ފުޓްސަލް ކުޅުންތެރީންނަށް އުފާވެރި ޚަބަރެއް: ނިއު އިން ފުޓްސަލް އެކަޑަމީއެއް ގާއިމު ކުރަނީ

ޓާފް ދަނޑުގައި ކުރިއަށް ދިޔަ ފުޓްސަލް މުބާރާތެއްގެ މެޗެއްގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިފަހަކަށް އައިސް ރާއްޖޭގައި ވަނީ ފުޅާ ދާއިރާއަކަށް ފުޓްސަލް މުބާރާތްތަށް ބޭއްވި ފުޓްސަލް ކުޅޭ ކުޅުންތެރިން ވެސް އިތުރުވެފައެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ފުޓްސަލް ކުޅޭ ކުޅުންތެރީންނަށް އެއްވެސް ކަހަލަ ޕްރޮފެޝަނަލް ތަމްރީނެއް ލިބޭނެ މަގެއް ފަހިވެފައި ނެތެވެ.

ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ ކްލަބު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުުން އެންމެ ފަހުން މިވަނީ ރާއްޖޭގެ ފުޓްސަލް ކުޅުންތެރީން ތަމްރީން ކުރުމަށް ޕްރޮފެޝަނަލް ފުޓްސަލް އެކަޑަމީއެއް ގާއިމް ކުރަން ނިންމައި އެކަން އިއުލާންކޮށްފައެވެ.

މިއަހަރުގެ ސީޒަން ފެށުމުގެ ކުރިން ނިއުގެ ކުޅުންތެރިންނާ އެކު ޓީމުގެ ބޯޑުން ސޯލްޓު ކެފޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ ކަލްބްގެ ޗެއާމަން މުހައްމަދު ޒިޔާދު ވިދާޅުވީ، މިއަހަރުގެ ތެރޭގައި ފުޓްސަލަ އެކަޑަމީއެއް ފްރޮފެޝަނަލް ގޮތެއްގައި ހިންގަން ފަށާނެ ކަމަށާއި އެއާ އެކު އިތުރު ކުޅުންތެރިންތަކެއް އުފެދި ޒުވާނުންގެ މަދުގައި ފުޓްބޯޅައަށް ލޯބި އުފެދިގެން ދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރުގެ ސެކަންޑް ކުއާޓާގައި ހުޅުމާލޭގައި ފުޓްސަލް އެކަޑަމީއެއް، ބޭރުގެ ކޯޗަކާއެކު ފެއްޓުން. ނިއުގެ ފަރާތުން ރާއްޖޭގެ ފުޓްބޯޅަ ތަރައްގީ ކުރުމަށް ބޭނުންވޭ ވަރަށް ގިނަގުނަ މަސަތްކަތްތަކެއް ކޮށްދޭން. އެކަމުގެ ތެރެއިން ކުރެވޭ މަސަތްކަތެއް މިއީ ވެސް،" ޒިޔާދު ވިދާޅުވިއެވެ.

ފުޓްސަލް އެކަޑަމީއެއްގެ އިތުރުން ނިއުއިން ވަނީ ރާއްޖޭގެ ހަތަރު ސަރަހައްދަކަށް އެ ކްލަބްގެ އެކަޑަމީ ފުޅާ ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ބުނެފައެެވެ.

"އަޅުގަނޑުމެންގެ ވިސްނުން އެބަހުރި ރާއްޖޭގެ ހަތަރު ސަރަހައްދުގައި އެކަޑަމީތަށް ހުޅުވަން. އެ ސަރައްހަދުތަކުގެ ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާތަށް ކުރަމުން މިދަނީ،" ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ އެކަޑަމީގެ ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދާނީ ނިއުގެ ސީނިއާ ޓީމްގެ ހެޑް ކޯޗު ޕޯޗުގަލްގެ ބެނާޑޯ ޓަވަރެސްގެ އިރުޝާދުގެ ދަށުން ކަމަށާއި މިހާރުން ފެށިގެން ވެސް އެކަޑަމީއަށް ތުއްތު ކުދިން ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

ނިއުގެ އެކަޑަމީ ރީލޯންޗް ކުރުމުގެ ގޮތުން އަންނަ މަހުގެ 10 ވަނަ ދުވަހު ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

comment ކޮމެންޓް