ޑްރާމާ ލިޔަން ދަސްކޮށްދޭ ކޯހެއް ގައުމީ ކުތުބުޚާނާއިން ފަށަނީ

ގައުމީ ކުތުބުޚާނާގެ ފަރާތުން، ޑްރާމާ ލިޔަން ދަސްކޮށްދިނުމުގެ ކޯހެއް ފަށަން ނިންމައި، ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޭކް އަ ސްޕޭސް ޕްރޮގްރާމްގެ ދަށުން ގައުމީ ކުތުބުޚާނާއާއި ކްރިއޭޓިވް ޕައިނިއާސް ގުޅިގެން ހިންގަން ނިންމާފައިވާ އެއް މަސް ދުވަހުގެ އެ ކޯސް އޮންނާނީ މިމަހުގެ 23 އިން ފެބްރުއަރީ 23 އަށެވެ. އަދި ކޯސް ކުރިއަށްދާނީ ކޮންމެ ދުވަހެއްގައި ވެސް ހެނދުނު 10:00- މެންދުރު 12:00 އަށެވެ.

ގައުމީ ކުތުބުޚާނާގެ ލައިބްރޭރިއަން ވިދާޅުވީ، އެ ކޯހުގައި ޖުމްލަ 20 ޖާގަ ހުޅުވާލާފައިވާއިރު، ޑްރާމާ ލިޔުމުގެ ޝައުގުވެރިކަން ހުރި ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.

އަދި ވިދާޅުވީ ދިވެހި ތަޖުރިބާކާރުން ކިޔަވައިދޭ އެ ކޯހުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ.

ޑްރާމާ ލިޔަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އެކަމަށް އެދި ހުށަހަޅާ ފޯމް އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ގައުމީ ކުތުބުޚާނާއަށް ހުށަހަޅަންޖެހެއެވެ. އަދި ބައިވެރިވުމަށް އެދޭ ފޯމް ގައުމީ ކުތުބުޚާނާ އިންނާއި އެ ސެންޓަރުގެ ވެބްސައިޓުން ލިބޭނެއެވެ.

comment ކޮމެންޓް