

ސްޓޯކް ސިޓީގެ އަތްދަށުން ސަލާމަތް ވުމުގެ އިތުރުން، މެޗަކުން ބަލިނުވެ ޔުނައިޓެޑް ދަމަހައްޓަމުންދާ ސިލްސިލާ 13 މެޗަށް އިތުރުކޮށްދިން ލަނޑު ރޫނީ ކާމިޔާބުކުރީ، ފަހު ހާފުގެ އިތުރު ވަގުތުގައި އެޓީމަށް ލިބުނު ހިލޭ ޖެހުމެއް، ވަރަށް ރީތިކޮށް ސްޓޯކްގެ ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.

އިންގްލެންޑް އަދި ޔުނައިޓެޑްގެ ލެޖެންޑް ސަރ ބޮބީ ޗާލްޓަންގެ ލަނޑުގެ ރެކޯޑް (249) އާ ރޫނީ ހަމަކުރީ އެފްއޭކަޕް ތިންވަނަ ބުރުގައި ރެޑިންއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގައި ލަނޑެއް ކާމިޔާބުކޮށްގެންނެވެ. އަދި އެ ލަނޑަށް ފަހު، ޔުނައިޓެޑަށް އެންމެ ގިނަ ލަނޑުޖެހުމުގެ ރެކޯޑް މުގުރާލުމަށް ރޫނީއަށް ދެ ހަފްތާވަންދެން މަޑުކުރަން ޖެހުނެވެ.

ޔުނައިޓެޑަށް ރޫނީ ކާމިޔާބުކޮށްދިން 250 ވަނަ ލަނޑަކީ، ސީދާ ހިލޭ ޖެހުމަކުން އޭނާ ކާމިޔާބުކުރި 6 ވަނަ ލަނޑެެވެ.

ރޫނީ މިރޭ ކާމިޔާބު ކުރި ލަނޑާއެކު އޭނާ ވަނީ، ޕްރިމިއާ ލީގުގައި ރަށުން ބޭރުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ގޮތުގައި އެލަން ޝިއަރާ ގާއިމުކޮށްފައިވާ ލަނޑުގެ ރެކޯޑްވެސް މުގުރާލައިފައެވެ. އެއީ 88 ލަނޑެވެ.

ޔުނައިޓެޑަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ޗާލްޓަން ގާއިމު ކުރީ، 1965 އިން 1973އާ ދެމެދު، އޭނާ އެޓީމަށް ކުޅުނު 758 މެޗުންނެވެ. އެވަޓަންއިން 2004 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑާ ގުޅުނު ރޫނީ، އެ ރެކޯޑް މުގުރައިލީ 546 މެޗުންނެވެ.

މެޗަށް ފަހު ރޫނީ، ކުރި ޓްވީޓެއްގައި ބުނީ، މެންޗެސްޓާ ޔުނައިޓެޑްގެ އެންމެ ގިނަ ލަނޑުޖެހުންތެރިޔާއަށް ވުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި އޭނާއާ މެދު ބޮބީ ޗާލްޓަން ފާޅުކޮށްފައިވާ ޝުއޫރަށް ޝުކުރުއަދާކުރާ ކަމަށެވެ.

ސާރ ބޮބީ ޗާލްޓަން ބުނީ، އޭނާގެ ރެކޯޑް ރޫނީ މުގުރާލުމުން އެކަމާ ދެރަ ނުވާކަމަށް ބުނުމަކީ ހެދޭ ދޮގަކަށް ނޫނީ ނުވާނޭ ކަމަށާއި، އެހެން ނަމަވެސް ރޫނީއާ މެދު ފަހުރުވެރިވާ ކަމަށެވެ.

ރޫނީ ވަނީ، ޗާލްޓަން ގާއިމުކޮށްފައިވާ، އިންގްލެންޑަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑުވެސް 2015 ވަނަ އަހަރު މުގުރާލައިފައެވެ. ޖުމުލަ 50 ލަނޑާއެކު ރޫނީ އެ ރެކޯޑް މުގުރައިލީ، ޔޫރޯ 2016 ކޮލިފައިންގައި ސްވިޒަލޭންޑް އަތުން 2-0 އިން އިންގްލޭންޑް މޮޅުވި މެޗުގައެވެ.

އިންގްލެންޑަށް ރޫނީ ކުޅުނު 119 މެޗުން އޭނާ ކާމިޔާބުކޮށްދިން ލަނޑުގެ އަދަދު 53 އަށް އަރާއިރު، އެޓީމަށް އެންމެ ގިނަ މެޗު ކުޅުނު (125 މެޗު) ޕީޓާ ޝިލްޓަންގެ ރެކޯޑާވެސް ރޫނީ ވަނީ ގާތްކޮށްފައެވެ.

comment ކޮމެންޓް