ހޮނިހިރު ދުވަހު މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ހިންގަނީ

މީގެ ކުރިން މާލޭގެ މަގުމަތީގައި ނުގަވާއިދުން ބަހައްޓާފައި ހުރި ކުނި ނެގުމުގެ މަސައްކަތް ކުރަނީ: މުޅިމާލެ ސާފުކުރުމުގެ ޕްރޮގްރާމެއް އަންނަ ހޮނިހިރު ދުވަހު ހިންގާނެ --- ސަން ފައިލް ފޮޓޯ

އިންލެންޑް ރެވެނިއު އޮތޯރިޓީ(މީރާ) އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގުޅިގެން އަންނަ ހޮނިހިރު ދުވަހު މުޅި މާލެ ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް އެ ކޮޕަރޭޝަނުން ބުނެފި އެވެ.

މިނިވަން މުއައްސަސާތައް އިޖުތިމާއީ ހަރަކާތްތައް ހިންގާ އާރޯގެ ޗެއާކަން ކުރާ މީރާއިން ބުނީ އެއޮތޯރިޓީގެ އިސްނެގުމަށް ހިންގާ އެހަރަކާތުގައި ގިނަ ފަރާތްތަކުން ބައިވެރިވުމަށް އެދޭ ކަމަށެވެ.

ވެމްކޯއިން އެހަރަކާތުގައި ބައިވެރިވެފައިވާއިރު ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދު ވިދާޅުވީ، އެ ހަރަކާތުގައި ގާތްގަނޑަކަށް 1200 ވަރަކަށް ފަރާތުން ބައިވެރިވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ފުއާދު ވިދާޅުވީ އެފަދަ ޕްރޮގްރާމެއް ހިންގުމުގެ ބޭނުމަކީ ކުންޏާމެދު މީހުން ހޭލުންތެރިކޮށް ކުނި މަގުމައްޗަށް އެޅުމަކީ ކިހާވަރެއްގެ ކަމެއްކަން މީހުންނަށް އަންގައި ހޭލުންތެރިކުރުން ކަމަށެވެ.

އެ ރަސްމިއްޔާތުގައި ފުއާދު ވިދާޅުވީ، ރަށްރަށުގެ މަގުތައް ހާއްސަކޮށް މާލެފަދަ ރަށެއްގެ މަގުތައް ސާފުކޮށް ބޭއްވުމަށް މީހުންގެ ދިރިއުޅުމުގެ ބައެއް އާދަކާދަ ތަކަށް ކުދިކުދި ބަދަލުގެންނަން ޖެހޭ ކަމަށެވެ.

"މިސާލަކަށް ސުޕާރީއެއް ކާލާފައި ވެސް މި އެއްލާލެވެނީ މަގުމައްޗަށް. ސިނގިރޭޓެއް ބޮއެފައިވެސް އުރަ އެއްލާލެވެނީ މަގުމައްޗަށް. މިއީ މާލޭގެ މަގުތަކުން އެންމެ ގިނައިން ފެންނަ ކުނީގެ ދެ ބާވަތް. މި ކަންކަން ބަދަލުކޮށްލެވޭނެ އިންސާނާގެ ބިހޭވިއާއަށް ގެންނަ ކުޑަ ބަދަލަކުން،" ފުއާދު ވިދާޅުވި އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ސާފުކުރުމުގެ ހަރަކާތުގައި ވިހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް ވެމްކޯއިން އެދޭކަމަށް ފުއާދު ވިދާޅުވި އެވެ.

comment ކޮމެންޓް