އިންޑިއާ ޕޮލިހުން ބަންދުކޮށްފައި ހުރި ދިވެހި ވިޔަފާރިވެރިޔާ ދޫކޮށްލީތަ؟

އިންޑިއާގައި ބަންދުކޮށްފައި ހުރި ރާއްޖޭގެ ވިޔަފާރިވެރިޔާ ކަމަށް ބުނާ ޔާފިއު --- ފޮޓޯ/ ޓައިމްސް އޮފް އިންޑިއާ

އަހަރަކަށްވުރެ ގިނަ ދުވަހު އިންޑިއާގެ ތްރިވަނަންތަޕޫރަމްގެ ޕޫޖަޕޫރާ ޕޮލިސް ސްޓޭޝަނުގައި ބަންދުކޮށްފައި ހުރި ދިވެހި ވިޔަފާރިވެރިއެއް ކަމަށްވާ މުހައްމަދު ޔާފިއު، 27 ދޫކޮށްލާނެ ކަމަށް މީގެ ދެހަފްތާއެއް ކުރިން އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓުކުރި އެވެ. ނަމަވެސް އޭނާ ދޫކޮށްލިކަން ޔަގީނެއް ނޫނެވެ.

ޔާފިއުގެ މައްސަލައާ ބެހޭ ގޮތުން ސުވާލު ކުރުމުން ފޮރިން މިނިސްޓްރީން ބުނީ "ޖެހޭނީ ބަލާލަން" ކަމަށެވެ. އޭގެ ފަހުން ތަކުރާރުކޮށް ގުޅުމުންވެސް ފޮރިން މިނިސްޓްރީގެ ޖަވާބެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

މީގެ ދެ އަހަރު ކުރިން ޔާފިއު ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގެ ތުހުމަތުގައި ކަމަށް އިންޑިއާގެ ނޫސްތަކުން ކުރިން ރިޕޯޓުކޮށްފައިވެ އެވެ. އަދި މައްސަލާގައި ދައުވާ އުފުލުމުން ޔާފިއުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް އިންޑިއާގެ ކޯޓުން ހުކުމް ކުރުމުން ޖަލުން އޭނާ ދޫކޮށްލާފައި ވަނީ 2015 އަހަރުގެ ނޮވެމްބަރު މަހުކަމަށްވެ އެވެ.

ޖަލުން ދޫކޮށްލި އިރު ޔާފިއުއަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު ހަމަވެފައިވުމުން ވިސާ ހެއްދެންދެން ކަމަށް ބުނެ ޕޫޖަޕޫރާ ޕޮލިސް ސްޓޭޝަނުގައި އޭނާ ބެހެއްޓި ކަމަށް ޔާފިއުގެ ވަކީލާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ވަނީ ބުނެފަ އެވެ. އަދި ހުއްދައަކާ ނުލައި ޕޮލިސް ސްޓޭޝަނުން ބޭރަށް ނުކުތުން ވެސް މަނާކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

މިމަހުގެ ނުވަ ވަނަ ދުވަހު ޓައިމްސް އޮފް އިންޑިއާ ނޫހުގައި ބުނެފައި ވަނީ ހަފްތާއެއް ތެރޭ ޔާފިއު ދޫކޮށްލާނެ ކަމަށެވެ. އޭގެ ފަހުން މިހާރު ދެހަފްތާ ވެއްޖެ އެވެ.

ކުރިން ޕޮލިސްޓޭޝަނުގެ އެތެރޭގައި ޔާފިއު ބަންދުކޮށްފައި ހުރި ނަމަވެސް އިންޑިއާގެ ހައިކޯޓުން އެންގި އެންގުމަކާ ގުޅިގެން އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ތުރިވަނަންތަޕޫރަމް ސިޓީގެ ގެއަކަށް ބަންދު ބަދަލުކޮށްފަ އެވެ.

comment ކޮމެންޓް