އީ ސިނގިރެޓެއް ގޮވުމުގެ ސަބަބުން އެމެރިކާ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

އީ ސިނގިރެޓު ގޮވުމުގެ ސަބަބުން އެންޑުރޫއަށް އަނިޔާތައް ލިބިފައި -- ފޮޓޯ: ފޭސްބުކް

ވޮޝިންޓަން (ޖެނުއަރީ 19): އެމެރިކާގެ އައިޑަހޯއަށް ނިސްބަތްވާ މީހެއްގެ އީ ސިނގިރެޓު އަނގައިގެ ތެރެއަށް ގޮވުމުގެ ސަބަބުން ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

އެންޑްރޫ ހޯލް ނަމަކަށް ކިޔާ މީހަކު ސޯޝަލް މީޑިއާގައި ޝެއާކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން އީ ސިނގިރެޓް ގޮވީ އޭތި ބޭނުން ކުރަމުން ދަނިކޮށެވެ. އޭގެ ސަބަބުން އޭނާގެ ހަތް ދަތް ހަލާކުވެ، މޫނާއި ކަރު ސެކަންޑް ޑިގްރީއަށް އަނދާފައިވާ ކަމަށް ހޯލްގެ ޕޯސްޓުގައިވެ އެވެ.

އަދި ހޮސްޕިޓަލުގެ އައިސީޔޫއިން ފަރުވާ ހޯދުމުން އޭނާގެ ތުންފަތާއި، އަނގައިގެ ތެރެއިންނާއި ކަރުން ޕްލާސްޓިކް އަދި ދަތުގެ އެތިކޮޅުތައް ނަގާފައިވާ ކަމަށް ހޯލް ބުންޏެވެ. މީގެ އިތުރުން އީ ސިނގިރެޓް ގޮވުމުގެ ސަބަބުން އޭނާގެ ސިންކުވެސް ހަލާކުވެފައިވާ މަންޒަރު ފެންނަ ފޮޓޯތައް ހޯލް ޝެއާކޮށްފައިވެ އެވެ.

އީ ސިނގިރެޓް ގޮވުމުގެ ސަބަބުން ސިންކު ހަލާކުވެފައި -- ފޮޓޯ: ފޭސްބުކް

ހޯލް ބުނި ގޮތުގައި އޭނާ އީ ސިނގިރެޓް ބޭނުން ކުރާތާ މިހާރު އަހަރެއް ވެދާނެ އެވެ. އަދި މީގެ ކުރިން އޭނާގެ އީ ސިނގިރެޓް ހޫނުވުން ނުވަތަ ބެޓެރީގެ މައްސަލައެއް ދިމާ ނުވާ ކަމަށް ހޯލްގެ ޕޯސްޓުގައިވެ އެވެ.

"ވޭޕް ކުރުމަކީ ސިނގިރެޓް ބުއިން ހުއްޓާލުމަށް އެހީތެރިވެދޭ އެއްޗެއްކަން އިނގޭ. ނަމަވެސް އެއްވެސް އިންޒާރަކާ ނުލައި އީ ސިނގިރެޓު ގޮވުމަކީ ވެސް އެކަށީގެންވާ ކަމެއްކަން އަހަރެން ދައްކަން ބޭނުން،" ފޭސްބުކުގައި ހޯލް ބުނެފައިވެ އެވެ.

ހޯލްގެ ފޭސްބުކް ޕޯސްޓު މިހާރު ވަނީ 400،000ށް ވުރެ ގިނަ ފަހަރު ޝެއާކޮށްފައެވެ. އޭނާއަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. (ޔާހޫ ނިއުސް)

comment ކޮމެންޓް