ރެއާލްގެ ބަލިނުމުގެ ސިިލްސިލާއަށް ސެވިއްޔާއިން ނިމުމެއް ގެނެސްފި

ރޭގެ މެޗަށް ފަހު ސެވިއްޔާގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ

މެޗަކުން ބަލިނުވެ 40 މެޗު ހަމަކޮށްފައިވާ ރެއާލް މެޑްރިިޑްގެ މައްޗަށް 1-2ގެ ނަތީޖާ އަކުން ކުރި ހޯދައިގެން ސެވިއްޔާއިން ރެއާލް ހުއްޓުވައިފިއެވެ.

ރަށުން ބޭރުގައި ރެއާލުން ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު ރެއާލަށް މެޗުގެ ލީޑް ނަގައިދިން ގޯލު ދެވަނަ ހާފްގެ 67 ވަނަ މިނެޓްގައި ކާމިޔާބްކޮށްދިނީ ލިބުނު ޕެނަލްޓީއެއްގައި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އެ ޕެނަލްޓީ ކާމިޔާބްކުރުމާ އެކު ރޮނާލްޑޯ ވަނީ ސްޕެނިޝް ލީގްގައި އެންމެ ގިނަ ޕެނަލްޓީ ކާމިޔާބްކޮށްފައިވާ ހޫގޯ ސަންޗޭޒްގެ ރިކޯޑާ އަރާހަމަކޮށްފައެވެ.

ރެއާލުން ލީޑްގައި އޮވެ މެޗު ނިންމާލަން ދަނިކޮށް 85 ވަނަ މިނެޓްގައި ސެވިއްޔާއަށް ނަތީޖާ އެއްވަރުވީ ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ރެއާލްގެ ރިކޯޑަށް ނިމުމެއް ގެނައި ގޯލު މެޗުގެ އިތުރުވަގުތުގެ ތެރޭގައި ސެވިއްޔާއަށް ކާމިޔާބުކޮށްދިނީ އިންޓަ މިލާނުން ލޯނެއްގެ ދަށުން ސެވިއްޔާއާ ގުޅުނު ފޯވާޑް ސްޓެވަން ޖޮވެޓިޗެވެ. އޭނާ ވަނީ މިދިޔަ ހަފްތާގައި ސެޕްނިޝް ކަޕްގައި ރެއާލްގެ ދަނޑުގައި ކުޅުނު މެޗުގައި ވެސް ގޯލެއް ކާމިޔާބުކޮށްފައެވެ.

ރޭގެ މޮޅާއެކު ސެވިއްޔާއިން ވަނީ 39 ޕޮއިންޓާއި އެކު ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. ސެވިއްޔާއަށް ވުރެން އެއް މެޗު މަދުން ކުޅެ އެއް ޕޮއިންޓްގެ ތަފާތުން އެއްވަނައިގައި އަދިވެސް އޮތީ ރެއާލްއެވެ.

comment ކޮމެންޓް