އެމްއެޗު370 ހޯދުމުގެ މަސައްކަތް ރަސްމީކޮށް ހުއްޓާލައިފި

މެލޭޝިއާ އެއާލައިންސްގެ ބޯޓެއް --

ދެހާސް ސާދަވަނަ އަހަރު ވީނުވީއެއް ނޭނގި ގެއްލުނު މެލޭޝިއާ އެއާލައިންސްގެ ފްލައިޓު އެމްއެޗް370 ހޯދުމުގެ މަސައްކަތް، ފްލައިޓު ގެއްލުނުތާ ތިން އަހަރާ ގާތްވެފައި ވަނިކޮށް ރަސްމީކޮށް ހުއްޓާލައިފިއެވެ.

އެމްއެޗު370 ހޯދުމުގެ މަސައްކަތް ކުރަމުން އައީ މެލޭޝިއާ، އޮސްޓްރޭލިއާ އަދި ޗައިނާއިން ގުޅިގެންނެވެ.

މި ތިން ގައުމުގެ ޓްރާންސްޕޯޓު މިނިސްޓަރުން ސޮއިކުރައްވައި ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ، އެމްއެޗް370 ހޯދުމަށް ކަނޑުއަޑިން ބަލަމުން ދިޔަ ސަރަހައްދު ބެލުމުގައި އުޅުނު އެންމެ ފަހު އުޅަނދު، އެސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށާއި، އިންޑިއާ ކަނޑުގެ ދެކުނުން ބެލި 120،000 އަކަ ކިލޯމީޓަރުގެ ސަރަހައްދުން އެމްއެޗް370ގެ ހިލަމެއް ވެފައި ނުވާ ކަމަށެވެ.

"މިވަގުތު ލިބެންހުރި އެންމެ ފުރިހަމަ ސައިންސް، ޓެކްނޮލޮޖީ، މޮޑެލިން އަދި ކަމުގެ އެންމެ އިސް މާހިރުންގެ އެހީގައިވެސް، އެ އެއާކްރާފްޓު ހޯދިފައެއް ނުވޭ،" އެ ބަޔާނުގައި ބުނެއެވެ.

މިދިޔަ މަހުގެ ތެރޭގައި އިންވެސްޓަރުން ވަނީ، ފްލައިޓު ހޯދުމަށް ބަލަމުންދާ ސަރަހައްދުގެ އިތުރުން 25،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް އިތުރަށް ބެލުމަށް ހުށަހަޅައިފައެވެ.

ނަމަވެސް މެލޭޝިއާގެ ޓްރާންސްޕޯޓު މިނިސްޓަރު ލިއޯ ޓިއޮންގް ލައި ވިދާޅުވީ، ފްލައިޓު ހޯދުމަށް ބެލި ސަރަހައްދުގެ ޖުމްލަ، 120،000 އަކަ ކިލޯމީޓަރަށް އަރަން ގާތްވެއްޖެ ކަމަށާއި، އިތުރަށް ބެލިޔަސް އެކަށީގެންވާ ހެއްކެއް ފެންނާނެ ކަމާ މެދު ޝައްކު ކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ހޯދުން ހުއްޓާލައި، ސާޗް ރިޕޯޓު އޮންލައިންކޮށް އާންމު ކުރާނެ ކަމަށާއި، އެ ރިޕޯޓާ ގުޅިގެން ނިންމަންޖެހޭ ނިންމުމެއް އޮތްނަމަ އެކަމެއް ފަހުގެ ތާރީޚެއްގައި ކުރާނެ ކަމަށެވެ.

މެލޭޝިއާގެ ކުއަލަ ލަމްޕޫރުން ޗައިނާގެ ބެއިޖިންގްއަށް، 239 ފަސިންޖަރުންނާއި ކްރޫއިންނާ އެކު ދަތުރުކުރަމުން ދިޔަ އެމްއެޗް370 ފްލައިޓު ހޯދުމުގެ މަސައްކަތް ހުއްޓާލިކަން އިއުލާނުކޮށްފައިވާއިރު، އެ ފްލައިޓުގައި ތިބި ފަސިންޖަރުންގެ އާއިލާތަކުން ދަނީ، މަސައްކަތް ހުއްޓާނުލުމަށާއި، ފްލައިޓަށް ވީ ގޮތެއް ހޯދައިދިނުމަށް ކެނޑިނޭޅި އެދެމުންނެވެ.

އެމްއެޗް370 ފްލައިޓު ހޯދުމުގެ މަސައްކަތުގައި، ފްލައިޓުގެ ބައިތަކެއް ކަމަށް ބެލެވޭ 33 އެތިކޮޅު، އެފްރިކާ ބައްރު ކައިރިން އިންޑިއާ ކަނޑުން ވަނީ ހޯދައިފައެވެ. މޮރިޝަސް، ރިޔޫނިއަން ޖަޒީރާ، މޯޒަމްބީކް، ޓެންޒީނިއާ އަދި ދެކުނު އެފްރިކާގެ އައްސޭރިތަކުން ވަނީ، ބޯޓުގެ ފިޔަގަނޑުގެ ބައިތަކެއް ކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކެއް ފެނިފައެވެ. ނަމަވެސް މިތަކެތީގެ ހަގީގަތެއް، އަދި އެމްއެޗް370 އާ ގުޅުމެއް އޮތްކަމެއް ކަށަވަރު ކުރެވިފައެއް ނުވެއެވެ.

comment ކޮމެންޓް