ލޯޝަންފުޅިތަކެއްގައި ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފި

ލޯޝަން ފުޅިތަކެއްގައި ބ. އަތޮޅު ރިސޯޓަކަށް އެެތެރެކުރަން އުޅެނިކޮށް އަތުލަައިގަތް މަސްތުވާތަކެތި --- ފޮޓޯ// ޕޮލިސް

ލޯޝަން ފުޅިތަކެއްގައި ބ. އަތޮޅު ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 22 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ބ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ޖެނުއަރީ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެ ރިސޯޓަށް "އެރި" ދޯނިން ފޮށިގަނޑެއް ހިފައިގެން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރު ކުރި މީހާގެ ކުޑަކަމުދާ ތަކެތި ޓެސްޓް ކުރި އިރު ޕޮސިޓިވް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓްތައް ފެނިފައި ވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ހަށިގަނޑާއި ހިފައިގެން ދިޔަ ފޮށިގަނޑު ބަލައިފާސްކުރި އިރު ފޮށިގަނޑުތެރެއިން ފެނުނު ލޯޝަން ފުޅި ތެރެއިން،" ފުލުހުން ބުންޏެވެ.

ހައްޔަރު ކުރި މީހާގެ ބަންދަށް ބ. އަތޮޅު މެޖިސްޓްރޭޓް ކޯޓުން ވަނީ ހަތް ދުވަސް ޖަހާފަ އެވެ.

comment ކޮމެންޓް