ޕަޔެޓް ޖޫރިމަނާ ކުރަން ވެސްޓްހޭމް ތައްޔާރުވެއްޖެ

ވެސްޓް ހޭމް ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޑިމިޓްރީ ޕަޔެޓް: އޭނާ ބޭނުންވަނީ، އޭނާގެ ކުރީގެ ކްލަބު މާސޭއަށް ބަދަލުވާން -- ފޮޓޯ: ގޯލް

ގޮތްދޫކޮށް، ކްލަބަށް ބިރުދެއްކުން ހުއްޓާ ނުލައިފި ނަމަ ވަރުގަދަ ޖޫރިމަނާއަކާ ކުރިމަތިލާން ޖެހިދާނޭ ކަމަށް ބުނެ، ވެސްޓްހޭމް ޔުނައިޓެޑުން އެ ކްލަބުގެ ފްރާންސް މިޑްފީލްޑަރު ޑިމިޓްރީ ޕަޔެޓަށް އިންޒާރު ދީފި އެވެ.

ވެސްޓްހޭމްގެ ކޯޗް ސްލެވަން ބިލިޗް ބުނެފައިވާ ގޮތުން ޕަޔެޓް ވަނީ، ވެސްޓްހޭމް ދޫކޮށް ދާން ބޭނުންވާ ކަމަށް އެ ކްލަބަށް އަންގައިފަ އެވެ. އެހެން ނަމަވެސް ވެސްޓްހޭމުން ބުނެފައި ވަނީ، ޕަޔެޓްގެ ކޮންޓްރެކްޓް ހަމަ ނުވާ ކަމަށާއި، ކްލަބަށް ބިރުދެއްކުން އޭނާ ހުއްޓާ ނުލައިފި ނަމަ، 250,000 ޕައުންޑުގެ ޖޫރިމަނާއަކާ ކުރިމަތިލާން ޖެހިދާނޭ ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން، ޕަޔެޓް ގެންދަން، ފްރާންސްގެ މާސޭއިން ވަނީ، ވެސްޓްހޭމަށް 20 މިލިއަން ޕައުންޑުގެ ހުށަހެޅުމެއް ހުށަހަޅައިފަ އެވެ. އެހެން ނަމަވެސް ވެސްޓްހޭމުން ވަނީ އެ ހުށަހެޅުން އަނބުރާ ފޮނުވާލައިފަ އެވެ.

ޕަޔޭޓް އެ ކްލަބުން ބުނާގޮތް ނުހަދައިފި ނަމަ، ޕްރޮފެޝަނަލް ފުޓްބޯލް އެސޯސިއޭޝަންސް (ޕީއެފްއޭ) ހުއްދަދޭ އެންމެ ބޮޑު އަދަދު ކަމަށްވާ ދެހަފްތާގެ އުޖޫރައަށް ޖެހޭ އަދަދުން އޭނާ ޖޫރިމަނާ ކުރުމަށް ވެސްޓްހޭމުން ތައްޔާރުވަމުން ދާކަމަށް ރިޕޯޓުތައް ބުނެ އެވެ.

މާސޭއިން 2015 ވަނަ އަހަރު ވެސްޓްހޭމްއާ ގުޅުނު ޕަޔެޓް، ހުރީ އޭނާގެ ކުރީގެ ކްލަބުން އިތުރު ހުށަހެޅުމެއް ލިބިއްޖެ ނަމަ އެ ކްލަބާ ގުޅުމަށް ނިންމައިގެންނެވެ.

ޕަޔެޓް ވިއްކާލަން ވެސްޓްހޭމްއިން އެއްބަސް ނުވެއްޖެ ނަމަ، އަދި ކްލަބާ އެކު އޭނާ ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަމުން ނުދާނަމަ ސީޒަން ނިމޭއިރު، އޭނާއަށް ދެ މިލިއަން ޕައުންޑުގެ ޖޫރިމަނާއަކާ ކުރިމަތިލާން ޖެހުން އެކަށީގެން ވެއެވެ.

ޕްރިމިއާ ލީގުގައި މިރޭ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ވެސްޓްހޭމް ކުޅޭ މެޗުން ޕަޔެޓަށް ފުރުސަތު ދީފައި ނުވާ އިރު، ވެސްޓް ހޭމްގެ ލަންޑަން ސްޓޭޑިއަމްގެ ބޭރުގައި ބަހައްޓާފައި ހުރި ޕަޔޭޓްގެ ބިޔަ ޖާޒީ ނެގުމަށް ވެސް އެ ކްލަބުން ވިސްނަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

comment ކޮމެންޓް