މެމްބަރުންނާއި ވަޒީރުންގެ ތައުރީފު މެޑަމް ފާތުންނަށް

ރައީސް ޔާމީންގެ ކެމްޕޭން ފެށުމަށް 'ފެށުން' ނަމުގައި ހުޅުމާލޭގައި ބޭއްވި ޖަލްސާގެ ތެރެއިން --- ސަންފޮޓޯ// މުހައްމަދު އަފްރާހް

ސަރުކާރަށް ތާއީދު ކުރައްވާ ފަރާތްތަކުން "މަހާ ރެހެންދި"ގެ ނަމުން ނަންދީފައިވާ މި ސަރުކާރުގެ ފަސްޓް ލޭޑީ މެޑަމް ފާތިމަތު އިބްރާހިމަށް ބަޔަކު ތައުރީފު ކުރުމަކީ އާ ކަމެއް ނޫނެވެ. ނަމަވެސް އެއް ޖަލްސާއެއްގައި ވާހަކަ ދެއްކި އެންމެން މެޑަމް ފާތުންއަށް ތައުރީފް ކުރުމުން އެވާހަކަ އެބަ ދައްކަން ޖެހެ އެވެ.

ރޭ ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި ކުރިއަށް ދިޔަ ޖަލްސާގައި ވާހަކަފުޅު ދެއްކެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ދައުލަތުގެ ވަޒީރުން ވެސް ހުއްޓުމެއް ނެތި ތައުރީފު އޮއްސަމުން ދިޔައީ މެޑަމް ފާތުން އަށެވެ. މިއަދު ސަރުކާރު ހިންގުމާ ހަވާލުވެ ވަޑައިގެން ހުންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ކެމްޕޭން ފެށުމަށް "ފެށުން" އެ ނަމުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ބޮޑަށް ދެކެވުނީ މެޑަމް ފާތުންގެ ކެރޭ ހީވާގި ކަމުގެ ވާހަކަ އެވެ.

ބައެއް ފަރާތްތަކުން ވިދާޅުވާ ގޮތުން ރައީސް ޔާމީންއަށް ވެރިކަމަށް އާދެވުމުގެ އަސްލަކީ މެޑަމް ފާތުން އެވެ. އެކަމަނާގެ ހީވާގި ކެރޭ މަސައްކަތްތަކާއި ދުރުވިސްނުމާ އެކު ކުރިއަށް ގެންދިޔަ ކެމްޕޭނުގެ ނަތީޖާ އަކީ ރައީސް ޔާމީނަށް ވެރިކަން ލިބިވަޑައިގަތުން ކަމަށާއި 2018 ވެސް ރައީސް ޔާމީން ކާމިޔާބު ކުރައްވާނީ އެކަމަނާގެ އިރުޝާދާއި މަސައްކަތުން ކަމަށް ވިދާޅުވެ، ހުރިހާ މެމްބަރުންނާއި ވަޒީރުން ވެސް ވަނީ ވިދާޅުވެފަ އެވެ.

މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ އެކަކަށް ވުރެ ގިނަ މީހަކާ އިނދެގެން އުޅޭ މީހެއްގެ ހައިސިއްޔަތުން "ކާމިޔާބު ކޮންމެ ފިރިހެނެއްގެ ފަހަތުގައި ކާމިޔާބު އަންހެނަކު ހުންނާނެ" ދަންނަވަން ޖެހޭ ކަމަށެވެ. މެޑަމް ފާތުން މިއަދު ސާބިތުކޮށްދެއްވަނީ އެކަން ކަމަށާއި، އެއީ ހަގީގަތް ކަމަށް ރިޔާޒު ރަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ނަސަންދުރާ ތެރޭން ވެސް ފެނިގެން ދިޔަ 2013 ގައި އެކަމަނާ ކުރެއްވި މަސައްކަތްތަކެއް. އެމަސައްކަތް އެކަމަނާ ކުރެއްވީތީވެ ރައީސް ޔާމީނަށް މިދައުރު ލިބިގެންދިޔައީ. އެއީ ޝައްކު އުފައްދަން ޖެހޭ ކަމެއް ނޫން،" ރިޔާޒް ރަޝީދު ވިދާޅުވި އެވެ.

ުމެމްބަރުން ވިދާޅުވީ މެޑަމް އަކީ އެފަދަ ދެވަނައެއް ނެތް "އޯގާތެރި ކަނބަލެއް" ކަމުގަ އެވެ. ރާއްޖޭގެ ތާރީހުގައި ވެސް އެވަރުގެ އޯގާތެރި މަޑުމައިތިރި ބޭކަނބަލެއް ނުދެކޭ ކަމަށް މަޖިލީހުގެ ދަނގެތީ ދާއިރާގެ މެެމްބަރު އިލްހާމް އަހުމަދު ވިދާޅުވި އެވެ.

"މެޑަމް ފާތިމަތު އިބްރާހިމަކީ މި ރާއްޖޭގެ ތާރީހު ނުދެކޭ ފަދަ ޓަފް ހެޔޮލަފާ ބޭފުޅެއް،" އިލްހާމް ވިދާޅުވި އެވެ.

ެމެޑަމް ފާތުން ކަހަލަ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ފަސްޓްލޭޑީއެއް މިހާތަނަށް ފެނިފައި ނުވާ ކަމަށް މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މާޒީގައި ވެސް ވަރަށް ގިނަ ފަސްޓްލޭޑީން އުޅުއްވައިފި. އެހެންނަމަވެސް އަޅުގަނޑުމެންގެ މިއަދުގެ ފަސްޓްލޭޑީ ވަރުގެ ހީވާގި މުރާލި އޯގާތެރި ރައްޔިތުންނާ ގާތުން ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ އިހުސާސްތަކަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކުރެއްވި ފަސްޓްލޭޑީއަކު އަޅުގަނޑުމެންގެ ތާރީހުން ދެކެފައެއް ނެތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މެޑަމް ފާތުންނަށް މެމްބަރުންނާއި ވަޒީރުން ތައުރީފު ކުރެއްވީ ހަމައެކަނި ކެމްޕޭނާ ގުޅުވައިގެނެއް ނޫނެވެ. ރޭގެ ޖަލްސާއަށް ގިނަ އަދެއްގެ މީހުން އެއްކޮށްފައި އޮތުމަކީ އެކަމަނާ އަށް "ވާނެ ކަމުގެ" ހެކި ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ.

އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވީ އެބޭފުޅުން ޖަލްސާއަށް މީހުން އެއްކުރުމަށް ނުނިދާ ހޭލާ ހަފްތާ އަކު އުޅެން ޖެހޭ ކަމަށާއި ނަމަވެސް މެޑަމް ޖަލްސާއަށް ގިނަ އަދަދެއްގެ މެމްބަރުން އެއްކުރީ ދެ ގަޑިއިރުން ކަމަށެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ 2023ގައި ވެރިކަމަށް އަންނަ ބޭފުޅަކު މެޑަމް ފާތުން ފަދަ އަނބިކަބަލެއް ގެންގުޅުމަކީ ޝަރުތެއް ކަމަށެވެ.

"ދެހާސް ތޭވީހުގައި ކުރިމަތިލައްވާ ކެންޑިޑޭޓަކު. އެއީ ފިރިހެން ބޭފުޅެއް ކަމުގައި ވެއްޖެއްޔާ މެޑަމް ފާތުން ފަދަ އަނބިކަނބަލަކު ގެންގުޅުންވަން ހަނދުމަފުޅު ކުރައްވައްޗޭ. އެއީ ޝަރުތެއް،" ނިހާން ވިދާޅުވި އެވެ.

ކޮންމެއަކަސް މީގެ ކުރިން ރާއްޖޭގެ ފަސްޓްލޭޑީއަކަށް ގިނަ ބައެއް ތައުރީފު ލިބިފައި ނެތްކަން އެއީ ހަގީގަތެވެ. ނަމަވެސް މިހާރު މަންޒަރު ތަފާތެވެ. ގިނަ ބަޔަކު ތައުރީފު އެ ކުރަނީ ރައީސް ޔާމީނުގެ އަނބިކަނބަލުންނަށެވެ.

comment ކޮމެންޓް