ފިލްމުފެއާ އެވޯޑު: އެންމެ މޮޅު އެކްޓަރުންނަށް އާމިރު އަދި އާލިއާ

ފިލްމުފެއާ އެވޯޑުގެ އެންމެ މޮޅު އެކްޓަރުންނަށް ހޮވުނީ އާމިރު ޚާން (ދަންގަލް) އަދި އާލިއާ ބަޓް (އުޅްތާ ޕަންޖާބް) ---

ޖެނުއަރީ 14 ވަނަ ދުވަހު އިންޑިއާގެ މުމްބާއީގައި ބޭއްވި 62 ވަނަ ޖިއޯ ފިލްމްފެއާ އެވޯޑްސްގެ އެންމެ މޮޅު އެކްޓަރުންގެ އެވޯޑު އާމިރު ޚާން އަދި އާލިއާ ބަޓް ހޯދައިފި އެވެ.

ޝާހް ރުކް ޚާން، ސަލްމާން ޚާން އަދި އަމީތާބް ބައްޗަން އާ ވާދަކޮށް އާމިރު ޚާން އެންމެ މޮޅު އެކްޓަރުގެ އެވޯޑު ހޯދީ ބޮލީވުޑުގެ ތާރީޚުގައި ވެސް އެންމެ ބޮޑު އާމްދަނީއެއް ހޯދި ‘ދަންގަލް’ގައި އޭނާ ކުޅެފައިވާ އާދަޔާޚިލާފު ރޯލުންނެވެ. އާލިއާ ބަޓް އެންމެ މޮޅު ބަތަލާގެ އެވޯޑު ހޯދީ ‘އުޅްތާ ޕަންޖާބް’ ގައި އޭނާ އަދާކޮށްފައިވާ ރޯލުންނެވެ.

ފިލްމުފެއާ އެވޯޑުގައި މި އަހަރު އެންމެ ފާހަގަކޮށްލެވޭ އެވޯޑުތައް ގެންދިޔައީ ފިލްމު ‘ދަންގަލް’ އެވެ. އެ ފިލްމަށް އެންމެ މޮޅު ފިލްމުގެ އެވޯޑު ލިބުނު އިރު، އެ ފިލްމުން ނިތޭޝް ތިވާރީ ވަނީ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ވެސް ހޯދައިފަ އެވެ.

ކްރިޓިކްސް އިން ހޮވާ އެންމެ މޮޅު އަންހެން އެކްޓަރަކަށް ހޮވުނީ ފިލްމު ނީރްޖާ އިން ސޯނަމް ކަޕޫރު އެވެ. 'ނީރްޖާ' އަށް ވަނީ ކްރިޓިކްސް އިން ހޮވި މޮޅު ފިލްމުގެ އެވޯޑު ވެސް ލިބިފަ އެވެ. އަދި އެންމެ މޮޅު ފިރިހެން އެކްޓަރަކަށް ހޮވުނީ 'އުޅްތާ ޕަންޖާބް' އިން ޝާހިދު ކަޕޫރު އަދި ފިލްމު 'އަލީގަރް' އިން މަނޯޖް ބާޗްޕައީ އެވެ.

ފިލްމު 'ނީރްޖާ' އަދި 'ކަޕޫރް އެންޑް ސަންސް (ސިންސް 1921)' ވެސް ވަނީ ފިލްމުފެއާ އެވޯޑުގައި ބޮޑު ކާމިޔާބެއް ހޯދައިފަ އެވެ. ދެ ފިލްމަށް ވެސް ވަނީ ފަސް އެވޯޑެއް ލިބިފަ އެވެ.

ފިލްމުފެއާ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ހޯދީ އެކްޓަރު ޝަތުރުގަން ސިންހާ އެވެ.

އެންމެ މޮޅު މިއުޒިކް އަލްބަމް އަކަށް 'އޭ ދިލް ހޭ މުޝްކިލް' ހޮވުނު އިރު، އެންމެ މޮޅު ލިރިކްސް ލިބުނީ އެ ފިލްމަށް އަމީތާބް ބަޓަޗާރިޔާ ތައްޔާރުކޮށްދިން 'ޗަންނާ މޭރެޔާ' އަށެވެ. އަދި އެންމެ މޮޅު ޕްލޭބެކް ލަވަކިޔުންތެރިޔާގެ އެވޯޑު ވެސް ލިބުނީ އެ ފިލްމުގެ ޓައިޓްލް ލަވަ 'އޭ ދިލް ހޭ މުޝްކިލް' ކިޔައިދިން އަރިޖީތު ސިންގ އަށެވެ.

އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާގެ އެވޯޑު ލިބުނީ ފިލްމު 'ސުލްތާން' ގެ 'ޖަގް ގޫމެޔާ' ކިޔައިދިން ނޭހާ ބާސިން އަށެވެ.

comment ކޮމެންޓް