ދިވެހި ޒުވާން ބޭންޑު ހީރާޕަންނާއިން އިންޑިއާގައި އިތުރު ޝޯ އެއް ދިނުމަށް ތައްޔާރުވަނީ

އިންޑިއާގެ ސަގާފީ ފެސްޓިވަލްގެ ދަށުން ލަކްނައުގައި ހީރާޕަންނާއިން ޝޯ ދެނީ --- ފޮޓޯ: މޯލްޑިވްސް އާޓް ކަލެކްޓިވް

އިންޑިއާގެ ސަގާފީ ގުޅުންތަކާ ބެހޭ ކައުންސިލު އައިސީސީއާރުން އިންތިޒާމުކޮށްގެން ބާއްވާ އަހަރީ ސަގާފީ ފެސްޓިވަލުގައި ދިވެހި ޒުވާން އެލްޓަނޭޓިވް ރޮކް ބޭންޑު "ހީރާޕަންނާ"އިން އުއްތަރަޕްރަދޭޝްގެ ލަކްނައުގައި ޝޯ ދިނުމަށްފަހު އިތުރު ޝޯ އެއް ދޭން ތައްޔާރުވެއްޖެއެވެ.

ހީރާޕަންނާއިން މިދިޔަ ހޯމަ ދުވަހުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިންޑިއާއަށް ގޮސްފައި ވަނީ އައިސީސީއާރުގެ ދައުވަތަކަށެވެ. އެ ދަތުރުގެ ހުރިހާ ކަމެއް ވެސް ބަލަހައްޓައިދެނީ ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންގެ އިންޑިއަން ކަލްޗަރަލް ސެންޓަރުންނެވެ.

ޒުވާން ބޭންޑު ހީރާޕަންނާގެ މެންބަރުންނަކީ މުޙައްމަދު އަލޫފް ޢަބްދުﷲ (ވޯކަލް އާއި ލީޑް ގިޓާ)، ޔޫސުފް އަޔާން ރާމިޒް (ރިދްމް އާއި ލީޑް ގިޓާ)، މިޖުވާދު މާޖިދު (ބޭސް)، އަދި މުޙައްމަދު އަނަސް ޙަސަން (ޑްރަމް)އެވެ.

އެ ބޭންޑުން ވަނީ މި މަހުގެ 20ވަނަ ދުވަހު އެ ބޭންޑުގެ ފުރަތަމަ އެކްސްޓެންޑަޑް ޕްލޭ (އީޕީ) ނެރެފައެވެ. "ދުނިޔަވީ އުސޫލު"ގެ ނަމުގައި ނެރުނު އީޕީ 'ސްޕޮޓިފައި' އިން އަޑުއަހައިލެވޭނެއެވެ.

ދިވެހި ބޭންޑު ހީރާޕަންނާއިން ބީއެމްއެލްގެ ކާނިވާގައި ހުށަހެޅުން ދެނީ --- ފޮޓޯ: މޯލްޑިވްސް އާޓް ކަލެކްޓިވް

ހީރާޕަންނާއިން ބުނީ އިންޑިއާގެ ސަގާފީ ފެސްޓިވަލުގެ ތެރެއިން ލަކްނައުގައި ޝޯ ދީ ނިމިއްޖެ ކަމަށެވެ. އެހެންކަމުން އެ ބޭންޑުން ދެން ޝޯ ތައް ދިނުން އޮތީ ކަޓަކާގައި ބާއްވާ ޓްރޭޑް ފެއާ ބަލިއާޓްރާގަ އާއި ގުޖަރާތުގެ ކަޗްގައި އޮންނަ ރަން އުޓްސަވް ފެސްޓިވަލްގަ އާއި އިންޑިއާގެ ވެރިރަށް ނިއުދިއްލީގައެވެ.

ހީރާޕަންނާއަކީ ޒުވާން މިއުޒިކް ބޭންޑުތަކުގެ ފަންނުވެރިކަމާއި ހުނަރު ދައްކައިލުމަށްޓަކައި "އަސާސީ ކިލާސް"ގެ ނަމުގައި ބާއްވަމުން އަންނަ ޝޯ ތަކުގެ ތެރެއިން ތައާރަފުވި ބޭންޑެކެވެ. ފާއިތުވި ދެ އަހަރު އެކި އެކްސްޕޯތަކާއި ހަފުލާތަކުގައި ވެސް ހީރާޕަންނާއިން ވަނީ ހުށަހެޅުންތައް ދީފައެވެ. އޭގެ ތެރޭގައި މި މަހު ގައުމީ ބޭންކު ބީއެމްއެލުން ބޭއްވި ކާނިވާ ވެސް ހިމެނެއެވެ.

އެ ބޭންޑުން ބުނީ އިންޑިއާގައި އޮންނަ ސަގާފީ ފެސްޓިވަލުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނީ މޯލްޑިވްސް އާޓް ކަލެކްޓިވްއާއި ރީފްރެކްޝަން އިވެންޓްސްއާއި ކޭ ކޮންސެޕްޓްސްގެ އެހީތެރިކަމާއެކު ކަމަށެވެ.

comment ކޮމެންޓް