ލިވަޕޫލް ސްވޮންސީ އަތްދަށުވީ އިރު މެންޗެސްޓާ ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

ލިވަޕޫލް އަތުން 2-3 އިން ސްވޮންސީ ސިޓީ މޮޅުވި ލަނޑު ސިގާޑްސަން ކާމިޔާބުކުރަނީ -- ފޮޓޯ: ބީބީސީ

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ، ލިވަޕޫލް އެޓީމުގެ އަމިއްލަ ދަނޑުގައި ސްވޮންސީ ސިޓީއަތުން 2-3ގެ ނަތީޖާއަކުން ބަލިވިއިރު، ސްޓޯކް ސިޓީއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެ ކުޅުނު މެޗު 1-1ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

ލިވަޕޫލްގެ އެންފީލްޑްގައި މިރޭ އެ ޓީމު ކުޅުނު މެޗުން ބަލިވުމުން، މިފަހަރުގެ ލީގު ކާމިޔާބުކުރުމަށް އެޓީމުން ދެކެމުން އަންނަ ހުވަފެންތަކަށް ވަނީ ހުރަސްއެޅޭގޮތްވެފައެވެ. އަދި ލީގު ތާވަލުގެ ފުލުގައި އޮތް ސްވޮންސީ ވަނީ މި މެޗުން މޮޅުވެ ރެލިގޭޝަން ޒޯނުން ބޭރުވެފައެވެ.

މި ނަތީޖާއާއެކު، ތާވަލުގެ އެއްވަނައިގައި 52 ޕޮއިންޓާއެކު އޮތް ޗެލްސީއާ ދެމެދު ފަރަގު ކުޑަކުރުމަށް، 45 ޕޮއިންޓާއެކު ތިން ވަނައިގައި އޮތް ލިވަޕޫލަށް ލިބުނު ފުރުސަތު ގެއްލިފައިވާއިރު، ލިވަޕޫލުން ވަނީ ޗެލްސީއަށް ވުރެ އިތުރަށް އެއް މެޗު ކުޅެފައެވެ.

މެޗުގެ ފުރަތަމަ ހާފް ދެޓީމުން ވެސް ނިންމާލަން ޖެހުނީ ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. އެހެން ނަމަވެސް ދެވަނަ ހާފް ފަށައިގެން މާ ގިނަ އިރުތަކެއް ނުވެ، ސްވޮންސީން ވަނީ ހަތަރު މިނިޓް ތެރޭގައި ދެލަނޑުގެ ލީޑެއް ނަގައިފައެވެ. މެޗުގެ 48 ވަނަ މިނިޓްގައާއި 52 ވަނަ މިނިޓްގައި ފެނިގެން ދިޔަ އެ ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ، ސްޕެއިން ފޯވާޑް ފެނާންޑޯ ލޮރެންޓޯއެވެ.

ލިވަޕޫލުން ވަނީ، ކުޅުން އިތުރަށް ވަރުގަދަކޮށް 55 ވަނަ މިނިޓްގައި ލަނޑެއް ކާމިޔާބުކޮށްފައެވެ. އަދި އޭގެ 14 މިނިޓްފަހުން އެޓީމުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ލިވަޕޫލްގެ އެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ، އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ރޮބާޓޯ ފަރމިނޯއެވެ.

ލިވަޕޫލުން ކުޅުން ވަރުދަކޮށް، މެޗުގެ ނަތީޖާ އެޓީމުގެ ކޮޅަށް އަނބުރާލުމަށް އިތުރު ފުރުސަތުތަކެއް ހޯދަމުން ދިޔަ ނަމަވެސް އެކަން ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.

ސްވޮންސީއަށް މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު، މެޗު ނިމެން 16 މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ގިލްފީ ސިގާރޑްސަން އެވެ.

މިއީ ރަށުން ބޭރުގައި ލިވަޕޫލްގެ މައްޗަށް، ސްވޮންސީ ހޯދި ފުރަތަމަ ކާމިޔާބީއެވެ. އަދި އެޓީމުގެ އާ ކޯޗް ޕައުލް ކްލެމެންޓް ޓީމާ ހަވާލުވިފަހުން މޮޅުވި ފުރަތަމަ މެޗެވެ.

މެންޗެސްޓާ ޔުނައިޓެޑާއި ސްޓޯކް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެން. މެޗުގެ އިތުރު ވަގުތުގައި ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ވޭން ރޫނީ -- ފޮޓޯ: ބީބީސީ

ސްޓޯކް ސިޓީގެ ދަނޑުގައި އެޓީމާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގެ 19 ވަނަ މިނިޓްގައި ސްޓޯކަށް ވަނީ މެޗުގެ ލީޑު ލިބިފައެވެ. އެ ލަނޑަކީ ހުއާން މަޓާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އެ މެޗުގައި އިތުރު ލަނޑެއް ނުފެނި، ޔުނައިޓެޑަށް މެޗުން ބަލިވެދާނޭކަމުގެ ބިރު ހީވެފައި ވަނިކޮށް، ފަހު ހާފުގެ އިތުރު ވަގުތުގައި އެޓީމު ސަލާމަތްކޮށްދިނީ، ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކެޕްޓަން ވޭން ރޫނީއެވެ.

ރޫނީ އެ ލަނޑު ކާމިޔާބުކުރީ، ސްޓޯކްގެ ޕެނަލްޓީ އޭރިޔާގެ ކަނާދިމާލުން ޔުނައިޓެޑަށް ލިބުނު ހިލޭ ޖެހުމެއް ވަރަށް ރީތިކޮށް ގޯލްތެރެއަށް ފޮނުވާލައިގެންނެވެ. މިއީ ރޫނީ އެޓީމަށް ކާމިޔާބުކޮށްދިން 250 ވަނަ ލަނޑެވެ. އެ ލަނޑާއެކު އޭނާ ވެގެން ގޮސްފައި ވަނީ މެންޗެސްޓާ ޔުނައިޓެޑަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ. ކުރިން އެ ރެކޯޑް އޮންނަނީ އެޓީމުގެ ލެޖެންޑް ސަރ ބޮބީ ޗާލްޓަން އަތުގައެވެ.

ޕްރިމިއަ ލީގުގައި މިރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު، ބޯންމައުތާއި ވޮޓްފޯޑް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ކްރިސްޓަލް ޕެލަސްގެ ދަނޑުގައި އެޓީމު އަތުން 1-0 ލަނޑުން އެވަޓަން މޮޅުވި އިރު، މިޑްލްސްބަރާގެ ދަނޑުގައި އެޓީމު އަތުން ވެސްޓްހޭމް ވަނީ 3-1 ލަނޑުން މޮޅުވެފައެވެ. އަދި ވެސްޓް ބްރޮމް ވަނީ 2-0 އިން ސަންޑަލޭންޑް އަތުން މޮޅުވެފައެވެ.

comment ކޮމެންޓް