ޑިޕާއީ ލިޔޯންއަށް ސޮއިކޮށްފި

މެންޗެސްޓާ ޔުނައިޓެޑްގެ ނެދަލެންޑްސް ފޯވަޑް މެމްފިސް ޑިޕާއީ ފްރާންސްގެ ލިޔޯންއަށް ސޮއިކޮށްފިއެވެ.

ޔުނައިޓެޑްގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު، ލިޔޯންއަށް ޑިޕާއީ ސޮއިކުރީ 15 މިލިއަން ޕައުންޑްގެ އަގަކަށް ކަމަށް ހަބަރުތައް ބުނެއެވެ. އެ އަގު 21.7 މިލިއަން ޕައުންޑަށް އެރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

ނެދަލެންޑްސްގެ ޕީއެސްވީން 2015 ވަނަ އަހަރު ޔުނައިޓެޑާ ގުޅުނު ޑިޕާއީއަށް ވަނީ ލުއިސް ވެންހާލް އަދި ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ފުރަތަމަ 11އިން ޖާގަ ހޯދުމަށް އުނދަގޫތަކަކާ ކުރިމަތިލައިފައެވެ.

ޕީއެސްވީން ޔުނައިޓެޑާ އޭނާ ގުޅިފައިވަނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ލިޔޯންއާ އޭނާ ގުޅިފައިވަނީ ޔުނައިޓެޑްގައި 18 މަސް ހޭދަކުރުމަށްފަހުއެވެ. ޔުނައިޓެޑަށް ޑިޕާއީ ކުޅުނު 56 މެޗުން އޭނާއަށް ކާމިޔާބުކުރެވިފައިވަނީ ހަތް ލަނޑެވެ.

މިސީޒަނުގައި ޑިޕާއީ ބޭނުންކޮށްފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. ފުރަތަމަ 11އިން ޖާގަ ލިބިފައިނުވާއިރު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އޭނާ މިސީޒަނުގައި ފެނިގެންދިޔައީ އަށް މެޗެއްގައެވެ.

ލިޔޯންގައި ޑިޕާއީ ބޭނުންކުރާނީ ނުވަ ނަންބަރުގެ ޖާޒީއެވެ. އެކްލަބަށް އޭނާ ފުރަތަމަ މެޗެއް ކުޅޭނީ އަންނަ އާދީއްތަ ދުވަހުއެވެ. އެއީ ފްރާންސް ލީގުގައި މާސޭއާ ދެކޮޅަށް ލިޔޯން ކުޅޭ މެޗެވެ.

comment ކޮމެންޓް